ޅ. ހިންނަވަރުގެ މޮނިޓަރިންގެ ހާލަތު އުވާލައިފި އެވެ.
ކޯވިޑް ކޭސްތަކެއް ފެނި ހިންނަވަރު މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ހިންނަވަރު ކައުންސިލަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ބަލަން ޖެހޭ ކަންކަން ބަލައި މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި މޮނިޓަރިންއަށް ލައި އެޅި ފިޔަވަޅުތައް އުވާލާފައިވާ ކަމަށެވެ.
މިދިޔަ މަހުގެ 27 ން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހިންނަވަރުން 26 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ޕޮސިޓިވްވި ދެ މީހަކާއި ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި ދެ މީހެކެވެ. ދެން އެ ރަށުން ޕޮސިޓިވްވެފައިވަނީ ޕޮސިޓިވް މީހުންނާއި ކޮންޓެކްޓުންގެ ގޮތުގައި ބެލެވިގެން ޓެސްޓު ކުރި 21 މީހަކާއި ހޯމް ކަރަންޓީން ފުރިހަމަ ކުރި މީހެކެވެ.
މީގެ ތެރެއިން ބައެއް މީހުންނަކީ ޅ. އަތޮޅުގައި ސަރުކާރުގެ މަސް ބަންދުކުރާ ފެކްޓްރީ ހިންގާ ފެލިވަރުގެ ޕޮސިޓިވް ކޭސްތަކާއި ގުޅުން ހުރި މީހުންނެވެ. ފެލިވަރުގެ ކޭސްތަކާއި ގުޅުން ހުރި މީހުން އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ޕޮސިޓިވްވި އެވެ.
ހުރިހާ ރަށެއް މޮނިޓަރިންއަށް ލުމަށް ފަހު އޮޅުވެލިފުއްޓާއި ކުރެންދޫގެ މޮނިޓަރިންގެ ހާލަތު މިހާރު ވަނީ އުވާލާފައި އެވެ. މިއަދު ހިންނަވަރު އާންމުކޮށް ހުޅުވާލުމުން މިހާރު އެ އަތޮޅުގައި މޮނިޓަރިންގެ ހާލަތުގައި އޮތީ ނައިފަރާއި ފެލިވަރު އެކަންޏެވެ.
މޮނިޓަރިންގެ ހާލަތުގައި މިވަގުތު 19 ރަށެއް އެބަ އޮތެވެ. އޭގެ ތެރެއިން މިއަދު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އއ. މަތިވެރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް