ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ ދަށުން ، ޞިނާޢަތެއްގެ ގޮތުގައި، ދަނޑުވެރިކަން ތަރައްޤީ ކުރުމުގެ ޒިންމާއާއި މަސްއޫލިއްޔަތާއެކު ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި، އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އަށް މިއަދު އެއް އަހަރު ފުރުނީއެވެ.
މި ކުންފުނި އުފެއްދެވީ 21 އޭޕްރިލް 2020 ގައެވެ. މިއަދަކީ އެގްރޯނެޓްގެ ފުރަތަމަ އަހަރީ ދުވަހެވެ. މި މުނާޞަބަތުގައި ، ޢާންމުކޮށް އެންމެހައި ދިވެހި ދަނޑުވެރިންނާއި ، ޚާއްޞަކޮށް އެގްރޯނެޓާ އެކު މަސައްކަތްކުރައްވާ ލޮބުވެތި ދަނޑުވެރިންނަށް ، އަދި ކުންފުނީގެ ހީވާގި މުވައްޒަފުންނަށް ، އަހަރީ ދުވަހުގެ ތަހުނިޔާ އާއި ، އިޚުލާސްތެރި ހެޔޮ އެދުންތައް އެ ކުންފުނިން އަރިސްކުރެއެވެ.
"ފާއިތުވި އަހަރަކީ ، ދަނޑުވެރިކަމުގެ ރޮނގުން، ކާމިޔާބު މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަން ފާހަގަކޮށް ، ދިވެހި ސަރުކާރާއި އެހީ ދޭ ފަރާތްތަކާ އަދި ރާއްޖޭގެ ހީވާގި ދަނޑުވެރިންނާއި އެގްރޯނެޓްގެ އެންމެހައި މުވައްޒަފުންނަށް އިޚްލާޞްތެރި ކަމާއެކު ޝުކުރު ދަންނަވަމެވެ. " އެ ކުންފުނިން ބުނެފައިވެއެވެ.
ކޯވިޑް-19 އާގުޅިގެން ، ރާއްޖެއަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ، އިޤްތިޞާދީ ވަޞީލަތްތައް ހޯދައި ތަރައްޤީ ކުރުމަށްޓަކައި ، ޤައުމީ ފެންވަރުގައި ، ކުރިއަށް ގެންދާ ޕްރޮގުރާމެއްގެ ގޮތުގައި ކޮންޓްރެކްޓް ފާމިންގ އެގްރޯ ނެޝަނަލް ކޯޕަރޭޝަނުން ވަނީ ރާއްޖެއަށް ތަޢާރުފު ކޮށްފައެވެ. މިޕްރޮޖެކްޓްގެ މައިގަނޑު ލަނޑުދަނޑިއަކީ ، ދަނޑުވެރިކަމުގެ ފުއްދުންތެރިކަން އިތުރުކުރުމާއި ، ކާބޯތަކެތީގެ ޖަމާއެއް އެކަށީގެންވާ މިންވަރަކަށް ، ރާއްޖޭގައި ހުންނާނެކަން ޔަޤީންކުރުމުގެ ވިސްނުން ފުޅާކުރުން ކަމަށާއި މިފަދަ ތަޞައްވުރެއް ޙާޞިލު ކުރެވޭނީ ދަނޑުވެރިންގެ މެދުގައި ތަނަވަސް, ، ފުއްދުންތެރި އަދި ތިމާވެއްޓާ ރަޙްމަތްތެރި ވިޔަފާރިކުރުމުގެ އުކުޅުތައް ތަޢަރުފްކޮށް އާލާކޮށް ، ދަނޑުވެރި ކަމުގެ ވިޔަފާރީގެ އައު ޖީލެއް އުފެއްދިގެންކަން އެ ކުންފުނިން ޤަބޫލު ކުރެއެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްޤީކުރުމަށް ، ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ، އެހީތެރިކަން ފޯރުކޮށްދީ އިޤްތިޞާދީ ޢާންމު ޙާލަތަށް ވާޞިލުވުމަށް އެ ކުންފުނީގެ ދަނޑުވެރިކަމުގެ މަޝްރޫޢުން އެހީތެރިކަން ލިބިގެންދާނެ ކަމުގައިވެސް އެ ކުންފުނިން ހާމަކުރެއެވެ.
އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ކޮންޓްރެކްޓް ފާމިންގ މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 45 ރަށެއް އިޚްތިޔާރު ކުރެވި ، އޭގެތެރެއިން ، ކޮންޓްރެކްޓް ފާމިންގއަށް ތައްޔާރުވެ ، ދަނޑުވެރިންނާއެކު އެގްރީމެންޓް ކުރެވިފައިވާ ރަށްރަށުގައި ، ދަނޑުވެރިކަމުގެ ޢަމަލީ މަސައްކަތް ފެށިގެން ކުރިއަށް ދާކަން އެ ކުންފުނިން އުފަލާ އެކު ފާހަގަ ކުރެއެވެ.
"މުޑުވަށްކުރާހިސާބުން ފެށިގެން ، ތަކެތިކެނޑުމާހަމަޔަށް އިންތިޒާމު ކުރެވިގެން ، ބެލެހެއްޓިގެން ކުރެވޭ ދަނޑުވެރިކަމުގެ މިމަޝްރޫޢުގެ ދަށުން ، އުފައްދާނެ 17 ބާވަތެއް ކަނޑައެޅުމަށް ފަހު ، ކޮންމެ ދަނޑުވެރިއަކު ވެސް ހައްދާނެ ދެބާވަތެއް އިޚުތިޔާރު ކުރުމުގެ ފުރުޞަތު ވަނީ ދެވިފައެވެ. އަދި ދިވެހި ދަނޑުވެރިން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް މިކުންފުނިން ގަނެ ، ބާޒާރުގައި ވިއްކުމުގެ އިންތިޒާމުވަނީ ކުރެވިފައެވެ. ޒަމާނުއްސުރެ ރާއްޖޭގެ ދަނޑުވެރިން ތަޙައްމަލު ކުރަމުން ގެންދާ މާރކެޓު ކުރުމުގެ މައްސަލައަށް ، އެގްރޯނެޓް އައުމާއެކު ، އެކަށީގެންވާ ޙައްލެއް ލިބިއްޖެއެވެ." އެ ކުންފުނިން ބުނެފައވެއެވެ.
އެ ކުންފުނިން މައުލޫމާތުދެއްވާގޮތުގައި ކޮންޓްރެކްޓް ފާމިންގއަށް ދިވެހި ދަނޑުވެރިންގެ ފަރާތުން ލިބޭ ތަރުޙީބާއި ، އެއްބާރުލުން ފާހަގަ ކޮށްލެވެއެވެ. 1500 އަށް ވުރެ ގިނަ ދަނޑުވެރިން ، މިމަޝްރޫޢުގައި ބައިވެރިވުމުގެ ޝައުޤުވެރިކަން ފާޅުކޮށް ފޯމު ހުށަހަޅާފައި ވެއެވެ. އަދި މިހާތަނަށް 400 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއި ކުރެވި ، އިތުރު 684 ފަރާތަކާއެކު އެގްރިމެންޓް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ކުންފުނީގެ އިދާރީ އަދި ފަންނީ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ދާއިރު ، ދަނޑުވެރިންގެ މަސައްކަތުން ކޮންޓުރެކްޓް ފާމިންގެ ފޮނި މީރުކަން މިހާރު ދަނީ ލިބެމުންނެވެ. އެ ކުންފުނީގެ ދަނޑުވެރިންގެ އުފެއްދުންތައް މިހާރުވަނީ ބާޒާރަށް ނެރެވިފައެވެ. ރަމަޟާން މަހަށް ޚާއްޞަކޮށްގެން އުފައްދާފައިވާ ދަނޑުވެރިކަމުގެ ބާވަތްތައް ބާޒާރަށް ނެރެވިގެން ދިއުމަކީ ، ބާޒާރުގައި އާދަޔާ ޚިލާފަށް އަގުތައް އުފުލިގެންދާ މައްސަލައަށް ލުޔެއް ލިބޭނެ ކަމެއްކަން ފާހަގަކުރެއެވެ.
އެ ކުންފުނިން އިންތިޒާމްކޮށްގެން ހިންގާ ، ސުކޫލު ނާސްތާ ޕުރޮގުރާމަށް ބޭނުންވާ ފަތްކޭލާއި ކުކުޅު ބިސް ފޯރުކޮށް ދިނުމުގެ މަސައްކަތް ، ކާމިޔާބު ކަމާއެކު ހިންގޭކަންވެސް އެ ކުންފުނިން އުފަލާއެކު ފާހަގަ ކުރަނީ ކުރެވޭ ޤައުމީ މަސައްކަތެއްގެ ގޮތުގައެވެ. މިޕްރޮގުރާމްގެ މަސައްކަތް ވިލަރެސް ކުރުމަށްޓަކައި ، އެ ކުންފުނީގެ މުވައްޒަފުން ގެންދަނީ އަތޮޅުތަކުގައި އަދި ރަށްރަށުގައި ޙަރަކާތްތެރި ވަމުންނެވެ. އެ ކޯޕަރޭޝަންގެ 15 ރަށު ކޯޑިނޭޓަރުންނާއި ، 17 އަތޮޅު ކޯޑިނޭޓަރުން ، އަތޮޅުފެންވަރުގައި އަދި ރަށުފެންވަރުގައި ، މަސައްކަތް ކުރައްވަމުން ގެންދަވާކަމީ ، އެ ކުންފުނީގެ އަހަރު ދުވަހުގެ މަސައްކަތްތަކުގެ ތެރޭގައި ފާހަގަ ކޮށްލެވޭ ކަމެކެވެ. އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ އަމާޒަކީ ، ދިވެހިރާއްޖޭގެ ހުރިހައި ސަރަޙައްދެއްގައި ވެސް އިންތިޒާމް ކުރެވިގެން ކުރެވޭ ދަނޑުވެރިކަން " ކޮންޓްރެކްޓް ފާރމިންގ " ތަރައްޤީކޮށް ، ބަރޯސާ ވެވޭ އިޤުތިޞާދީ ސިނާޢަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރައްޤީ ކުރުން ކަމުގައި އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް