ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހޯދި ކުރިއެރުމާއި މެދު ފަހުރުވެރިވެވަޑައިގެންނަވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތު ކުރާ ބައިނަލް އަގުވާމީ ޖަމިއްޔާ، ރިޕޯޓާސް ވިތްއައުޓް ބޯޑާސް އިން އަހަރަކު އެއްފަހަރު އެކުލަވާލާ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި މިއަހަރު ރާއްޖެއަށް ހަތް ދަރަޖައިގެ ކުރިއެރުމެއް ލިބިފައިވެ އެވެ. މިއަހަރު ރާއްޖެ އޮތީ އެ ލިސްޓުގެ 72 ވަނައިގަ އެވެ.
ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނޫސްވެރިކަމަށް ލިބުނު ކުރިއެރުމަކީ ނޫސްވެރިންނަށް މިނިވަންކަމާއި ރައްކާތެެރިކަމާއެކު މަސައްކަތް ކުރެވޭނެ މާޙައުލެއް ގާއިމު ކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށެވެ. އެ ނަތީޖާ އާއި މެދު ފަހުރުވެރިވެވަޑައިގެންނަވާ ކަމަށް ވިދާޅުވި އެވެ.
ރައީސްގެ ޓުވީޓުގައި ވަނީ 2018 ވަނަ އަހަރުން މިއަހަރާއި ހަމައަށް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ހޯދި ކުރިއެރުން ފާހަގަ ކުރައްވާފައި އެވެ. އެގޮތުން 120 ވަނައިން 72 އަށް ކުރިއރުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަން ފާހަގަ ކުރައްވާފަ ވެއެވެ.
https://twitter.com/ibusolih/status/1384756941457530885
ނޫސްވެރިކަމުގެ މިނިވަން ކަމަށް ބޮޑު ކުރިއެރުމެއް އަންނަން ފަށާފައިވަނީ 2018 ވަނަ އަހަރު އެވެ. އެގޮތުން އެ އަހަރު 120 ވަނައިގަ ރާއްޖެ އޮތުމަށް ފަހު ޖެހިގެން އަހަރު ރާއްޖެ ވަނީ ލިސްޓުގެ 98 އަށް އަރާފައި އެވެ. އަދި މިދިޔަ އަހަރު 79 ވަނައަށް އެރި އެވެ.
ރިޕޯޓާސް ވިތުއައުޓް ބޯޑާސް އިން ޕްރެސް ފްރީޑަމް އިންޑެކްސް އާންމު ކުރަން ފަށާފައި ވަނީ 2002 ވަނަ އަހަރުއެވެ. މި އިންޑެކްސް އެކުލަވާލަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ނޫސްވެރިންނަށް މިނިވަންކަން ލިބިފައި ވާ މިންވަރާއި ހިޔާލުފާޅު ކުރުމާއި މިނިވަން ކަމާއި އެކު މައުލޫމާތު ހާމަ ކުރުމުގެ ފުރުސަތު އޮތް މިންވަރަށް ބަލައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް