ދިވެހިރާއްޖޭގެ ދިފާއީ ބާރު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ޚިދުމަތަށް މިއަދު 129 އަހަރު ފުރިއްޖެއެވެ.
ދިވެހިރާއްޖޭގެ ސިފައިންގެ ހިދުމަތް ފެށިގެން ދިޔައީ 1892 ވަނައަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހެވެ. ރަސްމީ ސިފައެއްގައި ދިވެހި ސިފައިން އުފެދުނުފަހުން ސިފައިންގެ ޚިދުމަތްތަކަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން، ޚިދުމަތް ދިނުމަށްޓަކައި ހެޑްކްއާރޓަރޒް ގެ ގޮތުގައި މައިގަޑު ތިންތަނެއް ބޭނުން ކޮށްފައިވެއެވެ.
އެންމެފުރަތަމަ ސިފައިންގެ އެންމެހާ ކަންތައްތައް ކުރަމުން އައިސްފައިވަނީ ރަށްދެބައިގޭގައެވެ. އަތިރީގޭ ޢަބުދުالله ދީދީ ސިފައިންގެ ކޮމާންޑަރަކަށް ހަމަޖެހުމާއިގުޅިގެން ގެންނެވި ބަދަލުތަކުގެ ތެރޭގައި ރަށްދެބައިގޭގައި ހިނގަމުންއައި ސިފައިންގެ އެންމެހާކަންތައްތައް ބޮޑުގަނޑުވަރުތެރެއަށް ބަދަލުކުރެއްވުން ހިމެނެއެވެ.
ބޮޑުގަނޑުވަރުތެރޭގައި ސިފައިން ތިބުމަށް ހަމަޖެހުނުތަނަކީ ރަންހަދާ ދޮރޯށިތެރޭގައި ހުރި ތަނެކެވެ. މިގޮތުގައި ދުވަސްތަކެއް ދިއުމަށް ފަހު ސިފައިންގެ ތެރެއަށް އިތުރު މީހުން ލެއްވުމުން ދެން ސިފައިން ބަދަލުވީ އާކޯއްޓޭ މަތިގެއަށެވެ.
ސިފައިންގެ އަހަރީ ދުވަސް ފުރަތަމަ ފާހަގަކުރެވުނީ 16 ރަޖަބް 1366 ގަ އެވެ. އެދުވަހުގެ ފަހުން ކޮންމެ އަހަރަކު ވެސް ސިފައިންގެ އަހަރީ ދުވަހުގެ ގޮތުގައި ފާހަގަކުރެވެމުން އައީ ރަޖަބްމަހުގެ 16 ވަނަ ދުވަހެވެ. ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާޞިރު ގެންނެވި ބަދަލުތަކުގެ ތެރެއިން ސިފައިންގެ އަހަރީ ދުވަސް މީލާދީ ގޮތުން ފާހަގަކުރުމަށް ނިންމެވި އެވެ.
އެދުވަހަކީ ޖޫން މަހުގެ 06 ވަނަ ދުވަހެވެ. އޭގެފަހުން އަނެއްކާވެސް އިތުރު ހޯދުންތަކުގެ މައްޗަށް ރިއާޔަތްކޮށް ސިފައިންގެ އަހަރީ ދުވަހަކީ 21 އޭޕްރީލް ކަމަށް ނިންމަވައި ސިފައިން އުފެދިފައިވަނީ 21 އޭޕްރީލް 1892 ކަމުގައި ކަނޑައަޅުއްވައި 1992 ވަނަ އަހަރު ގެ އޭޕްރީލް މަހުގެ 21 ވަނަދުވަހު ސިފައިން އުފެދުނުތާ 100 އަހަރު ފުރުން ފާހަގަކުރެވުނެވެ.
މިއަދު ދިވެހި ސިފައިންގެ ޚިދުމަތަށް 129 ފުރުން ފާހަގަކުރަމުން ދާއިރު، ހެނދުނު ދިދަ ނެގެމުގެ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައި ވެއެވެ.
ކަޅުތުއްކަލާ ކޮށީގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލީހްއެވެ.
އެމަނިކުފާނުގެ އިތުރުން، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް