ދިވެހިރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ރައްކާތެރިކޮށް ދިވެހިންނަށް ސުލްޙަވެރިކަމާއެކު ދިރިއުޅެވޭނެ އަމާން މާހައުލެއް ހޯދައިދިނުމަކީ ސިފައިންގެ އެންމެ ބޮޑު އެއް އަމާޒުކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
129 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބުދަ ދުވަހުގެ ހެނދުނު ކަޅުތުއްކަލާ ކޮށީގައި ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. މިނިސްޓަރ މާރިޔާ އެހެން ވިދާޅުވީ، މި ދުވަހާއި ގުޅިގެން މިނިސްޓަރު ދެއްވި ޚިތާބެއްގައެވެ.
މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ރައްކާތެރިކޮށް ދިވެހިންނަށް ސުލްޙަވެރިކަމާއެކު ދިރިއުޅެވޭނެ އަމާން މާހައުލެއް ހޯދައިދިނުމަކީ ސިފައިންގެ އެންމެ ބޮޑު އެއް އަމާޒުކަމަށް ސިފައިންގެ އެންމެ އިސް ވެރިޔާ އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުވެސް ވިދާޅުވެފައިވާ ކަމަށެވެ. އެކަން ކަށަވަރުކޮށްދިނުމަށް ގައުމީ ދިފާއީ ބާރުގައި ހިމެނޭ ހުރިހާ ސިފައިން މުހިއްމު ދައުރެއް އަދާ ކުރަމުންދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ ސިފައިން މި އަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "ސިފައިންގެ ގާބިލުކަން، ގައުމުގެ އަމާންކަން" ކަމަށެވެ. މި ޝިއާރު ރަމްޒުކޮށްދެނީ ރައީސް ސާލިހުގެ ހަރުދަނާ ތަސައްވުރާއި ވިސްނުންފުޅުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އެމްއެންޑީއެފް ހަރުދަނާކޮށް ގާނޫނުތައް އިސްލާހުކޮށް ޒަމާނީ ވަސީލަތްތަކާއި އާލަތްތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
"ބޭރުގެ ގައުމުތަކާއެކު އެކިއެކި ފްރޭމްވާރކް އެގްރީމަންޓުތަކާއި އެއްބަސްވުންތައް ހަދައި، ސިފައިންގެ ތަމްރީނުތަކަށް ބޭނުންވާ ވަސީލަތްތައް މިދަނީ ހޯދަމުން. ދިވެހި އަސްކަރިއްޔާގެ ގާބިލުކަމާއި ހުނަރުވެރިކަން އަދި ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ތަމްރީނާއި ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދީ، ދިވެހި އަސްކަރިއްޔާގެ ތެރޭގައި މިންތީގެ ހަމަހަމަކަން ގާއިމު ކުރުމަށް ކާމިޔާބު ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން" ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖެ އާއި ރާއްޖެއިން ބޭރުން އެކި ރޮނގުރޮނގުން ހޯދި ފުރުސަތުތަކުގައި ގައުމު ފަޚުރުވެރިވާ ފަދަ ރަން ވަނަތަކާއި މެޑަލްތައް ސިފައިން ހާސިލްކޮށްފައިވާ ކަމަށެވެ. އަދި އެކަމާމެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް