ކުރުވާހަކަ: ލެއްވުމަށް އެދެމޭ އެކީ ޖަންނަތުގާ…

ލިޔުނީ: ފިރާޝާ ޖަމީލް އަހަރެންގެ އުމުރުން އެންމެ ދެ އަހަރުގައި އަހަރެންގެ ބައްޕަ ވަނީ ނިޔާވެފައެވެ. އޭގެފަހުން އަހެރެންގެ ހުރިހާ ކަމެއްވެސް ބަލަހައްޓަމުން އައީ އަހަރެންގެ މަންމައެވެ. މުޖުތަމަޢު ބަލައި...

21 Apr 2021 | 05:18

ލިޔުނީ: ފިރާޝާ ޖަމީލް

އަހަރެންގެ އުމުރުން އެންމެ ދެ އަހަރުގައި އަހަރެންގެ ބައްޕަ ވަނީ ނިޔާވެފައެވެ. އޭގެފަހުން އަހެރެންގެ ހުރިހާ ކަމެއްވެސް ބަލަހައްޓަމުން އައީ އަހަރެންގެ މަންމައެވެ. މުޖުތަމަޢު ބަލައިގަންނާނެ ފަދަ ރަނގަޅު ދަރިއަކަށް އަހަރެން ހަދަން މަންމަ ނުހަނު މަސައްކަތްކުރިއެވެ. އަހަރެންނަށްވުރެ މާ ގާތުން އަހަރެންނަށް ހެޔޮ އެދޭ އެކުވެރިންނަކީ ކޮބައިކަން ވިސްނައިދެމުން ދިޔައެވެ.

"ދަރިފުޅާ އެއޮށް ފަތިސް ނަމާދަށް ބަންގި ގޮވަނީ! ދެން ތެދުވޭ! މިއަދު މީ ސްކޫލް ރިޕޯޓް ފޮތްވެސް ދޭދުވަހެއްނު. ނިދަން ނޯންނައްޗޭ!"  އެހެން  ދުވަސްތަކެކޭވެސް  އެއްފަދައިން  މިއަދުވެސް އަހަރެންގެ މަންމަގެ އެ ގޮވުމަށް އަހަންނަށް ދެވުނީ ބީރު ކަންފަތެކެވެ. ތެދުވެ ފަތިސް ނަމާދު ކުރުމުގެ ބަދަލުގައި ފޯނަށް އައިސްފައިހުރި ނޯޓިފިކޭޝަންތައް ބަލާލައި ފޭސްބުކު ސްކުރޯލު ކުރަމުން ދަނިކޮށް އައު ދުވަހަކަށް އިރު އަރައިފިއެވެ. އެހެން ފޯނާ ކުޅެން އޮށްވާ އަނެއްކާވެސް އަހަންނަށް ނިދުނީއެވެ. މަންމަ އިރުކޮޅަކާ ގޮވާވެސް ހެދިއެވެ. އެކަމަކު އަޑުވެސް ނީވޭ ކަމަށް ހަދައިގެން އޮވެ އަހަރެން ނިދީއެވެ. ދެން ހޭލެވުނީ އަހެރެންގެ އެކުވެރިޔާ ގުޅަނިކޮށެވެ. އޭރު މެންދުރު ނަމާދަށް ގޮވަނީއެވެ. ސްކޫލަށް ނުދެވޭކަންވެސް އަހަރެން ހަނދާންވީ ދެނެވެ. އަހަރެން ފޯނު ނެގީމެވެ. " އޭ ކޮބާ. ހިނގާ ކޮފީއަކަށް" އެކުވެރިޔާ މިހެންބުނުމުން އެބަ ތައްޔާރުވަމޭ ބުނެފައި އަހަރެން ވަރަށް އަވަހަށް ތައްޔާރު ވެލައިގެން ބޭރަށް ނިކުތީމެވެ. އޭރު އަހަރެންގެ މަންމަ އަވެދިނެތި މެންދުރުގެ ކެޔުން ތައްޔާރުކުރުމުގައި އުޅެމުން ދިޔައެވެ. "ދަރިފުޅާ  ނަމާދުކޮށްފިންތަ؟ މިއަދު ކާންވާނީ ގެއިން އިނގޭ. ކޮންމެ ދުވަހަކު ތިހެން މެންދުރު ގަޑިއާ ދިމާކޮށް މަންމަ ހަދާ ކާ އެތިކޮޅުގެ ރަހަވެސްބަލާ ނުލާ ތިދަނީ" ނިކުންނަން ދިޔަތަނާ އަހަންނަށް އިވުނީ އާދައިގެ މަތިން  މަންމަގެ ދުލުން އަބަދުވެސް ބޭރުވާ ޝަކުވާގެ ބަސްތައްކަމަށް އަހަރެން ޤަބޫލުކުރާ ބަސްތަކެވެ. އަހަރެން ބުނީމެވެ. "މަންމަގެ ދުލުން އަބަދުވެސް އިވެނީ ކޮންމެވެސް ޝަކުވާއެއްގެ އަޑު. އަހަރެން ކާންވީ ތަނެއް އެނގޭނީ އަހަންނަށް" މިހެން ބުނެފައި އަހަރެން އެތަނުން ދިޔައީ މަންމަގެ މޫނަށް ބަލާލުމެއްވެސްނެތިއެވެ.

އަވަސް އަރުވާލައިގެން އެކުވެރިޔާ ދާން ބުނިތަނަށް މިސްރާބު ޖެހީ ގެ ކައިރީ ހުރި މިސްކިތް ކުރި ކަނޑާލާފައެވެ.  އެ  ވަޤުތު  ޖަމަޢާތުގައި  މެންދުރު  ނަމާދު  ކުރަމުން  ދަނީއެވެ. ހަމަ އެވަޤުތު މިސްކިތަށް އަރަންދިޔަ އަހަރެންގެ އެކުވެރިއެއް ކަމަށްވާ ނާޖިހުއަށް އަހަރެން ފެނިގެން ހަނާއަޅާލައި ނަމާދުކުރަން އައުމަށް އެދުނެވެ. އެހެންނަމަވެސް، އަވަހަށް ތަނަކަށް ދާންޖެހޭކަހަލަ އިޝާރާތެއް ކޮށްލުމަށްފަހު އަހަރެން ހިނގައިގަތީއެވެ. ހަމަ އެދިޔަ ބާރުމިނުގައި އަހަރެންގޮސް ޖައްސާލީ އެކުވެރިޔާ ދަޢުވަތު ދިން ކެފޭއެއްގެ މުދާފަޅިއަށްވާ ގޮތަށް އިން ގޮނޑިއެއްގައެވެ. އަހަރެން ދިޔައިރު އަހަރެންގެ އިންތިޒާރުގައި އެކުވެރިޔާ އިނެވެ. ދެމީހުން ކޮފީއަކަށް އޯޑަރ ދީފައި ދުނިޔެވީ އެކި ވާހަކަތަކުގައި ވަގުތު ބޭކާރު ކުރަމުން ދިޔައީމެވެ. އަޞްރު ނަމާދުވެސް ފާއިތުވެ ދިޔައީ އަހަރެންނާއި އެކުވެރިޔާ އެތަނުގައި ތިއްބައެވެ.

އޭގެ އިރުކޮޅެއް ފަހުން އަހަރެންގެ ފޯނަށް މަންމަ ގުޅަން ފެށިއެވެ. ފުރަތަމަ ރިންގް އިން އަހަރެން ފޯނު ބިޒީކޮށްލީމެވެ. ނަމަވެސް ދެވަނަ ފަހަރަށް ގުޅުމުން ފޯނު ނަގާފައި ވަރަށް ހިތްހަމަނުޖެހޭ ރާގަކަށް ކިހިނެއްވީތޯ އަހަރެން ސުވާލުކުރީމެވެ. މަންމަ އެދުނީ މާލަސްވަންދެން ބޭރުގައި ނޫޅެ ގެއަށް އައުމަށެވެ. އަދި މަންމަގެ ބޮލަށް ތަދެއް އަރައިގެން އުޅޭތީ މަންމަ ގޮވައިގެން ޑޮކްޓަރަށް ދައްކާލަންދާން އައުމަށް އެދުނެވެ. އެކަމަކު އަހަރެން ފޯނު ކަނޑާލީ އެވަގުތު ބިޒީކަމަށްބުނެ ނުދެވޭނެއޭ ބުނެފައެވެ. އަހަރެން ފޯނު ބޭއްވުމުން އެކުވެރިޔާ ބުންޏެވެ. " ތާކު އިނދެވޭވަރެއް ނޫން ދޯ. މަ ކައިރީ ހުރެއްޖެއްޔާ އަބަދުވެސް ޖިނާހުގެ މަންމަ ގުޅާލަ ގުޅާލަ ހުންނަނީ!" އެހެން ބުނުމުން އަހަރެން އިސްދަށަށް ޖަހާލީ އެކަމަށް އިންކާރު ނުކުރަމޭ ބުނާފަދަ އުސޫލަކުންނެވެ.  ދެން އެކިވާހަކަތަކުގައި އިނދެފައި ދެމީހުން ކޮފީ ނިންމާލާފައި ގެއަށްދާން މިސްރާބު ޖެހީމެވެ.  އޭރު  މަޣްރިބް  ވަގުތު  ކައިރިވަނީއެވެ. ގެއަށްގޮސް ވަދެވުނީ މަންމަގެ ކުރިމައްޗަށެވެ. އޭރު މަންމަ އިނީ ސޯފާގައެވެ. އަދި  އަހަރެން  އައިސް  ވަނުމުން މަންމައަށް ފެންފޮދެއް ދިނުމަށް އެދުނެވެ. އަހަރެން ބުނީމެވެ.  "މަންމައަށްވެސް އެވަރު ކަމެއް ކޮށްލެވިދާނެ ނޫންތަ؟ ރައްޓެހި ކުއްޖަކު ހަވާލު ކޮށްފައި އޮތް މަސައްކަތެއް ވަރަށް އަވަހަށް ނިންމާލަން ވެގެން މިހާރު މިދަނީ" މިހެން ބުނެފައި އަހަރެންގެ ކޮޓަރިއަށް އައިސްވަނީ ކަހާތަން ހިރުވާވެސް ނުލާ މީހެއް ފަދައިންނެވެ. އަދި ވެފައިވާ ވަރުބަލިކަމެއްގެ ސަބަބުން އަހަންނަށް ޖައްސާލެވުނެވެ. މަޣްރިބު އަދި އިޝާ ވަގުތު ވެސް ފާއިތުވެގެން ދިޔައީ އަހަރެން ގަދަ ނިދީގައި އޮއްވައެވެ. އަހަރެންގެ ކޮންމެ ދުވަހެއްވެސް ނިމިގެން ދަނީ މިހެންނެވެ. އެއްވެސް އަޅުކަމެއް ނުކޮށް، ދަންވަރު ހޭލައިހުރުމަށްފަހު ދުވާލު އެއްކޮށް ނިދުމާއި ރައްޓެހިންނާއިއެކު ބޭކާރުގޮތުގައި ވަގުތު ހޭދަކުރުމާއި މަންމަ އާއި ޖަދަލުކުރުމުގައެވެ.

އަނެއްކާވެސް އައު ދުވަހަކަށް މަރުހަބާ ކިޔައިފިއެވެ. އެކަމަކު މިއަދު އެހެންދުވަސް ތަކާއި މުޅިން ތަފާތެވެ. އަހަރެންގެ މަންމަ އަހަންނަށް ގޮވާ އަޑެއް ނީވެއެވެ. އެހެން ދުވަސްތަކަކާއި ޚިލާފަށް މިއަދު މަންމަ އަހަންނަށް ގޮވާ އަޑު ނީވޭތީ އަހަރެން ހައިރާންވިއެވެ. އަދި ބޭރަށް ނުކުމެފައި ބަދިގޭގައި މަންމަ އުޅޭތޯ ބަދިގެ ބަލާލީމެވެ. ނަމަވެސް ގޭތެރެ އޮތީ ވަރަށް ފަޅުކޮށެވެ. މަންމަގެ ހިލަމެއްވެސް ނުވެއެވެ. ނުވިތާކަށް ކުކުރާލާ އަޑުވެސް ނީވެއެވެ. ދެން ނުކުމެލީ ބޭރަށެވެ. ފަހަރެއްގައި ގޯތިތެރޭގައި މަސައްކަތެއް ކުރަން އުޅެފާނެކަމަށް ހީކޮށެވެ. ނަމަވެސް އެކަންވެސްވީ ނާކާމިޔާބެވެ. މަންމައެއް ބޭރަކު ނެތެވެ. އެވަގުތު އަހަރެންގެ ހިތް ރުރޫ އަޅައިގެން ދިޔައެވެ.  މިއީ މަންމަ ނުފެނިގެން އަހަންނަށް ގޮތެއްވި ފުރަތަމަ ފަހަރެވެ. ދެން އަހަރެންގެ ޚިޔާލަށް އައީ ރޭގައި މަންމަ ފެންފޮދެއް ދޭށޭ ބުނުމުން އަހަންނަށް ކަންތައް ކުރެވުނު ގޮތާ ދޭތެރެއެވެ. އެވަޤުތު މަންމަގެ މޫނުން ފެނިގެން ދިޔަ ހިތާމަތަށް އިޙްސާސް ކުރެވެން ފެށިއެވެ. އެވަޤުތު އެމައިމީހާގެ އާދޭހުގައި ކޮޅުފައިންޖަހާފައި އަހަނަށް ދެވުނީ އެއްވެސް އިންސާނިއްޔަތު ކަމެއް ނެތިއެވެ. އެމައިމީހާއަށް އެޙީތެރިވާންވީ ދުވަހު އަހަރެން އެމީހާ ފަކީރު ނިކަމެތި ކޮށްލިގޮތެވެ. އަދި އަހަންނަށް މަންމަ އަޅާލާ އޯގާތެރިވީ އިރު އަހަންނަށް ކަންތައް ކުރެވެމުންދިޔައީ ސާހިބަކު ނޯކަރަކާ ދޭތެރޭގައިވެސް ކަންތައް ނުކުރާފަދަ އުސޫލަކުންނެވެ. ދުވަހަކުވެސް މަންމަގެ ގައިގައި ފިރުމާލައި ބޮސްދިން ހަނދާނެއް އަހަރެންގެ ނެތެވެ. ނޫނީ މަންމައާއި ރީތިކޮށް ވާހަކަދައްކާލި ދުވަހެއް އަހަރެންގެ ދުރު ވިސްނުމަކަށްވެސް ނައެވެ. ހިޔާލުތަކުގެ ތެރެއަށް ޣަރަޤުވެފައި އަހަންނަށް ހުރެވުނު އިރެއްވެސް ނޭނގުނެވެ. ދެންގޮސް ކޮޓަރި ބަލާލީމެވެ. ނަމަވެސް ކޮޓަރީގައިވެސް މަންމައެއް ނެތެވެ. އަބަދުވެސް ގޭގައި އިންނަ މަންމަ ފެންނަން ނެތުމުން އަހަރެންގެ ހިތް ބިރުގަންނަން ފަށައިފިއެވެ. މޭތެރޭގައިވާ ހިތް ބާރުބާރަކަށް ތެޅޭވަރުން ހީވަނީ ބޭރަށް ނުކުމެދާނެ ހެންނެވެ. ދެން ކުޑަވެސް ހަމަޖެހުމެއް ލިބުނީ ފާޙަނާގެ ދޮރުގައި އަތްލިއިރު ދޮރުތަޅުލާފައި ހުރުމުން މަންމަ ފާހަނާގައި އުޅޭކަން ޔަގީންވުމުންނެވެ. "މަންމާ. އެބަ އުޅެންތަ؟ އަހަރެން މިއައީ މަންމަ ކައިރީ މަޢާފަށް އެދެންވެގެން. މަންމަ ނުކުންނަންދެން އަހަރެން މަންމަގެ އިންތިޒާރުގައި އިންނާން." މިހެން ބުނުމުންވެސް މަންމަގެ އެއްވެސް ޚަބަރެއް ނުވިއެވެ. ގިނައިރުވާންފެށުމުން ދެން އަހަންނަކަށް އެންމެ ހިނދުކޮޅަކަށްވެސް ކެތެއް ނުކުރެވުނެވެ. ފާޙަނާގެ ތަޅުދަނޑި ނަގައި ދޮރު ހުޅުވާލީމެވެ. މަންމަ އޮތީ ތަޅުންގަނޑު މައްޗަށް ވެއްޓިފައެވެ. ވަރަށް އަވަހަށްގޮސް މަންމަގެ ހަބަރެއްވޭތޯ ބެލީމެވެ. ނަމަވެސް ވަޤުތު ވަނީ ފާއިތުވެފައެވެ. އަހަރެންގެ މަންމަ އޮތީ މި ފަނާކުރުވަނިވި ދުނިޔެއާއި އަލްވަދާޢު ކިޔާފައެވެ.

އަހަރެންގެ  ހަމައެކަނި  ހުރިމީހާ  އަހަރެން  އެކަނިކޮށްލާފަ  އެދިޔައީ  އަހަރެމެން  އެންމެންވެސް  ދާން  އޮތް  މަންޒިލަށެވެ.  އަހަންނަށް ބިންމައްޗަށް ތިރިވެ މަންމަގެ ގައިގަ ބައްދާލެވުނީ ގޮތް ހުސްވެފައިވާ އިންސާނެއް ފަދައިންނެވެ. އަދި މަންމަ އާ ދެތެރޭ ކަންތަށް ކުރެވުނު ގޮތްތަށް ސިކުނޑި ތެރޭގައި އެނބުރެމުންދިޔައެވެ. އަހަރެންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހިގެންދިޔައެވެ.

އަހަރެންގެ މަންމަ މިދުނިޔެއާއި ވަކިވެގެން އެ ދިޔައީ އަހަރެންއާއި ހެދި ހާދަ ހިތާމެއް ކޮށްފައެވެ. ނުވަމަސް ދުވަހުގެ ގަދަ ވޭނުގައި އަހަރެން މިދުނިޔެޔަށް އުފަންކުރުމަށްޓަކައި އެ މަންމަ އެތައް ރެޔެއެއްގެ ނިދި ޤުރުބާންކުރީ  ވަރުބަލި ކަމެއްނެތިއެވެ. އެކަމަކު އަހަންނަށް މި ހުރިހާ ކަމެއްވެސް ވިސްނިގެން މިދިޔައީ ލޮބުވެތި މަންމަ އަހަރެންގެ ކުރިމަތިން އަބަދުގެ އަބަދަށް  ވަކިވެގެން ދިޔުމުންނެވެ. އެދުވަހު އަހަރެންނަށް ހެޔޮނަސޭހަތް ދީ ތެދުމަގު ދައްކައިދޭނެ ރަޙުމަތްތެރިން ތިއްބާ އަހަރެންނަށް ގޯސްމަގުން ކުރިއަށްދާން ހިތްވަރުދިން އެކުވެރިން ތަކަކާއި ގުޅިގެން އެޅެވުނީތީއެވެ. ނަމަވެސް މަންމަ ދިން އަގުހުރި ނަސޭޙަތްތައް އަޑުނޭހި، މިއަދު އަހަންނަށް އެ ވަގުތު  ވަނީ  ފާއިތުވެފައެވެ.  ދެން  އަހަންނަށް  އޮތީ މަންމަގެ ފުރާނަފުޅަށް ހެޔޮރަޙުމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމަށް އެދި ދުޢާކުރުމެވެ. ސުވަރުގެއިން އެ މަންމަ އާއި ބައްދަލުވޭތޯއެވެ.

ދުވަސްތައް  ފާއިތުވެގެންދަނީއެވެ.  އަހަރެން  ތަޢުބާ  ވެއްޖައީމެވެ. ލޯބިވާ މަންމަގެ މަރުން  އަހަރެންގެ  ހަޔާތަށް  ހެޔޮ  ބަދަލުތަކެއް  ގެނުވައިފިއެވެ. މިހާރު އަހަރެންނަކީ ޒިންމާދާރު ފިރިއެކެވެ. ލޯބި ލޯބި ދެކުދިންގެ ބައްޕައެއްވެސްމެވެ. ފަސްވަގުތު  ގޮވާ  ބަންގިއަށް  އިޖާބަދޭ،  ހެނދުނާއި  ހަވީރުގެ  ޒިކުރުތަކަށް  ރައްކާތެރިވާ  މީހަކަށްވީމެވެ.  ކީރިތި  ޤުރުއާނަށް  އަހުލުވެރިވީމެވެ.  ކޮންމެ  ނަމާދަކަށްފަހު  މައިންބަފައިންނަށް  ހެޔޮދުޢާކޮށްދެމެވެ. މައިންބަފައިންނަށް އިޙްސާންތެރިވުމަކީ ކިހާ މުހިއްމުކަމެއްކަން އަހަރެންގެ އެކުވެރިންނަށް ހަނދާން ކޮށްދެމެވެ. ފުރަތަމަ އިސްކުރަންވާނީ މައިންބަފައިން ކަމުގައިވެސް ބުނެދެމެވެ. މިހާރު އަހަރެންގެ ހުރިހާވެސް އުއްމީދަކީ އަހަރެންގެ ލޯބިލޯބި ދެކުދިންނަށް ހެޔޮގޮތްތައް ބުނެދި ރަނގަޅު ތަރުބިއްޔަތެއް ދިނުމެވެ. އަދި  މަންމައަށް އަޅާނުލެވުމުން އަހަރެން ކުރިފަދަ ހިތާމަތައް އެދެކުދިންގެ މަންމަ ދުވަހަކުވެސް ކުރަން ނުޖެހޭނެ ފަދައިން އެދެކުދިންނަށް މައިކަމަނާގެ މުހިއްމުކަން ވިސްނައިދިނުމެވެ. ކުޑަ ވަގުތުކޮޅެއް  ތެރޭ  އަހަރެންގެ  ޙަޔާތް  ބަދަލުކޮށްލީ  މަންމަގެ  ޖަނާޒާއަށްފަހު  އަހަރެންނާއި  ދިމާވި  އެކުވެރިޔާއެވެ.

މަންމަގެ ޖަނާޒާއަށްފަހުވެސް މަހާނަދޮށުގައި ހުރެ އަހަންނަށް ރޮވެނީއެވެ. ގިސްލަ ގިސްލާފައެވެ.  އަހަންނަށް ސިހުމެއް ލިބުނީ ފަހަތުން އައިސް މީހަކު އަހަރެންނަށް ގޮވާލުމުންނެވެ. އަހަރެން ހައިރާންވީ އަހަރެން ނުވެސް ދަންނަ މީހަކަށް އަހަރެންގެ ނަމުން ގޮވަން އެނގުނީތީއެވެ. އަހަރެން އެއްޗެކޭ ނުބުނުމުން އެނާ އަމިއްލައަށް ތައާރާފް ވެލިއެވެ. އަދި އަހަރެންނާއި ސަލާމްކޮށްލުމަށްފަހު އޭނައާއިއެކު ދިޔުމަށް އެދުނެވެ. އެވަގުތު އެއީ އަހަންނަށް މީހެއްގެ އެހީތެރިކަން ނުހަނު ބޭނުންތެރިވެފައި ހުރި ވަގުތަކަށްވީތީ އޭނާއިއެކު ދިޔައިމެވެ. އޭނަ އަހަރެން ގެންގޮސް ވެއްދީ އޭނާގެ ގެއަށެވެ. އޭރުވެސް ނުރޮއޮ އަހަރެންނަށް ކެތްކުރެވެނީ ކިރިޔާއެވެ. އޭނާ އަހަރެންނާއި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރަމުންދިޔައެވެ. ނަމަވެސް ފުރަތަމަ އެ ހިތްވަރެއް އަހަރެންނަކަށް ނުލިބުނެވެ. ހިތްވަރު ލިބެންދެން މަޑުކުރުމަށްފަހު މަންމައާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތްތައް ލަދުވެތިކަމާއިއެކު އޭނާއާއި ޙިއްސާކުރީމެވެ. ފޫހިކަމެއްނެތި އޭނާ އަހަރެންގެ ވާހަކަތައް އަޑުއަހަން އިނެވެ.  އޭނާ އަހަންނަށް ނަސޭހަތްތެރިވިއެވެ. އަދި މަންމައަށްޓަކައި ހިތްވަރުގަދަ ކުރުމަށް އެދުނެވެ. ކޮންމެ އިންސާނަކަށްވެސް ތައުބާވުމުގެ ފުރުސަތު އޮތްކަން ބުނެދިނެވެ. އަދި އޭނާގެ އެއްބާރުލުމާއި އެހީތެރިކަން އަހަންނަށް ފުރިހަމަ އަށް ލިބޭނެކަމަށް ބުންޏެވެ.

އެކުވެރިންނޭވެ! އަހަރެމެން ދުނިޔެއަށް ފޮނުވުނު އަސްލު މަޤްޞަދު ހަނދާން ނެތެނީ އިޚްތިޔަރުކުރެވޭ ގޯސް ރައްޓެހިންގެ ސަބަބުންނެވެ. ކީރިތި ޤުރްއާނުގައިވާ އައްޒުޚްރޫފް ސޫރަތުގެ 67 ވަނަ އާޔަތުގެ މާނަގައިވެއެވެ. "އެކުވެރިން އެދުވަހުން އެއްބަޔަކު އަނެއްބަޔަކަށް ވާހުށީ ދުޝްމިނުން ކަމުގައެވެ. ތަޤްވާވެރިން މެނުވީއެވެ". އެ އާޔަތުގެ މި މާނައިންވެސް އެކަމަށް ހެކިދެވެ.

ރަނގަޅު ރަހުމަތްތެރިން ތިބާއަށް ރަނގަޅު ގޮތްތައް ބުނެދޭނެއެވެ. އަދި ހެޔޮ ކަންކަން ކުރަން ބާރު އަޅާނެއެވެ. ހަމައެފައިން، މައިންބަފައިންނަށް އިހާނެތިކޮށް ހިތައި އެމީހުން ދެރަކޮށްލި މީހަކަށް ދެދުނިޔެއިންވެސް އަބާއްޖަވެރިކަން ހުއްޓެވެ. އެހެންކަމުން، އެމީހުން ދުނިޔޭގައި  ތިއްބައި އެމީހުންނަށް ޚިދުމަތް ކުރުމުގައި ސާބިތުވެ ހުންނާށެވެ. އަދި ކޮންމެ ނަމާދަކަށްފަހު މައިންބަފައިންނަށް ހެޔޮދުއާކޮށްދޭށެވެ.  އެމީހުން  ކުރިމަތީ  ގަދަބަސް  ނުބުނާށެވެ.  ދެދުނިޔޭގެ ކާމިޔާބާއި ފަލާހަތް ލިބުންވަނީ މިއަދު ކުރި ހެޔޮ އަމަލުތަކުގެ  ސަބަބުންނެވެ. ތިބާގެ އަޖަލު ޖެހުމުގެ ކުރިން ނަފްސު ޙިސާބުކޮށް ތަޢުބާވާށެވެ.

ނިމުނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް