މުސާރަ ނުދޭ ކަމަށް ބުނެ ފްލައިން ސްކޫލްގެ އިންސްޓްރަކްޓަރުން ހަޅުތާލު ކުރަނީ

އައްޑޫ ސިޓީ ހިންގާ ފްލައިން ސްކޫލްގެ އިންސްޓްރަކްޓަރުންނަށް މުސާރަ ނުދޭތީ ހަޅުތާލު ކުރަން ފަށައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސ. ގަމުގައި ހުންނަ އެ ސްކޫލްގެ ހުރިހާ އިންސްޓްރަކްޓަރުން ހަޅުތާލު...

21 Apr 2021 | 05:04

އައްޑޫ ސިޓީ ހިންގާ ފްލައިން ސްކޫލްގެ އިންސްޓްރަކްޓަރުންނަށް މުސާރަ ނުދޭތީ ހަޅުތާލު ކުރަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސ. ގަމުގައި ހުންނަ އެ ސްކޫލްގެ ހުރިހާ އިންސްޓްރަކްޓަރުން ހަޅުތާލު ކުރަން ފަށާފައިވަނީ މިދިޔަ މަހުން ފެށިގެން މުސާރަ ދީފައި ނުވާތީ ހޮނިހިރު ދުވަހުން ފެށިގެންނެވެ.

މި ހަޅުތާލު ފެށުމާ ގުޅިގެން ސްކޫލުން ވަނީ މިދިޔަ ހޯމަ ދުވަހު މުސާރަ ދޭނެ ކަމަށް އިންސްޓްރަކްޓަރުންނަށް އަންގާފައެވެ. އެއާއެކު މިދިޔަ ހޯމަ ދުވަހު އިންސްޓްރަކްޓަރުން އެ ފަރާތްތަކުގެ ޒިންމާތަކަށް އަލުން ނިކުތް ނަމަވެސް މުސާރަ ޖަމާނުވާތީ އެ ފަރާތްތަކުން އަދިވެސް ތިބީ ހަޅުތާލުގައެވެ.

މުސާރަ ދެން ދޭނެ ވަކި މުއްދަތެއް އިންސްޓްރަކްޓަރުންނަށް ސްކޫލުން އަންގާފައި ނުވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި އިންސްޓްރަކްޓަރުންނާއެކު ސްކޫލްގެ ހެޑް އޮފް ޓްރެއިނިން ސުރަންޖަން ޑި ސިލްވާ މިއަދު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ފްލައިން ސްކޫލްގެ އިންސްޓްރަކްޓަރުން ހަޅުތާލުގައި ތިބިއިރު، މުސާރަ ނުދޭތީ އެ ސްކޫލްގެ މުވައްޒަފުން މިދިޔަ އަހަރު ވެސް ވަނީ ހަޅުތާލުކޮށްފައެވެ.

މައްސަލަ ބޮޑުވެފައިވާ ފްލައިން ސްކޫލްގައި މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދުއްވާނެ ބޯޓެއް ނެތްއިރު، ފްލައިން ސްކޫލްގެ ދަރިވަރުންގެ ޔޫނިއަނުން ވަނީ ހަ މަސް ދުވަސްވީއިރު ވެސް އެ ސްކޫލްގެ މައްސަލައަށް ހައްލެއް ލިބިފައި ނުވާތީ ކަންބޮޑުވުން ފާޅުކޮށް އިއްޔެ ބަޔާނެއް ނެރެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް