ބަރުލަމާނީ ނިޒާމު ގެނައުމަށް މިހާރު ތާއީދެއް ނޫން: ރީކޯ މޫސަ

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލު ކުރަން މިހާރު ތާއީދު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވ...

21 Apr 2021 | 04:54

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލު ކުރަން މިހާރު ތާއީދު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރާއްޖޭގެ ބޮޑުވަޒީރު ކަން ބޭނުންފުޅުވާ  ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖެއް ފޮނުވުމާއި ގުޅިގެންނެވެ. ބައެއް މިނިސްޓަރުންނަށްވެސް ފޮނުއްވި މި މެސެޖުގައި ނަޝީދު ވިދާޅުވެފައިވަނީ އެއް ފަރާތެއްގައި ނުހުންނަވާ ގައުމުގެ ބޮޑުވަޒީރު ކަމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާކަމަށެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަންކަންވެސް ކުރައްވާފައިވާ މޫސަ ވިދާޅުވީ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނަން ޖެހޭ ސަބަބެއް ނެތް ކަމަށާއި ކައިރި މުސްތަގުބަލެއްގައި ނިޒާމު ބަދަލު ނުކުރެވޭނެ ކަމަށެވެ. 2007 ވަނަ އަހަރު ނެގި ނިޒާމީ ވޯޓްގައި ބަރުލަމާނީއަކަށް ތާއީދު ކުރެއްވި ނަމަވެސް މިހާރު އެ ނިޒާމު ގެނައުމާއި މުޅީން ދެކޮޅު ކަމަށް އެ ޕްރޮގްރާމްގައި މޫސަ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ ނިޒާމު ބަދަލު ކުރުމައިގެން އުޅެންވީ ވަގުތު ނޫން ކަމަށެވެ. މިވަގުތު އެމްޑީޕީ އިސްވެރިން ކުރަން ޖެހޭ ކަމަކީ އެތެރޭގެ ބައިބައިވުން ދޫކޮށްލައި ލިބުނު ނިއުމަތަށް ޝުކުރުވެރިވާން ދަސްކުރުން ކަމަށެވެ.

މޫސަ ވިދާޅުވީ ނަޝިދު ބޭނުންވެވަޑައިގެންނަވާއިރަށް ރައީސް ސޯލިހަށް މެސެޖަކުން ބޮޑުވަޒީރުކަން ބޭނުންވެވަޑައިގެންނަވާ ކަމަށް ދެންނެވުމަކީ ވަރަށް ބޮޑު ޖޯކެއް ކަމަށާ އެކަމަށް އާންމުންވެސް ޖޯކު ޖަހާނެ ކަމަށެވެ. މޫސަ ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް މެޖޯރިޓީ ދިނީ ރިޔާސީ ނިޒާމު ހިންގަން ކަމަށެވެ.

ބާރު ދީފައި އޮތީ މުޅި ސިސްޓަމް އޯވާހޯލްކޮށް ނިޒާމު ބަދަލުކޮށް ވަކި ބޭފުޅަކަށް ބޮޑުވަޒީރުކަން ހޯދާ ދިނުމަށް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް