ނުރައްކާތެރި ކޮރޯނާ ވައިރަސް މާލޭގައި އާންމުންގެ މެދުގައި ފެތުރެން ފެށި ގޮތް ބެލުމުގެ މަސައްކަތް އެޗްޕީއޭއިން ހުއްޓާލައިފި އެވެ.
މާލެއިން މިދިޔަ ބުދަ ދުވަހު ފުރަތަމަ ކޯވިޑަށް މީހަކު ޕޮސިޓިވްވުމާއި ގުޅިގެން އެޗްޕީއޭއިން ބުނީ އެމީހާ ބަލި ޖެހިފައިވާ ގޮތް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެމީހާ އާއި ގުޅުން ހުރި ޕޮސިޓިވް ކޭސްތަކުގެ ތެރެއިން ފުރަތަމަ ބަލި ޖެހުނު މީހަކާއި އެމީހާއަށް ބަލި ޖެހުނު ގޮތް ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ އެ މަސައްކަތް ހުއްޓާލީ ގުޅުން ނެތް އެތައް ބަޔަކު އޭގެ ފަހުން ޕޮސިޓިވް ވެފައިވާތީ ކަމަށެވެ. އެގޮތުން ފްލޫ ކްލިނިކަށް ދައްކާ ގިނަ ބަޔަކު މިހާރު ޕޮސިޓިވް ވަމުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ޑރ. އަފްޒަލް ވިދާޅުވީ އޭގެން އެނގިގެން ދަނީ މުޖުތަމައުއަށް ވަރަށް ބޮޑަށް ބަލި ފެތުރިފައިވާ ކަންކަމަށެވެ. ދެން ކުރަން ޖެހޭ މަސައްކަތަކީ ޕޮސިޓިވްވާ މީހުންނާއި ގުޅުން ހުރި މީހުން ދެނެގަނެ ބަލި ކޮންޓްރޯލް ކުރަން މަސައްކަތް ކުރުން ކަމަށެވެ.
މީގެ ކުރިިންވެސް އެޗްޕީއޭއިން ބުނެފައިވަނީ ޕޮސިޓިވްވާ މީހުންގެ އަދަދު މާބޮޑަށް އިތުރު ވެއްޖެ ނަމަ ބަލި ފެތުރެން ފެށިގޮތް ހޯދުން ހުއްޓާލާނެ ކަމަށެވެ.
މިހާތަނަށް މާލެއިން އެއްވެސް ޕޮސިޓިވް މީހަކާއި ގުޅުން ނެތް22 މީހަކު ވަނީ ބައްޔަށް ޕޮސިޓިވްވެފައި އެވެެ. އެއީ މާލޭގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކްތަކަށް ޑޮކްޓަރަށް ދެއްކި މީހުންނެވެ. މާލެއިން ޕޮސިޓިވްވި އަށް މީހެއްގެ ފަރާތުން ބަލި އަރާ ގިނަ ބަޔަކު ޕޮސިޓިވްވެފައިވެ އެވެ.
އެޗްޕީއޭއިން ބުނީ މާލޭގައި ޕޮސިޓިވްވާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް ތިރި ނުކުރެވިއްޖެ ނަމަ ދެ ހަފްތާ ތެރޭގައި ނުރައްކާތެރި ހާލަތަކަށް ދާނެ ކަމަށެވެ. އެކަމަކު މިހާރު ހިންގަމުންދާ ލޮކްޑައުންއާއި އެއްގޮތަށް އަމަލު ކުރެވިއްޖެ ނަމަ ނުރައްކާތެރި ހާލަތަކަށް ގޮސް ބަލި ޖެހޭ މީހުންގެ އަދަދު ދަށްވާން ފަށާނެ ކަމަށް ބެލެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް