ލޮކްޑައުން ރަނގަޅަށް ގޮސްފި ނަމަ ޕީކަށް ގޮސް ހަމައަކަށް އެޅެންފަށާނެ: ޑރ. އަފްޒަލް

ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ލޮކްޑައުންކޮށްފައިވާ މުއްދަތުގައި ދެމުންދާ އިރުޝާދުތަކަށް ބޯލަނބާ އަމަލުކޮށްފި ނަމަ މި ބަލީގައި ރާއްޖޭގެ މިސްރާބު ރަނގަޅުވާން ފަށާނެކަމަށް އައިޖީ...

21 Apr 2020 | 12:36

ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ލޮކްޑައުންކޮށްފައިވާ މުއްދަތުގައި ދެމުންދާ އިރުޝާދުތަކަށް ބޯލަނބާ އަމަލުކޮށްފި ނަމަ މި ބަލީގައި ރާއްޖޭގެ މިސްރާބު ރަނގަޅުވާން ފަށާނެކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ ބަލި ފެތުރޭކަން އެނގުނު ދުވަހުން ފެށިގެން ޕޮސިޓިވްވާ މީހުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ކަމީ ނުރައްކާތެރި ހާލަތަކަށް ބަލީގައި ރާއްޖެ ދާނެ ކަން ޔަގީންވާ ކަމެއް ކަމަށެވެ. މި ހާލަތުން އަރައިގަތުމަށް ގެނެވޭނެ ހައްލަކީ ލޮކްޑައުން ކުރުން ކަމަށެވެ.

އެ ފިޔަވަޅު އަޅާފައިވާކަން ފާހަގަ ކުރައްވާ ޑރ. އަފްޒަލް ވިދާޅުވީ ލޮކްޑައުންގައި އުސޫލްތަކާއި އިރުޝާދު ތަކަށް ކަމޭހިތައިފި ނަމަ ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ. ދެވަނަ ފިޔަވަޅަކީ އިޖްތިމާއީ ގައިދުރު ކަމެވެ. ކޮންމެހެން މަޖުބޫރީ ހާލަތެއްގައި ނޫނީ ހުއްދަ ހޯދައިގެން ބޭރަށް ނުނިކުތުމަށް މިއަދުވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ.

އޭނާ ވިދާޅުވީ މާލެ ސަރަހައްދުގެ ފުރަތަމަ ކޭސް އާއި އެކު ލޮކްޑައުން ކުރެވުނުލެއް ލަސް ނޫންކަމަށެވެ. އެއީ އާންމުންގެ މެދުގައި ބަލި ފެތުރެން ނުފަށަނީސް ލޮކްޑައުން ކުރުމުން އެ ފިޔަވަޅު އެޅި ސަބަބާއި މެދު ސުވާލު އުފެއްދުމުގެ ޖާގަ އޮންނާނެ ކަމަށެވެ.

މިހާލަތުން އަރައިގަތުމަށް އެންމެ އިސްކަމެއް ދޭންވީ ކިރިޔާވެސް ބަލީގެ އަލާމާތެއް ހުރި ނަމަ އެޗްޕީއޭއަށް ރިޕޯޓު ކުރުމެވެ. އޭރުން ޕޮސިޓިވްވާ މީހެއްގެ ފަރާތުން ގިނަ ބަޔަކަށް ބަލި ފެތުރުމުގެ ކުރިން ގުޅުން ހުރި މީހުން ދެނެގަނެވި ބަލި ކޮންޓްރޯލް ކުރަން ފަސޭހަވާނެ ކަމަށެވެ.

މި ބަލި ރާއްޖެއަށް ފެތުރެން ފަށާފައިވަނީ މީގެ ތިން ހަފްތާވަރު ކުރިން ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް