ކޯވިޑް-19 އާއި ގުޅިގެން ކުޅުދުއްފުށި ލޮކްޑައުންކޮށް ހިންގަން ނިންމާފައިވާ ކާފިއުއާ ހިލާފުވާ ފަރާތްތައް 500 ރުފިޔާ އާއި 5000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރަން ނިންމައިފިއެވެ.
އެ ކައުންސިލުން ބުނެފައިވަނީ ކުޅުދުއްފުށި ސިޓީ ލޮކްޑައުންކޮށް ކާފިއު އިޢުލާން ކުރެވިފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ2020/39 ނަންބަރު އެންގުމުގެ ނުކުތާ ނަންބަރު 1 (އެކެއް) ގައި ލޯކަލް ކައުންސިލްގެ އިޙްތިޞާޞް ހިނގާ ސަރަހައްދުތަކުގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު އޮތް މިންވަރަށާއި ހާލަތަށް ރިޢާޔަތްކޮށް އެއްވެ އުޅުން ހުއްޓުވުމަށާއި އިޖްތިމާއި ގައިދުރުކަން ޤާއިމު ކުރުމަށް ފިޔަވަޅު އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މި ކައުންސިލަށް ދެއްވާފައިވާ ބާރުގެ ދަށުން ކަމަށެވެ.
ކާފިއު އިޢުލާންކޮށްފައިވާ މުއްދަތުގައި ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެއްކަން އިތުރަށް ހަނދާން ކޮށްދެމުން އެ ކައުންސިލުން ބުނެފައިވަނީ މި އެންގުމާއި ހިލާފްވާ ފަރާތްތަކާއި މެދު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 143 މާއްދާއާއި ހަވާލާދީ ކައުންސިލުން ކުރާ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކާއި މެދު އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 (ފައްސަތޭކަ) ރުފިޔައާއި 5000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ ޢަދަދުކަން ޖޫރިމަނާ ފިޔަވަޅު އަޅުމަށް ލިބިދޭ ބާރުގެ ދަށުން ޢަމަލު ކުރަމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިފައިވާކަން އާންމުކޮށް އަންގާ ކަމަށެވެ.
ކުޅުދުއްފުށީގައި ލޮކްޑައުން ހިންގަން ފަށާފައިވަނީ މިއަދު މެންދުރު 12 އިން ފެށިގެންނެވެ. ހުކުރު ދުވަހުގެ މެންދުރު 12 އާއި ހަމައަށް މި ލޮކްޑައުން ދެމި އޮންނާނެ ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.
މިއީ މާލެއަށްފަހު ލޮކްޑައުން އިއުލާނުކުރި ފުރަތަމަ ރަށެވެ.
އެ ސިޓީގެ ކައުންސިލުން ބުނީ ލޮކްޑައުން ކުރަން ކުޅުދުއްފުށީގެ ކޮވިޑް ޓާސްކް ފޯހުން ނިންމީ، ހއ. އުލިގަމު މީހަކު ކޮވިޑް-19 އަށް ޕޮސިޓިވްވެފައިވާތީ ކަމަށެވެ. އެމީހާ މާލެއިން ރަށަށް ގޮސްފަިއވަނީ ހއ. އިހަވަންދޫ ބޯޓެއްގައި ކަމުން އެ ސަރަހައްދުގެ ގިނަ ރަށްތަކަކަށް މީހުން ގޮސްފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
ލޮކްޑައުން ހާލަތުގައި ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓް ތަކަށް ދެވޭނީ ޑެލިވަރީގެ ހިދުމަތް އެކަންޏެވެ. ޒަރޫރީ ބޭނުމެއްގައި ގެއިން ބޭރަށް ނުކުންނަށް ޖެހޭ މީހުންނަށް ކައުންސިލުން ދޫކުރާ ފާސްހިފައިގެން ނޫން ގޮތަކަށް ނުނިކުމެވޭނެ އެވެ.
ރަށްރަށުންދާ މީހުންގެ ތެރެއިން ސިޓީއަށް ފޭބުމުގެ ހުއްދަ ދޭން ނިންމާފައިވަނީ ތެލެސީމިއާ ކުދިންނަށާއި ޑަޔަލަސިސް ހަދަން ދާ މީހުންނަށެވެ. އެހެން ރަށްރަށަށް ގެންދަން ޖެހޭ މުދާ އަިދ ކާޑުގެ ބާވަތްތައް ބަނދަރާއި ހިސާބަށް ގެންދިއުމުގެ އިންތިޒާ ހަމަޖައްސާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް