މާލެ ލޮކްޑައުން ކޮށްފައިވާ މި ދަނޑިވަޅުގައި ހުޅުވާފައި ހުންނަ ފިހާރަތަކަށް ތަކެތި ގަންނަން ދާ މީހުންނަކީ ފުލުހުން ދޫކޮށްފައިވާ ބޭރަށް ނުކުތުމުގެ ހުއްދަ އޮތް މީހެއްތޯ ކަށަވަރު ކުރުމަށް ފަހު ނޫނީ ތަކެތި ނުވިއްކުމަށް އިކޮނޮމިކް މިނިސްޓްރީން އަންގައިފި އެވެ.
އެ މިނިސްޓްރީން މިއަދު ގެޒެޓްކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ ފިހާރަތަކުން ހިދުމަތް ހޯދަން ދާ ފަރާތްތަކުގެ އަތުގައި ފުލުހުން ދޫކޮށްފައިވާ ގްރޮސަރީ ޝޮޕިން ޕާމިޓް އޮންނަން ވާނެ އެވެ. އަދި ފިހާރަތަކުން އެ ހުއްދައިގެ ތަފްސީލް ލިއުމުން ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ރެކޯޑު ކުރަން ވާނެ ކަމަށް ބުނެފައިވެ އެވެ.
ހުއްދަ އާއި އެކު ތަކެތި ގަންނަން ނުކުންނަ ފަރާތްތަކުން ދުރާލާ ގަންނަން ދާ ތަކެތީގެ ލިސްޓެއް އެކުލަވާލަން ވާނެ ކަމަށް ބުނެފައިވެ އެވެ. އަދި އެ ލިސްޓުގެ މަތީގައި ފުލުހުން ދޫކޮށްފައިވާ ގްރޮސަރީ ޝޮޕިން ޕާމިޓް ނަމްބަރު ފެންނަން އިންނާނެ ހެން ޖަހަންވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
އިތުރަށް އެ މިނިސްޓްރީން ބުނީ އެއްޗެހި ގަންނަންދާ ފިހާރައަކީ ދުރާލާ އޯޑަރު ދެވޭ ތަނެއް ނަމަ އޯޑަރު ދިނުމަށް ފަހު ތަކެތި ބަލާ ދިއުން ރަނގަޅުވާނެ ކަމަށެވެ. އަދި ފިހާރައަށް ދާއިރު އުމުރުން ދުވަސްވީ މީހުންނާއި ކުޑަ ކުދިން ފިހާރަތަކަށް ނުދިއުމަށް އަންގާފައިވެ އެވެ.
ފިހާރައިގަ އުޅޭއިރު އާއި ފިހާރައިގެން ބޭރުގައި ކިޔޫ ހަދަން ޖެހޭނަމަ އެހެން މީހުންނާއި1 މީޓަރު ދުރުގައި އަދި ފިހާރައިގަ ހުންނަ ހަރުތަކުގަ އާއި ކައުންޓަރުގައި އަތް ނުލުމަށް އެދިފައިވެ އެވެ. މީހާވެސް ބޮޑަށް ފިހާރަތަކުން އޮންލައިންކޮށް ފައިސާ ބަލައިގަތުމަށް އިސްކަން ދިނުމަށް އިކޮނޮމިކް މިނިސްޓްރީން އަންގާފައިވެ އެވެ.
މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ވަނީ ރޯގާގެ އެއްވެސް އަލާމާތެއް ހުރި މީހަކު ޑިއުޓީއަށް ނުނެރުމަށް ފިހާރަތަކަށް އަންގާފައި އެވެ. އަދި މުވައްޒަފުން ތިބެންވާނީ މާސްކު އަޅައި އަންގި ލައްވައިގެން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
ގްރޮސަރީ ޝޮޕިން ޕާމިޓް ފުލުހުން ދޫކުރަނީ ކޮންމެ ގެއަކުން އެކަކަށް ތިން ދުވަހުން އެއް ދުވަހު އެވެ. އެ ހުއްދައިގެ ދަށުން ދެވޭނީ ވަކި ޒޯނުތަކެއްގައި ހުންނަ ފިހާރަތަކަށް ހިނގާފައި އެއް ގަޑިއިރަށެވެ.
ޒޯނުން ބޭރުވެއްޖެ ނަމަ ލޮކްޑައުނާއި ހިލާފުވިކަމަށް ބަލައި ފިޔަވަޅު އަޅާނެ އެވެ. މާލެ ވަނީ26 ޒޯނަކަށް ބަހާލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް