ކޯވިޑް-19 އާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން އޮންލައިން ކޮށް ހިންގާ ފްލޫ ކްލިނިކަށް ދާއްކާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވާން ފަށައިފި އެވެ.
އެ ހޮސްޕިޓަލުން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މާލެއިން ފުރަތަމަ ކޯވިޑް-19 ގެ ކޭސް ފެނުނު ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް158 މީހަކު ޑޮކްޓަރަށް ދައްކާފައިވެ އެވެ. އޭގެ ކުރިން އާންމުކޮށް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދައްކާ މީހުންގެ އަދަދު ދައްކާ މީހުންގެ އަދަދު30 އަށްވެސް ނާރަ އެވެ. އެކަމަކު ކްލިނިކް ހުޅުވި ދެވަނަ ދުވަހު100 މީހުން ދައްކާފައިވެ އެވެ.
މީގެ ކުރިން ބައެއް ދުވަސް ދުވަހު އެންމެ ދެމީހުން އޮންލައިން ފްލޫ ކްލިނިކަށް ދައްކާފައިވާއިރު އިއްޔެ އެކަނިވެސް45 މީހުން އޭޑީކޭ އޮންލައިން ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކާފައިވެ އެވެ. މިއީ މިމަހު އެންމެ ގިނަ މީހުން ޑޮކްޓަރަށް ދެއްކި ދުވަހެވެ.
ޑޮކްޓަރަށް ދެއްކި މީހުންގެ ފަރާތުން އާންމުކޮށް ފެނިފައިވާ ބަލިތަކުގެ ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ބުނެފައިވަނީ މިއަހަރުގެ މާޗްގެ ނިޔަލަށް އެ ހޮސްޕިޓަލުން ފަރުވާ ހޯދި 7،503 މީހަކަށް ނޭވާލާ އިންފެކްޝަން ޖެހިފައިވާ ކަމަށެވެ.
އޭޑީކޭ ހޮސްޕިޓަލުން ވަނީ އާންމުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން އޮންލައިންކޮށް ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމް ހަމަޖއްސާފައި އެވެ. އޮންލައިން ފްލޫ ކްލިނިކަށް ހިލޭ ދެއްކުނަސް ސްޕެޝަލިސްޓުންނަށް އޮންލައިންކޮށް ޑޮކްޓަރަށް ދެއްކެނީ ކަނޑައަޅާގައިވާ ފީ ދައްކައިގެންނެވެ.
އައިޖީއެމްއެޗުންވެސް ވަނީ ކޯވިޑް-19 އާއި ގުޅިގެން ބިދޭސީންނަށާއި ދިވެހިންނަށް ހާއްސަކޮށް ދެ ފްލޫ ކްލިނިކެއް ހުޅުވާފައި އެވެ. މީގެ ކުރިން އެ ކްލިނިކްތަކަށް ދައްކާ މީހުން ކޯވިޑަށް ޕޮސިޓިވްވެފައި ނުވިޔަސް ފުރަތަމަ ކޭސް ފެނުނު ދުވަހުގެ ފަހުން އެ ކްލިނިކްތަކަށް ދެއްކުމުން ޓެސްޓު ކުރާ ބައެއް މީހުން ދަނީ ބައްޔަށް ޕޮސިޓިވް ވަމުންނެވެ.
އެހެންވެ މިހާރު އެ ދެ ފްލޫ ކްލިނިކަށް ދައްކާ އެންމެން ދަނީ ކޯވިޑަށް ޓެސްޓު ކުރަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް