ގިނަ ބަޔަކު ކަރަންޓީނަށް: ގެންދެވޭނެ ތަކެތީގެ ލިސްޓެއް އެޗްޕީއޭއިން އާންމުންކޮށްފި

ކޯވިޑް-19 އާންމުންގެ ތެރޭގައި ފެތުރެން ފެށުމުން ބަލި ކޮންޓްރޯލް ކުރުމަށް ކަރަންޓީން ކުރަން ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާތީ ކަރަންޓީނަށް ދާއިރު ފެސިލިޓީތަކަށް ގެންދެވޭނެ ތަކެތީގެ ލިސްޓެއް ހެލްތް ...

21 Apr 2020 | 07:00

ކޯވިޑް-19 އާންމުންގެ ތެރޭގައި ފެތުރެން ފެށުމުން ބަލި ކޮންޓްރޯލް ކުރުމަށް ކަރަންޓީން ކުރަން ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާތީ ކަރަންޓީނަށް ދާއިރު ފެސިލިޓީތަކަށް ގެންދެވޭނެ ތަކެތީގެ ލިސްޓެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އާންމު ކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ ފެސިލިޓީއަށް ދާއިރު ބޭނުން ނަމަ އާންމުކޮށް ގެންގުޅޭ އެއްޗެހި ގެންދެވޭނެ ކަމަށެވެ. އޭގެ ތެރޭގައި ބޭހާއި އިލެކްޓްރޯނިކް ސާމާނާއި ނަމާދު ކުރާ އެއްޗެހި ހިމެނެ އެވެ. އަދި ކުޑަކުދިންނަށް ކުޅޭ އެއްޗެހިވެސް ގެންދެވެ އެވެ.

ކަރަންޓީން ފެސިލިޓީއަށް ދާއިރު ގެންދެވޭ ތަކެތި:

ބާމު، މަދިރި ލޯޝަން، އަމިއްލަ ތުވާލި ބޭނުން ކުރަން ބޭނުން ނަމަ ތުވާލި،

އެއާފްރެޝްނާ (ބޭނުން ނަމަ)، ފެންވަރާ އަދި ރީތިވާ ސާމާނު،

ގަވައިދުން ކާ ބޭސް، ފަސްއެއިޑް ބޮކްސް،

ކުޑަކުދިން ފޫހިފިލުވަން ކުޅޭ ސާމާނު

ލެޕްޓޮޕް، ޗާޖަރު

މީގެ އިތުރުން ފޮތާއި، ކުލަ ޖައްސަން ބޭނުންވާ ސާމާނާއި، ގަނޑުފަދަ އެއްޗެހިވެސްް ގެންދެވޭނެ އެވެ.

ކަރަންޓީން ފެސިލިޓީއެއްގައި14 ދުވަސް އެއްތަނެއްގައި ވަކިން ހޭދަ ކުރަން ޖެހޭނެ އެވެ. ބައެއް ހާލަތްތަކުގައި ކުޑަކުއްޖެއް ނަމަ ބެލެނިވެރިއަކަށް އެ ކުއްޖާ އާއި އެކު ހުރެވެ އެވެ.

މީހުން ދިރިއުޅޭ ރަށްތަކުގައި ބަލި ފެތުރެން ފަށާފައިވާއިރު މިހާތަނަށް ޕޮސިޓިވް މީހުން ފެނިފައިވަނީ މާލެއިންނާއި ހއ. އުލިގަމުންނެވެ.

ކަރަންޓީނަށް ގެންދަން ޖެހޭ މީހުންގެ އަދަދު ޕޮސިޓިވް ކޭސްތައް އިތުރުވަމުންދާ ވަރަކަށް ގިނަވާތީ އެޗްޕީއޭއިން ވަނީ ކަރަންޓީނަށް ވަކި ބަޔަކު ގެންދަން ނިންމާފައި އެވެ. އެގޮތުން މިހާރު ސަރުކާރުގެ ކަރަންޓީން ފެސިލިޓީތަކަށް ގެންދަނީ ޕޮސިޓިވްވާ މީހާ އާއި ސީދާ ގުޅުން ހުންނަ މީހުންނާއި އެމީހުންނާއި ގުޅުން އޮންނަ މީހުންގެ ތެރެއިން ބަލީގެ އަލާމާތްތައް ފެންނަ މީހުންނެވެ. އެހެން މީހުން ބައިތިއްބަނީ ގޭގައި އައިސޮލޭޓް ކޮށްފައި އެވެ.

ރޭގެ ނިޔަލަށް ރާއްޖޭގެ އެކި ރިސޯޓުތަކާއި ހުޅުމާލޭއާއި ހުޅުލޭގައި ގާއިމްކޮށްފައިވާ ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ޖުމްލަ1260 މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުން އައިސް ތިބި ދިވެހިންވެސް ހިމެނެ އެވެ.

މި އެންމެން14 ދުވަހުގެ ކަރަންޓީނަށް ފަހު ދޫކޮށްލާނީ ކޯވިޑް-19 އަށް ޓެސްޓުކޮށް ނެގެޓިވް ވެއްޖެ ނަމަ އެވެ. ކަރަންޓީން މުއްދަތު ހަމަވުމުގެ ކުރިން ބައެއް މީހުން އަލާމާތްތައް ފެންނާތީ ޓެސްޓު ކުރާއިރު ބައްޔަށް ދަނީ ޕޮސިޓިވް ވަމުންނެވެ.

މިހާތަނަށް ރާއްޖެއިން82 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާއިރު ގިނައީ މާލެއިން ޕޮސިޓިވްވެފައިވާ މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް