ރާއްޖޭގައި އާންމުންގެ މެދުގައި ކޯވިޑް-19 ފެތުރެން ފެށުމުން މިހާރު ބޭރަށް ނުކުންނަށް ޖެހޭނީ މާސްކު އަޅައިގެން ކަމަށް ކޯވިޑް-19 ގެ ޓެކްނިކަލް އެޑްވައިޒަރީ ޓީމް (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފު ވިދާޅުވެއްޖެ އެވެ.
މިހާތަނަށް ޓެގް ޓީމުން ބުނަމުން އައީ ރާއްޖޭގައި އާންމުންގެ މެދުގައި ބަލި ނުފެތުރޭނަމަ މާސްކު އެޅުމަކީ ކޮންމެހެން މުހިންމު ކަމެއް ނޫން ކަމަށެވެ. އަދި އާންމުންގެ މެދުގައި ބަލި ނުފެތުރޭހާ ހިނދަގު މާސްކު އަޅަން ޖެހޭނީ ބަލި މީހުން އެކަނި ކަމަށެވެ.
މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. އަލީ ލަތީފު ވިދާޅުވީ މިހާރު އޮތް ހާލަތުގައި އެއްވެސް ކަމަކު ބޭރަށް ކޮންމެހެން ދާން ޖެހިއްޖެ ނަމަ މާސްކް އަޅައިގެން ދިއުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ހާއްސަކޮށް މަގުމަތިން މީހަކާ ބައްދަލުވެދާނެ ކަމަށް ބަލައި އަދި ފިހާރަތަކަށް ވަންނަ އިރު މާސްކު އެޅުމުން މުހިންމު ކަމަށެވެ.
އޭނާ ވިދާޅުވީ ކުރިން މާސްކު އެޅުން މުހިންމު ނޫންކަމަށް ވިދާޅުވީ މާލެ ތެރެއަށް ބަލި ފެތުރިފައި ނުވާތީ ކަމަށެވެ.
ޑރ. އަލީ ލަތީފު ވިދާޅުވީ މި ބަލިން ރައްކާތެރި ވެވޭނެ އެންމެ ރަނގަޅު ގޮތަކީ ގޭގައި ތިބުން ކަމަށެވެ. އެކަމަކު އެނޫން ގޮތެއް ނެތިގެން ބޭރަށް ދާންޖެހޭ ނަމަ މާސްކު އެޅުން ވަރަށް މުހިންމު ކަމަށެވެ.
އެކަމަކު މިރޭ ވިދާޅުވީ މާސްކު އެޅުމަށްވުރެ ގޭގައި ތިބުމުން ބަލި ޖެހުމުގެ ފުރުސަތު ކުޑަވާނެ ކަމަށެވެ. އަދި ބަލި ޖެހިއްޖެ ނަމަ ގުޅުން ހުރި މީހުން ހޯދަން ފަސޭހަވާނެ ކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް ސިއްހީ މާހިރުން އިރުޝާދު ދެނީ އެ ގައުމެއްގައި ބަލި ނުފެތުރޭ ނަމަ އާންމުކޮށް އެންމެން މާސްކު އެޅުމަކީ މުހިންމު ކަމެއް ނޫންކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް