ކޮރޯނާ ވައިރަސްގެ ބިރު ބޮޑުވެ މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއި އެކު ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތައް ބަނޑަށް ޖެހި މަރުވާން ފެށި ފަހުން ފުލުހުން ކޮތަރުތަކަށް ކާންދޭން ފަށައިފި އެވެ.
މިއަދު ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯތަކުން ފެންނަ ގޮތުގައި ކޮތަރުތަކަށް ކާންނުލިބިގެން ގިނަ އަދަދެއްގެ ކޮތަރުތައް ޖުމްހޫރީ މައިދާނުގައި ބޮނޑިއަކަށް އެއްވެފައި ތިބޭތަން ފެނެ އެެވެ. އެ ފޮޓޯތައް ހިއްސާ ކުރި މިހާ ބުނެފައިވަނީ އޭގެތެރެއިން ގިނަ ކޮތަރު ތިބީ މަރުވެފައި ކަމަށެވެ.
އެހެން މީހަކު ހިއްސާ ކުރި ވީޑިއޯއެއްގައި ފެންނަނީ ކޮތަރުތައް ކާއެއްޗެއް ނުލިބިގެން ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތަކުގައި އުޅޭތަނެވެ. އާންމުކޮށް ކޮތަރަށް ކާންދެނީ އެތަނަށް ދާ ކުޑަކުދިންނާއި ބޮޑެތި މީހުންނެވެ.
މިއާއެކު މިއަދު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮތަރަށް ކާންދިނުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމަށެވެ. އެހެން ވިދާޅުވެ ފުލުހަކު ކޮތަރަށް ކާންދޭން ހުންނަ ފޮޓޯއެއް ހިއްސާ ކުރެއްވި އެވެ.
މީގެ އިތުރުން މާލޭގެ ލޮކްޑައުނާއި ގުޅިގެން އެންމެ ހާސްކަމުގެ ތެރޭގައި ތިބީ ތެލަސީމިއާ ކުދިންނެވެ. އެ ކުދިންނަށް އެއް ދުވަހަށް ވާވަރަށްވެސް ލޭ ނެތިގެން މިއަދު އިއުލާނު ކުރުމާއި އެކު ފުލުހުން ވަނީ އެކަމަށްވެސް އިސް ނަގައި ލޭ ހަދިޔާ ކޮށްފައި އެވެ.
ސީޕީ ހަމީދު ވިދާޅުވީ މި ދެ ކަމުގައި އަމަލީގޮތުން ބައިވެރިވީ ނެއިބާހުޑް ޕޮލިހުން ކަމަށެވެ. އަދި ފުލުހުން އެންމެންގެ ހިދުމަތުގައި ތިބޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް