ފ އަތޮޅު ދެ ފަޅުރަށެއް، ރިސޯޓް ހަދަން ބީލަމަށް ލާން ނިންމައިފިއެވެ.
މިކަން އިއުލާނު ކުރަމުން "ރަށްވެހި ފަތިސް" ކެމްޕޭން ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފުޅާ ކުރަން ބޭނުންވާ ކަމަށާއި އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެމްޑީޕީގެ ޓިކެޓްގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ފ. އަތޮޅު ކައުންސިލަށް ވާދަ ކުރައްވާ ކެންޑިޑޭޓުންނާއެކު ރޭ ކުރިއަށް ގެންދިޔަ ކެމްޕޭން ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ވިދާޅުވީ އެނބުލުފުއްޓާއި ޖިންނަތުގައު މި އަހަތުތެރޭ ބީލަމަށް ލާނެ ކަމަށެވެ.
ފ. އަތޮޅުގައި ފަތުރުވެރިކަން ފުޅާ ކުރަން ސަރުކާރުން ބޭނުންވާ ކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުގައި ވަނީ ފ. އަތޮޅުގެ ތިން ރަށެއްގައި ރިސޯޓް ތަރައްގީކުރުމަށް ބަޔަކާ ހަވާލުކުރި ނަމަވެސް އެ ރަށްތަކުގެ މަސައްކަތް ހަލުވި މިނެއްގައި ކުރިއަށް ނުދާ ކަމަށެވެ. އެހެންކަމުން އެކަން ހައްލު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދުޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރިސޯޓް ތަރައްގީކުރަން ބަޔަކާ ހަވާލުކުރީ ފ. ހިމިއްޗާއި، މުށިމަސްގިލި އަދި މާފުއްޓެވެ.
ފ އަތޮޅެ ދެ ފަޅުރަށެއް، ރިސޯޓް ހަދަން ބީލަމަށް ލާން ނިންމާފައި ވީ ނަމަވެސް، ދެ ރަށް ބީލަމަށް ލާނެ ވަކި ތާރީހެއް ރައީސް ވިދާޅުވެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް