ރޭގަނޑު 8:00 އިން ފެށިގެން މާލެ ސަރަހައްދުގައި ހިންގާ ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތަކުން ޓޭކްއަވޭ އާއި ޑެލިވަރީ ފިޔަވައި އިތުރު ހިދުމަތްތައް ދިނުން ހުއްޓާލަން އެޗްޕީއޭއިން އެންގި އެންގުން މިއަދު ބާތިލުކޮށްފި އެވެ.
މިކަމާ ގުޅޭގޮތުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ އެޗްޕީއޭއިން މިއަދު ނެރުނު އެންގުމުގައި ބުނެފައިވަނީ މާލެ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށްޓާއި ގުޅީފަޅުގައި ހިންގާ ކެފޭ، ހޮޓާ އަދި ރެސްޓޯރަންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން، ހުޅުވައިގެން ހިދުމަތް ދިނުން ރޭގަނޑު 10:30އާ ހަމައަށް ހުޅުވާލަފައިވާ ކަމަށެވެ.
ރޭގަނޑު 8:00 އިން ފެށިގެން މާލެ ސަރަހައްދުގައި ހިންގާ ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތަކުން ޓޭކްއަވޭއާއި ޑެލިވަރީ ފިޔަވައި އިތުރު ހިދުމަތްތައް ދިނުން ހުއްޓާލަން އެޗްޕީއޭއިން އެންގި އެންގުމުގެ މުއްދަތު ހަތަރު ދުވަހަށް އިތުރު ކުރީ ރޭގަ އެވެ.
ނަމަވެސް މިއަދު އާންމުކުރި އެންގުމުގައި ބުނީ، އެ އެންގުން މިހާރު ބާތިލްކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި އަދި ވަކިން ހާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވުމާއެކު މާލެ ސަރަހައްދުގައި ކާފިއު ހިންގުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ..
ރާއްޖެއިން މިހާތަނަށް 22،373 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، އެ ބަލީގައި 66 މީހުން ވަނީ މަރުވެފަ އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް