ގއ. ނިލަންދޫގައި މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ފުލުހުން ކުރިއަށް ގެންގޮސްފި

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކުރުމަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، ގއ. ނިލަންދޫ ޕޮލިސް ޑެސްކުން އެ ރަށުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ...

21 Mar 2021 | 05:07

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކުރުމަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، ގއ. ނިލަންދޫ ޕޮލިސް ޑެސްކުން އެ ރަށުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. މި ޕްރޮގްރާމްގެ ތެރެއިން، އެ ރަށުގެ ފިހާރަތަކާއި ހޮޓާ ރެސްޓޯރެންޓް ތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން، އެ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް ސީސީޓީވީ ކެމެރާ ހަރުކުރުމަށާ އަދި ކަރަންޓު ކެނޑިގެންދާ ވަގުތު އިތުރަށް ރައްކާތެރިވުމަށް އެމެޖެންސީ ލައިޓު ހަރުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ކުށްކުރާ ފަރާތްތަކާމެދު ސަމާލުވުމަށާއި ކުށެއްކޮށްފާނެ ކަމަށް ޝައްކުކުރެވޭނަމަ ނުވަތަ ކުށެއްގެ އަމަލު ހިންގައިފިނަމަ އެކަމެއް ވީހާވެސް އަވަހަކަށް ފުލުހުންނާ ހިއްސާކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

އޭގެ އިތުރުން، ފައިސާ ވީހާވެސް ރައްކާތެރިގޮތުގައި ގެންގުޅުމަށާއި ފިހާރަތަކުން ވިޔަފާރިކުރުމަށްފަހު އޮންލައިންކޮށް ފައިސާދެއްކިކަމުގެ ސައްހަނޫން ސްލިޕް ފޮނުވައި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކާ ގުޅޭގޮތުންނާއި އެފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިވެތިބުމަށް މައުލޫމާތު ދީފައިވެއެވެ.

އަދި 18 އަހަރުން ދަށުގެ ކުދިންނާއި ބިދޭސީން ކޭޝިއަރުންގެ ގޮތުގައި ފިހާރައިގައި ނުބޭތިއްބުމަށާ އަދި ވިޔަފާރި ބަންދުކޮށްފައި ދާއިރު ފައިސާ ނުބެހެއްޓުމަށާއި ރަނގަޅަށް ތަޅުލެވުނުތޯ ޔަގީން ކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ކޯވިޑް 19 އިން ރައްކާތެރިވުމަށް އެޗްޕީއޭގެ އެންގުންތަކަށް އަމަލުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އަދިވެސް އޭގެ އިތުރުން، ނިލަންދޫ ސްކޫލުގެ ގްރޭޑް 8 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް، މި މަހުގެ 17 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައިވެއެވެ.

އެ ޕްރޮގްރާމްގައި، ރަނގަޅުގޮތުގައި ދަރިވަރުންގެ އަހުލާގު ބައްޓަންކުރުމަށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، ސްކޫލާ އަދި އެހެނިހެން ތަންތާގައި އުޅޭއިރު ދަރިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތާއި ނަމޫނާ ކުދިންތަކަކަށް ވުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ބޮޑެތި މީހުންނަށް އިހުތިރާމް ކުރުމާއި މުޖުތަމައުގައި ހިންގާ ކުށްތަކާއި ކުށުގެ ވެށިން ދުރުހެލިވެ ރައްކާތެރިވެތިބުމަށް މައުލޫމާތު ދީފައިވެއެވެ. އަދި މުޖުތަމައުގައި ފުލުހުންގެ ދައުރާއި ފުލުހުންގެ މަސައްކަތްތަކުގެ މައުލޫމާތު ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ހިއްސާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް