ކޯވިޑް-19 : ޕާކިސްތާނުގެ ބޮޑުވަޒީރަށް އަވަސް ޝިފާއަކަށް ރައީސް އެދިވަޑައިގެންފި

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން، ކޯވިޑް-19އަށް ޕޮޒިޓިވް ވުމާއިގުޅިގެން އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މެސެޖެއް ފޮނުއްވައިފިއެވެ...

21 Mar 2021 | 04:07

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން، ކޯވިޑް-19އަށް ޕޮޒިޓިވް ވުމާއިގުޅިގެން އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މެސެޖެއް ފޮނުއްވައިފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި މެސެޖުގައި، ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ބޮޑުވަޒީރަށް اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުން އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެއެވެ. އަދި މުޅި ދުނިޔަށް ކުރިމަތިވެފައިވާ ކޯވިޑް-19 ޕެންޑަމިކް އިން އަރައިގަތުމަށް އަމާޒުހިފައިގެން ކުރަމުންގެންދާ މަސައްކަތުގައި ޕާކިސްތާނު ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޕާކިސްތާނާއި ރާއްޖޭގެ ރަހުމަތްތެރި ގުޅުން އެގޮތުގައި ދެމި އޮންނާނެކަމަށާއި އަދި ދެޤައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާނަށް ކޯވިޑް-19 ޖެހިފައިވާއިރު ކޯވިޑް-19އިގެ ވެކްސިންގެ ފުރަތަމަ ޑޯޒް އިމްރާން ޚާން ޖައްސަވާފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ. ކޯވިޑް-19އަށް އެމަނިކުފާނު ތަހުލީލު ކުރީ ކޮންމެވެސް ވަރެއްގެ ކެއްސުމެއް ތަޖުރިބާ ކުރެއްވުމުންނެވެ. ބަލި ޖެހިފައިވާކަން އެނގުމުން އެމަނިކުފާނުވަނީ ގެކޮޅުގައި އެކަހެރިވެވަޑައިގެންފައެވެ. ކޮންމެވެސް ވަރެއްގެ ހުމެއް ހުރި ނަމަވެސް އެމަނިކުފާނުގެ ޙާލުކޮޅު ރަނގަޅުކަމަށް ޕާކިސްތާނުގެ ސަރުކާރުން ބުނެއެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް