ކުއްލި ހާލަތުގައި ފަރުވާ ދެވޭގޮތަށް ޕޮސިޓިވް އެންމެން ވެލިދޫ ކަރަންޓީނަށް ބަދަލުކޮށްފި

ރާއްޖޭގައި ކޮރޯނާ ވައިރަހަށް ޕޮސިޓިވްވި މީހުންގެ ތެރެއިން 10 މީހުން އއ. ވެލިދޫ އައިލެންޑް ރިސޯޓުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީއަށް ބަދަލުކޮށްފި އެވެ. ވެލިދޫ ރިސޯޓަކީ2019ވަނަ އަހަރުގެ ފަހުކޮ...

21 Mar 2020 | 18:04

ރާއްޖޭގައި ކޮރޯނާ ވައިރަހަށް ޕޮސިޓިވްވި މީހުންގެ ތެރެއިން 10 މީހުން އއ. ވެލިދޫ އައިލެންޑް ރިސޯޓުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީއަށް ބަދަލުކޮށްފި އެވެ.

ވެލިދޫ ރިސޯޓަކީ2019ވަނަ އަހަރުގެ ފަހުކޮޅު ބަންދުކޮށްފައިވާ ރިސޯޓެކެވެ. އެ ރިސޯޓުގައި100 މީހުންގެ ޖާގަ ހުރި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މިހާރު އެ ރިސޯޓުގައި ތައްޔާރީ ހާލަތުގައި80 މީހުންގެ ޖާގަ ހުރި އިރު16 މީހުން އައިސޮލޭޝަންގައި އެބަތިއްބެވެ. އޭގެ ތެރޭގައި ރާއްޖެއިން ބައްޔަށް ޕޮސިޓިވްވި10 މީހުން ހިމެނެ އެވެ.މި10 މީހުންގެ ތެރެއިން އެކަކަކީ މިއަދު ބަލިން ރަނގުވިކަން އިއުލާނު ކުރި މީހެކެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ނޭވާލާ ނިޒާމުގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ ވެލިދޫގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީގައި ކުއްލި ހާލަތުގައި ފަރުވާ ދިނުމަށް ބޭނުންވާނެ ހުރިހާ ސިއްހީ އާލާތްތަކެއް ހުންނާނެ ކަމަށެވެ. އެ ރަށުގައި ބައްޔަށް ޕޮސިޓިވްވެފައި ތިބި މީހުން އައިސޮލޭޓްކޮށްފައި ތިބުމުން އައިސީޔޫ ސެޓަޕެއްވެސް ހުންނާނެ ކަމަށް ވިދާޅުވި އެވެ.

ޑރ. މުރާދު ވިދާޅުވީ އެ ރަށުގައި ފިޒީޝަނަކާއި އެތެރެހަށީގެ ޑޮކްޓަރެއް ހުންނަވާނެ ކަމަށެވެ. އަދި ޑިއުޓީ ބަދަލުވާ ގޮތަށް މަދު ނުވާވަރަށް މެޑިކަލް އޮފިސަރުންނާއި ނަރުހުން ތިއްބަވާނެ ކަމަށް ވިދާޅުވި އެވެ.

ކޮރޯނާ ވައިރަހަށް ޕޮސިޓިވްވެ ހާލު ސީރިއަސް ނޫން މީހުން ކުރިން ތިބީ ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީގައި އެވެ. ވެލީދޫއަށް އެމީހުން ބަދަލު ކުރީ މަދިރި އުޅޭތީ އާއި އެނޫންވެސް ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ފަރުކޮޅުފުށީގައި ހުރުމުން އެ މަސައްކަތްތައް ކުރުމަށެވެ.

ރާއްޖެއިން ކޮރޯނާ ވައިރަހަށް13 މީހަކު ޕޮސިޓިވްވި އެވެ. އޭގެ ތެރެއިން ތިން މީހަކު ރަނގަޅުވިކަން ސަރުކާރުން ވަނީ އިއުލާނުކޮށްފައި އެވެ.

އެކަމަކު އެމީހުން އިތުރު14 ދުވަސް އައިސޮލޭޝަންގައި މަޑުކުރަން ޖެހޭނެ އެވެ. ރަނގަޅުވި މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދިން ދެމީހުން އައިސޮލޭޓް ކޮށްފައިވަނީވެސް އެ ހޮސްޕިޓްލްގައި އެވެ. ދެން ރަނގަޅުވި ކުރެއްދޫގެ ޑޮކްޓަރު ހުރީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް