ކޮރޯނާވައިރަހާއި ހެދި ހާސްނުވާކަން އަންގަން އުތުރު ކޮރެއާއިން މިސައިލް ތަކެއް ތަޖުރިބާކޮށްފި

ދުނިޔޭގެ އެކި ހިސާބުތަކުގައި އެންމެ ބޮޑަށް ކޮވިޑް-19 ފެތުރެމުން ދާ ދަނޑިވަޅެއްގައި އުތުރު ކޮރެއާއިން މިސައިލް ތަކެއް ތަޖުރިބާ ކޮށްފިއެވެ. ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން މިކަން ހާމަކޮށް ބުނެފައިވަނީ ...

21 Mar 2020 | 17:56

ދުނިޔޭގެ އެކި ހިސާބުތަކުގައި އެންމެ ބޮޑަށް ކޮވިޑް-19 ފެތުރެމުން ދާ ދަނޑިވަޅެއްގައި އުތުރު ކޮރެއާއިން މިސައިލް ތަކެއް ތަޖުރިބާ ކޮށްފިއެވެ. ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން މިކަން ހާމަކޮށް ބުނެފައިވަނީ އުތުރު ކޮރެއާއިން ތަޖުރިބާކޮށްފައިވަނީ ކުރު ރާސްތާގެ މިސައިލްތަކެއް ކަމަށާއި މި މިސައިލްތަށް ފޮނުވާލައިފައިވަނީ ކޮރެއާގެ ހުޅަނގުން ކަނޑަށް ކަމަށެވެ. މިކަން ވަނީ ޖަޕާނުންވެސް ކަށަވަރު ކޮށްދީފައެވެ.

އުތުރު ކޮރެއާގެ ކަންކަން ދިރާސާކުރާ ފަރާތްތަކުން ބުނެފައިވަނީ އެ ގައުމުން މި މިސައިލްތައް ތަޖުރިބާ ކޮށްފައިވަނީ ކޮވިޑް-19 ވައިރަހަށް ޖެހިލުން ނުވާކަން ހާމަކުރުމުގެ ގޮތުން ކަމަށެވެ. ކޮވިޑް-19 ކޮންޓްރޯލްކުރުމަށްޓަކައި ދުނިޔޭގެ ގިނަ ގައުމުތަކުން ދަތުރުފަތުރު ހުއްޓާލައި މީހުން ގެއިން ނުނިކުތުމަށް އަންގަމުން ދާ ދަނޑިވަޅެއްގައި އުތުރު ކޮރެއާއިން ވަނީ އޭޕްރިލް މަހުގައި އެގައުމުގެ ގާނޫނު ހަދާ ބޮޑު މަހާސިންތާއެއް ބާއްވާނެކަން ވެސް އިއުލާނުކޮށްފައެވެ. މި މަހާސިންތާގައި އެގައުމުގެ އެންމެ އިސް 700 ވެރިން ބައިވެރިވާއިރު މީގެން ދޭހަވެގެން ދަނީ އެގައުމުގައި ކޮވިޑް-19 ގެ އެއްވެސް ހާސްކަމެއް ނެތްކަމެވެ.

އުތުރު ކޮރެއާއިން ކޮވިޑް-19 ވައިރަސް ފެނިފައިވާކަމަކަށް ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ކޮވިޑް-19 ފެނުނު ޗައިނާއާއި ޖެހިގެން އޮންނަ އުތުރު ކޮރެއާއިން މި ބަލި ފެނިފައިވާކަމަށް އެމެރިކާގެ އަސްކަރިއްޔާގެ އިސް ވެރިޔަކު ވަނީ ބުނެފައެވެ.

ކޮވިޑް-19 297،000 އަށް ވުރެ ގިނަމީހުނަށް ޖެހިފާ ވާއިރު މިބަލީގައި 12،800 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އަދި މިބަލި ފަސޭހަވި މީހުންގެ އަދަދު އުޅެނީ 94،000 އަށްވުރެ މަތީގައެވެ. ދިވެހި ރާއްޖޭގައިވެސް 13 މީހެއްގެ ގައިން މިބަލި ފެނުނު އިރު މީގެ ތެރެއިން ތިން މީހަކު ވަނީ މިބަލިން ފަސޭހަވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް