ޖެނީވާ (މާޗް 21) - މުޅި ދުނިޔޭގައި ވެސް މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ނުރައްކާ ޒުވާނުންނަށް ވެސް އެބައޮތް ކަމަށާއި ޒުވާނުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިންޒާރު ކޮށްފި އެވެ.
"މިއަދު އަޅުގަނޑުގެ މެސެޖް އޮތީ ޒުވާނުންނަށް. ތިޔަ ބޭފުޅުންނަށް ވެސް މި ރޯގާ އިން ސަލާމަތެއް ނެތް. މި ވައިރަހުގެ ސަބަބުން ތިޔަ ޒުވާނުން ވެސް ހޮސްޕިޓަލުގައި ހަފުތާތަކެއް ހޭދަކުރަން ޖެހިދާނެ. ނޫނީ ބަލީގައި މަރުވެސް ވެދާނެ. ޒުވާނުން ބަލި ނުވި ނަމަވެސް ޒުވާނުން ގޮސް، އެއްވެ އުޅޭ ތަންތަނުގެ ސަބަބުން އެހެން މީހުންގެ ފުރާނަ ނުރައްކަލަށް ވެއްޓިދާނެ،" ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވި އެވެ.
ކޯވިޑް-19 ގެ ނުރައްކާ ބޮޑީ އުމުރުން ދުވަސްވީ މީހުންނާއި އެހެން ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންނަށް ވިޔަސް، ޓެޑްރޯސް ވިދާޅުވީ ޒުވާނުންނަށް ވެސް ބަލިޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ކޯވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު މީގެތެރެއިން ތިން މީހަކު ވަނީ މި ބަލިން ފަސޭހަވެފައެވެ. މުޅި ދުނިޔެއިން 978،284 މީހުނަށް މިބަލި ޖެހިފައިވެއެވެ. މަރުވެފައި ވަނީ 11،842 މީހުންނެވެ. ބަލިން ރަނގަޅުވީ 93،576 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް