މާލެ އަތޮޅު ރިސޯޓެއްގައި މަސައްކަތް ކުރާ ދެ މުވައްޒަފުން އަމިއްލައަށް ދަތުރު ހަމަޖައްސައިގެން ރިސޯޓުން ފިލައިގެން ގޮސްގެން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.
އެއީ ދެ ދިވެހިންނެވެ. އެމީހުން ހައްޔަރު ކުރީ މާލެ ގޮސް ވައިގެ މަގުން ފުވައްމުލަކު ސިޓީއަށް ގޮސް އުޅެނިކޮށެވެ.
ފުލުހުން ބުނި ގޮތުގައި މި ދެމީހުން ހައްޔަރު ކޮށްފައިވަނީ ރޭ 11:30 ހާއިރު ކަމަށެވެ. އެމީހުން ރިސޯޓުން ފިލީ ބުރާސްފަތި ދުވަހު އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރާއި 29 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ އެެދެމީހުންގެ ބަންދަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
މިދިޔަ ހަފްތާގައި އައްޑޫ ސިޓީ ސައުތް ޕާމް ރެސޯޓުގެ ދިވެހި މުވައްޒަފަކު ފަތާފައި އެ ސިޓީގެ މީދޫއަށް އެރުމުން ފުލުހުން ވަނީ ހައްޔަރު ކޮށްފައި އެވެ. އޭނާގެ ބަންދަށް 15 ދުވަސް ވަނީ ކޯޓުން ޖަހައިދީފަ އެވެ.
ކޮރޯނާ ވައިރަސް އާއި ގުޅިގެން ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދަތުރު ކުރުން ވަނީ ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު މަނާ ކުރައްވާފައި އެވެ. އެއީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާތީ އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް