ކޮރޯނާ ވައިރަސް ރާއްޖެއިން ފެނުމާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އަޅަމުންދާ ބޮޑެތި އަދި ވަރުގަދަ ފިޔަވަޅުތަކާއި ގުޅިގެން ބައެއް އާންމުންގެ ހުރި ހިތްހަމަ ނުޖެހުންތަކަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ޖަވާބުދެއްވައިފި އެވެ.
ރޭ ރޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަމީން ވިދާޅުވީ ދުރާލާ ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން އަޅަމުންދަނީ ވަރުގަދަ ބޮޑެތި ފިޔަވަޅުތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މި ފިޔަވަޅުތައް ތަންފީޒު ކުރެވޭނީ ރައްޔިތުންގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ލިބިގެން ކަމަށެވެ.
ރާއްޖެއިން މިހާރު އަޅަމުންދާ ފިޔަވަޅުތަކަކީ ބަލި ފެތުރެން ފަށާފައިވާ ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކެކެވެ. އެކަމަކު މިނިސްޓަރު ވިދާޅުވީ މިހާރު ރާއްޖޭގައި ބަލި ފެތުރިދާނެ ކަމަށް ބެލެވޭ މިންވަރު ކުޑަ ކަމަށެވެ
މި ފިޔަވަޅުތައް އެޅުމުގެ މައިގަނޑު މަގުސަދަކީ ރާއްޖެއަށް ބަލި ފެތުރުމުގެ ފުރުސަތު ހަނިކުރުމެވެ. ކޮރޯނާ ވައިރަސް އަކީ ނުރައްކާތެރި މިންވަރަކަށް އަވަހަށް ފެތުރިގެންދާ ބައްޔެކެވެ.
މިނިސްޓަރު ވިދާޅުވީ މިހާ ނުރައްކާތެރި ބައްޔެއް މުޅި ރާއްޖެއަށް ފެތުރިއްޖެ ނަމަ ރާއްޖެ އުފެދި ހިދުމަތްތައް ދޭން ރޭވިފައިވާ ގޮތުން ބޭނުންވާ އަވަސްމިނުގައި ހުރިހާ ވަސީލަތްތަކާއި އެކު ހިދުމަތް ދިނުމަކީ ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދަށް މިކަމުން އަސަރެއް ކޮށްފި ނަމަ ރާއްޖެ ފަދަ ގައުމުން ބޭރަށް މަިއގަނޑު ހުރިހާ ކަމެއްގައި ބަރޯސާ ވާންޖެހޭ ގައުމަކަށް މިކަމުން އަރައިގަތުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.
މިހާރުވެސް ރާއްޖޭގެ އިގްތިސޯދަށް މި ބަލީގެ ސަބަބުން އަސަރުކޮށްފައިވާ ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ސަރުކާރުން އަޅާ ފިޔަވަޅުތަކަކީ ބަލިމަޑުކަމެއް ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ކުރާ ބުރަ މަސައްކަތެއް ކަމަށެވެ.
ކޮރޯނާ ވައިރަސް ފެތުރުނަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތައް:
މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކަށް މީހުން ދިއުން މަނާ ކުރުން
ރިސޯޓުތަކުން ރިސޯޓުތަކަށް ދިއުން މަނާ ކުރުން
ރާއްޖޭގެ ހުރިހާ ގެސްޓް ހައުސްތަކަކަށް ބިދޭސީން އެތެރެ ކުރުން މަނާ ކުރުން
މާލެ ސަރަހައްދުގައި ޖަމާއަތުގައި ފަރުޟު ފަސް ނަމާދު ކުރުމާއި ހުކުރު ކުރުން މަނާ ކުރުން
ރިސޯޓުތަކަށް އަންނަ ޓޫރިސްޓުން ފިޔަވާ ރާއްޖެއަށް ވައިގެ މަގުން އެތެރެވާ ހުރިހާ އެންމެން (ދިވެހިން، އެކި ވިސާތަކުގައި އަންނަ ބިދޭސީން) ކަރަންޓީން ކުރުން
މާލެ ސަރަހައްދުގެ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދު ކުރުން (ޓޭކް އަވޭ އަދި ޑެލިވަރީގެ ހިދުމަތްދެވޭ)
މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ސްޕާތައް ބަންދު ކުރުން
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ޝީޝާ ބުއިމާއި ހިދުމަތް ދިނުން މަނާ ކުރުން
ބަލި ފެތުރޭ ބައެއް ގައުމުތަކުގެ ވައިގެ ދަތުރުތައް ހުއްޓާލުން
ޓޫރިސްޓުން ތިބި ރަށްރަށުން އެހެން ރަށަކަށް ދިނުން މަނާ ކުުރުން ހިމެނެ އެވެ.
ސަރުކާރުން ދަނީ ބަލި ފެތުރުނަ ނުދިނުމަށް މީހުން ކަރަންޓީން ކުރުމަށް ބޭނުންވާ ވަސީލަތްތައް އިތުރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި މަސައްކަތް ނިމޭއިރު މާލެ ސަރަހައްދުގައި1،000 މީހުންގެ ޖާގައިގެ ކަރަންޓީން ފެސިލިޓީ ގާއިމް ކުރާނެ ކަމަށް ބުނެފައިވެ އެވެ.
މިހާރު ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ބޭނުން ކުރަނީ ކ. ވިލިވަރު، ފަން އައިލެންޑް ރިސޯޓު، ދަރުމަވަންތަ ހޮސްޕިޓަލްގެ11 ވަނަ ފަންގިފިލާ އަދި އއ. ވެލިދޫ އައިލެންޑް ރިސޯޓެވެ. މި ތަންތަނުގައި500 އަށްވުރެ ގިނަ މީހުން ކަރަންޓީން ކޮށްފައި އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް