ރިސޯޓުތަކަށް އަންނަ ޓޫރިސްޓުން ފިޔަވާ ވައިގެ މަގުން ރާއްޖެ އަންނަ އެންމެން ކަރަންޓީން ކުރަން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ނިންމަވައިފި އެވެ.
ރޭ ފަތިހު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ނެރެފައިވާ އެންގުމެއްގައި ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ވިދާޅުވެފައިވަނީ މިއަދުން ފެށިގެން ރާއްޖޭގެއަށް ވައިގެ މަގުން އެތެރެވާ ދިވެހިންނާއި އެކި ވިސާތަކުގައި ރާއްޖެ އަންނަ ބިދޭސީން ސަރުކާރުން ކަނޑައަޅާ ތަނެއްގައި ކަރަންޓީން ވާންޖެހޭނެ ކަމަށެވެ. އެކަމަކު މި އެންގުމުގައި ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންނެއް ނުހިމެނޭނެ އެވެ.
އެމީހުން ކަރަންޓީންވާން ޖެހެނީ14 ދުވަހުގެ މުއްދަތަށެވެ. އަދި މި އެންގުމާއި އެކު މިމަހުގެ18 ވަނަ ދުވަހު ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ނެރުއްވާފައިވާ އަމުރެއް ކަަމަށްވާ ވައިގެ މަގުން ރާއްޖެ އަންނަ ހުރިހާ ދިވެހިން ކަރަންޓީން ވާންޖެހޭ ކަމަށް ބުނެފައިވާ އެންގުން ބާތިލްވީ އެވެ.
މިގޮތަށް އެންގީ މިހާރު އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ނ. ގެ ހަތަރު ވަނަ ނަމްބަރުގެ ދަށުންނެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މުއްދަތުގައި މިފަދަ ހުރިހާ އަމުރެއް ނެރުމުގެ ބާރު ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތައް ލިބިގެންވެ އެވެ.
އެޗްޕީއޭއިން ބުނީ ރާއްޖޭގައި ކޮރޯނާ ވައިރަސް ފެތުރުނަ ނުދިނުމަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށެވެ.
މިހާރު ރާއްޖޭގައި ކޮރޯނާ ވައިރަސް ޖެހިފައި ތިބީ 11 މީހުންނެވެ. ރޭ ސަރުކާރުން ވަނީ މި ބަލި ޖެހުނު 13 މީހުންގެ ތެރެއިން ދެ މީހަކު ރަނގަޅުވެފައިވާކަން އިއުލާނުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް