ކޮރޯނާ ވައިރަސް ޖެހިގެން ރާއްޖޭގައި ފަރުވާ ދެމުންދިޔަ ދެމީހަކު ރަނގަޅުވިކަން ސަރުކާރުން އިއުލާނު ކުރީ ރޭގައި އެވެ.
ބަލިން ރަނގަޅުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެންމެ ސީރިއަސް ވެގެން ފަރުވާދެމުންދިޔަ އިޓަލީގެ70 އަހަރުގެ ފިރިހެނަކާއި އޭނާގެ އަންހެނުންނެވެ ފިރިހެން މީހާގެ ހާލު ސީރިއަސްވެ، ގާތުން މޮނިޓާ ކުރުމަށް އޭނާ އެ ހޮސްޕިޓަލުގެ އައިސީޔޫއަށް ބަދަލު ކުރީ މިމަހުގެ10 ވަނަ ދުވަހު އެވެ.
އެހެން ޕޮސިޓިވްވެފައިވާ މީހުންނެކޭ އެއްގޮތަށް ހާލު އެންމެ ސީރިއަސްވި މީހާއަށްވެސް ފަރުވާދީފައިވަނީ މި ބައްޔަށް ފަރުވާ ދިނުމުގައި އިސްކޮށް އުޅުއްވާ އެ ހޮސްޕިޓަލްގެ ނޭވާލާ ނިޒާމުގެ ޑިޕާޓްމަންޓުގެ ޑޮކްޓަރުންނެވެ. އިސްކޮށް ހުންނެވި ޑޮކްޓަރުންގެ ތެރޭގައި މަޝްހޫރު ނޭވާލާ ނިޒާމުގެ ހާއްސަ ޑޮކްޓަރު މޫސާ އިސްމާއިލް ހިމެނެ އެވެ.
ސީރިއަސްވި މީހާއަށް ދިން ފަރުވާ އާއި ފެނުނު އަލާމާތްތައް:
އެ ދެމީހުން ރަނގަޅުވިކަން ސަރުކާރުން އިއުލާނު ކުރި ބައްދަލުވުމުގައި މުޅި ޓީމްގެ ފަރާތުން ވާހަކަދައްކަވަމުން ޑރ. މޫސަ ވިދާޅުވީ ހާލު ސީރިއަސްވި މީހާއަށް ފަރުވާ ދިނުމަކީ ޗެލެންޖިން އަދި ގިނަ ތަޖުރިބާތަކެއް ލިބުނު ކަމެއްކަމަށެވެ. ފަރުކޮޅުފުށީ އައިސޮލޭޝަނުން ހޮސްޕިޓަލަށް ބަދަލު ކުރިއިރު ވަރަށް ބޮޑަށް ހުން ހުރި އިރު ފަރުވާ ދިން ޑޮކްޓަރުންގެ އަމާޒަކަށްވީ48 ގަޑިއިރު ތެރޭގައި ހުން ދަށް ކުރުމެވެ. އެއީ އެ މުއްދަތުގެ ތެރޭގައި ހުން ތިރި ނުކުރެވިއްޖެ ނަމަ އޭނާގެ ފުރާނައަށް ނުރައްކާވެދާނެތީ އެވެ.
މިއީ ރާއްޖޭގެ ޑޮކްޓަރުން ފަރުވާ ދޭންޖެހުނު މިފަދަ ފުރަތަމަ ބަލިމީހާއަށް ވުމުން އޭނާގެ ފަރާތުން ފެނުނު އަލާމާތްތަކަކީވެސް ޑޮކްޓަރުންގެ ޓީމަށް އާ ކަންތައްތަކެކެވެ. ޑރ. މޫސަ ވިދާޅުވީ އެމީހާގެ ކެލްސިއަމް ދަށްވެ، އަބަދު ބޭރަށް ހިންގުމުގެ އިތުރުން ހޮސްޕިޓަލަށް ގެންދިޔައިންސުރެ ފަސް ދުވަސް ވަންދެން އޮކްސިޖަން ދޭން ޖެހުނު ކަމަށެވެ.
އިތުރު ޓެސްޓު ތައް ހެދުމުން އެނގިގެންދިޔައީ ކޮރޯނާ ވައިރަސް ޖެހި އެމީހާގެ ފުއްޕާގެ ދެފަރާތަށް ނުރައްކާތެރި މިންވަރަކަށް ނިއުމޯނިއާ ޖެހިފައިވާ ކަމެވެ. އެހެންވެ މި ބައްޔަކީ ފުއްޕާމެއާއި ގުޅުންހުރި ނިއުމޯނިއާ ޖެހުމުން ރަނގަޅަސް ފަރުވާ ނުދެވިއްޖެ ނަމަ ވަރަށް އަވަހަށް ފުރާނައަށް ނުރައްކާ ވެދާނެ ބައްޔެއްކަން އެނގިގެންދިޔަ އެވެ.
ޑރ. ވިދާޅުވީ އެ މުއްދަތުގައި މުޅި ޓީމު ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ. އެމީހާއަށް ދެންވާނެ ގޮތް ނޭނގޭތީ އެވެ. އެކަމަކު ފަސް ވަނަ ދުވަހު އޮކްސިޖަންއާއި ނުލާ ނޭވާލެވެން ފެށުމުން މުޅި ޓީމަށް ހިތްހަމަ ޖެހުމެއް ލިބުނު ކަމަށެވެ. ފުރަތަމަ ފަހަރަށް ހަމަ ނޭވާ ލެވުނެވެ.
މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާ ވައިރަސްގައި ހާލު ސީރިއަސްވި މީހާއަށް ފަރުވާ ކުރީ ރާއްޖޭން ބޭރުގައި އެ ބަލިޖެހިގެން ހާލު ސީރިއަސްވާ މީހުންނަށް ދެމުންދާ ބޭހާއި ފަރުވާތަކުގެ މައުލޫމާތު ހޯދައިގެން އެ ގައުމުތަކުގެ ސިއްހީ މާޙިރުންނާއި ވާހަކަދައްކައިގެން ކަމަށް ވިދާޅުވި އެވެ. އެ މައުލޫމާތުތަކާއި ދެވުނު ފަރުވާ ރާޢްޖޭގެ ހުރިހާ ޑޮކްޓަރުންނާއި ހިއްސާ ކުރާނެ ކަމަށް ޑރ. މޫސާ ވިދާޅުވި އެވެ.
އެ ދެމީހުން ބަލިން ރަނގަޅުވިކަން އިއުލާނު ކުރީ ދެ ފަހަރު ކޮރޮނާ ވައިރަސްއަށް ޓެސްޓުކޮށް ނަތިޖާ ނެގެޓިވް ވުމުންނެވެ. ދެން އެމީހުން ބަދަލު ކުރާނީ ސަރުކާރުގެ ކަރަންޓީން ފެސިލިޓީއަކަށެވެ. އެތަނުގައި އެމީހުން14 ދުވަސް ހޭދަ ކުރަން ޖެހޭނެ އެވެ. އޭގެ ފަހުން އަނެއްކާވެސް ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރާނެ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ. އެމީހާ އެނބުރި ގައުމަށް ދިއުމުގެ ހުއްދަ ދޭނީ30 ދުވަސް ފަހުންނެވެ.
ގައުމަށް ދިޔަ ނަމަވެސް ދެ މީހުންގެ ހާލަތު ރާއްޖޭން އަދި އިތުރު ދެ މަހެއްހާ ދުވަސްވަންދެން ބަލާނެ އެވެ. އެއީ ބައެއް މީހުންނަށް އެބަލި ދެވަނަ ފަހަރަށް ޖެހުނު ކަމަށް ބައެއް ގައުމުތަކުން ރިޕޯޓް ކޮށްފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
ފަރުވާދިން ޓީމް:
އައިސީޔޫގައި ބޭއްވި ދެމީހުންނަށް ފަރުވާ ދިނުމުގައި އައޖީއެމްއެޗުގެ ޑޮކްޓަރުންނާއި ނަރުހުން އަމަލު ކުރަމުން ދިޔައީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ މިންގަނޑަށެވެ. މުޅި ހަށިގަނޑު ނިވާކޮށްގެން ތިބޭ ހެދުމާއި އެކުތިބެ އެމީހުންނަށް ފަރުވާ ދެނީ އެ ހެދުމަކީ ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ހެދުމަކަށް ވާތީ އެވެ.
އައޖީއެމްއެޗުގެ ނޭވާލާ ނިޒާމުގެ ޑޮކްޓަރު އަލީ އަބްދުއް ލަތީފު ވިދާޅުވީ އެ ދެމީހުންނަށް ފަރުވާދިން ސިއްހީ ހިދުމަތްތެރިންގެ ތެރެއިން ކުޑަކޮށްވެސް އަލާމާތެއް ފެންނަ މީހަކު މަސައްކަތުން އެކަހެރި ކުރި ކަމަށެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލްގެ17 ވަނަ ފަންގިފިލާ ހާއްސަކޮށްފައިވާނީ ފަރުވާ ދިން މުވައްޒަފުންނަށް ކަމަށް ވިދާޅުވި އެވެ.
ކުޑަކޮށް ކެއްސާލިޔަސް އެމީހުން އެތަނުގައި އައިސޮލޭޓްކޮށް ބެލުމަށް ފަހު އަލާމާތްތައް ދިއުމުން ދޫކޮށްލުމަށް ފަހު އިތުރަށް ކަމެއް ފާހަގަ ވާނަމަ ގޭގައި މަޑު ކުރަން އަންގާއިވާނެ ކަމަށް ވިދާޅުވި އެވެ. މީގެ ކުރިން އައިޖީއެމްއެޗުން ވަނީ އެ ހޮސްޕިޓަލުގެ މުވައްޒަފަކު ބައްޔަށް ޓެސްޓު ކުރި ކަމަށާއި އެކަމަކު ނަތީޖާ ނެގެޓިވް ކަމަށް ބުނެފަ އެވެ.
ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. މޫސަ އިތުރަށް ވިދާޅުވީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖެ އައިސް އުޅޭ އެކި ގައުމުތަކުގެ ސިއްހީ މާހިރުންނާއި ވާހަކަ ދައްކާލުމުން އެ ގައުމުތަކުގައި އަމަލު ކުރަމުންދާ ގޮތް އޮޅުންފިލާ ކަމަށެވެ. އެގޮތުން ބައެއް ގައުމުތަކުގައި އުމުރުން55 އަހަރުން މަތީގެ މީހުންނަށް ވައިރަސް ޖެހުމުން މާބޮޑު ފަރުވާއެއް ނުދީ މަރުވާން ދޫކޮށްލަނީ ކަމަށެވެ.
އެކަމަކު ރާއްޖެއިން އެ ވިސްނުން ނުގެންގުޅޭ ކަމަށާއި ކޮންމެ ދިވެހި ރައްޔިތެއް އަދި މި ބަލި ޖެހޭ ކޮންމެ ބިދޭސީއަކަށް ފަރުވާދީ ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަކީ ސިއްހީ ހިދުމަތްތެރިންނާއި ސަރުކާރުގެ އަމާޒު ކަމަށެވެ. ޑރ މޫސަ ވިދާޅުވީ ވައިރަސް ފެތުރުނަ ނުދިނުމަށް އެޗްޕީއޭއިން އަލާފައިވާ ފިޔަވަޅުތަކަކީ ހަރުދަނާ ރަނގަޅު ފިޔަވަޅުތަކެއް ކަމަށެވެ.
ފުރާނަ އަތްމައްޗަށް ލައިގެން އެ މީހުންނަށް ފަރުވާދިން އައިޖީއެމްއެޗުގެ ޓީމަށް އައްސަރިބަހާއި ސާބަހެވެ. އިއްޔެ އަކީ އައިޖީއެމްއެޗުގެ ސިއްހީ ހިދުމަތުގެ ތާރީހުގައި ފާހަގަ ކޮށްލެވޭނެ ދުވަހެކެވެ. އެ ދެމީހުން ނުރައްކާތެރި މި ބަލިން ސަލާމާތްކޮށްދެވުމަކީ ރާއްޖޭގެ ސިއްހީ ނިޒާމަށްވެސް ލިބުނު ބޮޑު ކުރި އެރުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް