ނަބިއްޔާ (صلى الله عليه وسلم) ގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ.
މާނަ: ”ރަނގަޅު ރަޙުމަތްތެރިޔަކާއި ނުރަނގަޅު ރަޙުމަތްތެރިއެއްގެ މިސާލަކީ އަތަރު ވިއްކާ މީހަކާއި ކަނބުރުވެރިއެއްގެ މިސާލެވެ. އެހެންކަމުން، އަތަރު ވިއްކާ މީހާ ތިބާއަށް ކޮންމެވެސް އެއްޗެއް ދޭނެއެވެ. ނުވަތަ ތިބާ އޭނާގެ އަތުން ކޮންމެވެސް އެއްޗެއް ގަންނާނެއެވެ. ނުވަތަ އަތަރު ވިއްކާ މީހާގެ ކިބައިން މީރުވަސް ލިބުމުގެ އުފާ ލިބޭނެއެވެ. ކަނބުރުވެރިޔަކަށް ބަލާއިރު، އޭނާ ތިބާގެ ފޭރާން އަންދާލާނެ އެވެ. ނޫންނަމަ ތިބާއަށް އޭނާގެ ފަރާތުން ނުބައި ވަހެއް ފޯރުވައެވެ“ (ބުޚާރީ މުސްލިމް)
މިޙަދީޘްގެ ޝަރަޙައިގައި އިމާމް އައްނަވަވީ ވިދާޅުވަނީ ނަބިއްޔާ (صلى الله عليه وسلم)، ރަނގަޅު ރަޙުމަތްތެރިއަކާއި އަތަރު ވިއްކާ މީހަކާއި މިސާލު ޖެއްސެވީ ކަމުގައެވެ. އަދި ރަނގަޅު ރަޙުމަތްތެރިން ތިބުމުގެ މަތިވެރި ކަމުގެ ވާހަކަ ޙަދީޘް ކުރެއްވިއެވެ. އެމީހުންގެ ކިބައިގައި އަޚްލާޤާއި، ތަޤްވާވެރިކަމާއި، ޢިލްމާއި އަދި ރަނގަޅު އާދަތައް ވާނެއެވެ. އެފަދަ މީހުންނަކީ އެމީހުންގެ ކިބައިން އަހަރެމެންނަށް މަތިވެރިކަން ލިބިދޭ މީހުންނެވެ. އަދި އެކަލޭގެފާނު (صلى الله عليه وسلم) ވަނީ ނުބައި ޢަމަލް ކުރާ މީހުންނާއި، ގިނަ ފާފަތަކާއި އެހެނިހެން ނުބައި ޢަމަލުތައް ކުރާ މީހުންނާއި، އަދި ބިދުޢަވެރިންނާއި، ޣީބަ ބުނާ މީހުންނާއި މިނޫންވެސް މިފަދަ މީހުންނާއި އެކުގައި އިށީނުން އަހަރެމެންނަށް މަނާކުރައްވާފައެވެ.
އެހެން ޢިލްމުވެރިޔަކު ވިދާޅުވެފައިވެއެވެ.
މާނަ: ”ޞާލިޙުންނާއި އެކުގައި ގުޅުން ބެހެއްޓުމުން، ފައިދާހުރި ޢިލްމާއި، މާތް އަޚްލާޤާއި، ޞާލިޙް ޢަމަލްތައް ލިބުން ނަތީޖާއަކަށް ވާނެއެވެ. އެއާއި ޚިލާފަށް، ނުބައި މީހުންނާއި ގުޅުން ބެހެއްޓުމުން ބުނެވިދިޔަ ހުރިހާ ކަމެއް ވުމުން އެއްކިބާވެއެވެ.“
ﷲ ތަޢާލާ ވަހީކުރެއްވާފައިވެއެވެ.
”وَيَوْمَ يَعَضُّ الظَّالِمُ عَلَى يَدَيْهِ يَقُولُ يَا لَيْتَنِي اتَّخَذْتُ مَعَ الرَّسُولِ سَبِيلا (*) يَا وَيْلَتَى لَيْتَنِي لَمْ أَتَّخِذْ فُلانًا خَلِيلا (*) لَقَدْ أَضَلَّنِي عَنِ الذِّكْرِ بَعْدَ إِذْ جَاءَنِي وَكَانَ الشَّيْطَانُ لِلإنْسَانِ خَذُولا“
އަނިޔާވެރިޔާ އޭނާގެ ދެއަތުގައި ދަތްއަޅާ ދުވަސް ހަނދުމަކުރާށެވެ! އޭނާ (އެދުވަހުން) ބުނާނެއެވެ. އޭ ސަހަރޯއެވެ! ރަސޫލާގެ އަރިހުން މަގެއް ހިފައި، ބޭނުންކުޅަނަމަ، ތިމަންނާއަށް ކިހާ ރަނގަޅުވީސް ހެއްޔެވެ؟ އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ސަހަރޯއެވެ! ތިމަން އެވެނި މީހަކު އެކުވެރިޔަކު ކަމުގައި ނުހިފިނަމަ، ކިހާ ރަނގަޅުވީސް ހެއްޔެވެ! ހަމަކަށަވަރުން، ތިމަންނާއާ ހަމައަށް އެ ޤުރުއާން އައުމަށްފަހު، އޭނާ ތިމަން އެއިން އެއްކިބާކޮށް މަގުފުރައްދައިފިއެވެ. އިންސާނާއަށް އޭނާ ދެރަކޮށް ނިކަމެތިކޮށްލާ އެއްޗެއްކަމުގައި ޝައިޠާނާ ވެއެވެ. (ސޫރަތުލް ފުރުޤާން 29-27)
އެހެންކަމުން ޞާލިޙުންގެ ތެރޭގައި ލައްވާ ހެޔޮލަފާ ރަޙުމަތްތެރިންނާއެކު ލެއްވުމަށް ﷲ ގެ ޙަޟްރަތުން އެދި ދަންނަވަން އަހަރެމެން ޖެހެއެވެ. އަދި އެއިލާހުގެ ކޯފާއިން ދުރުކޮށް އެއިލާގެ ރުހިވޮޑިގަތުމާއި ޖަންނަތަށް ވާޞިލުކޮށްދޭނެ އެކުވެރިންތަކެއް ދެއްވުމަށް އެދި ދުޢާކުރަމާ ހިނގާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް