ރާއްޖޭގެ ދާހިލީ ހަމަޖެހުމާއި ޑިމޮކްރަސީއަށް އަވައްޓެރި އިންޑިއާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.
އިދިކޮޅު ކޯލިޝަނުން މިހެން ބުނީ ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖަޔަޝަންކަރާ މިއަދު އިންޑިއާ ހައި ކޮމިޝަނުގައި ބައްދަލުކުރުމަށް ފަހުގަ ނެރުނު ބަޔާނެއްގައި އެވެ.
އެ ބަޔާނުގައި ބުނީ އެ ކޯލިޝަނުން ވާނީ ރާއްޖެގެ ދާހިލީ ހަމަޖެހުމަކީ އިންޑިއާއަށް މުހިންމު ކަން ފާހަގަ ކޮށްފައި ކަމަށެވެ. ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމް މި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ދުވަހެއް ދުވަހަކަށް ބަލިކަށިވަމުންދާ ކަމަށް އެ ބައްދަލުވުމުގައި ފާހަގަކޮށް، މި ސަރުކާރުގެ ހަރުކަށި އަމަލުތަކާމެދު އިންޑިއާ ފާރަވެރިވެ އޮތުމަށް ބައްދަލުވުމުގައި އެދިފައިވާނެ ކަމަށް ބަޔާނުގައިވެ އެވެ.
ޑިމޮކްރަސީގެ މަގަށް އަލުން ރުޖޫއަވުމަށް ސަރުކާރަށް ނަސޭހަތްތެރިވުމަށް އިންޑިއާ އިން ބާރު އެޅުމަށް އެދިފައިވާނެ ކަމަށެވެ.
މި ބައްދަލުވުމުގައި މަނީ ލޯންޑަރިންގެ ކުށުގައި ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންސާނީ ހައްގުތައް ގެއްލެމުންދާ ކަމަށާއި ޖަލުގައި ހުންނަނީ ނުހައްގުން ކަމަށް ފާހަގަކޮށް އެ މައުލޫމާތު ފޮރިން މިނިސްޓަރާ ހިއްސާކުރިކަން ބަޔާނުގައިވެ އެވެ. އަދި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުސަތު ތަނަވަސްވެފައި ނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މި ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސުން ކަމަށްވާ މުހައްމަދު ހުސައިން ޝަރީފާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި ޕީޕީއެމްގެ ނައިބުން ކަމަށްވާ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދ ގައްސާން މައުމޫނާއި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ބައިވެރިވެ ވަޑައިގަތެވެ. ލީޑަޝިޕްގެ މި ބޭފުޅުންގެ އިތުރުން އެޑްވައިޒަރުން ކަމަށްވާ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވެސް ބައިވެރިވެ ވަޑައިގަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް