ރުޅިއަކީ އިންސާނާގެ ތޮބީޢީ ކަމެކެވެ. ރުޅިނާންނަ ހަމަ އެކަކުވެސް ނުހުންނާނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެގޮތުން އެކި މީހުން ރުޅިއަންނަނީ އެކި ކަންކަމުގައެވެ. ބައެއް މީހުން އާދައިގެ ކުދިކުދި ކަންކަމުގައި ފަސޭހައިން ރުޅި އަންނައިރު، އަނެއް ބަޔަކު ރުޅި އަންނަނީ ވަރަށް އުނދަގުލުން ބޮޑެތި ކަންކަމުގައެވެ.
ރުޅި އަންނަ ހިނދު ސިކުނޑިއަށް ތަފާތު ގޮތްގޮތުން ބަދަލުތައް އާދެއެވެ. އެގޮތުން ސިކުނޑީގެ ޖަޒުބާތުތަކާ ބެހޭ މައި ވުޒާރާ އިން ޖަޒުބާތުތައް ވަރުގަދައަށް ހޫނުކޮށް ކައްކާލަނީ އެވެ. ސިކުނޑީގެ ސެރެބްރަލް ކޯޓެކްސްއޭ މިކިޔާ ބަޔަކީ ހަމަހޭގައި މީހާ ބަހައްޓައިދިނުމަށް މަސައްކަތްކުރާ ސަރަހައްދެވެ. ވިސްނުންތެރިކަމާ އެކު ކަންކަން ނިންމައި ފިޔަވަޅު އެޅުމަށް ލަފާ ދޭ ވުޒާރާ އަކީ މިއީ އެވެ.
ދެން މި އަންނަނީ ސިކުނޑީގެ ޖަޒުބާތު ކޮންޓްރޯލްކުރާ ވުޒާރާ އެވެ. އެބަޔަށް މި ކިޔަނީ ލިމްބިކް ސިސްޓަމް އެވެ. މިސާލަކަށް މީހަކު ކަމަކާ މާ ބޮޑަށް ހިތްހަމަނުޖެހިއްޖެ ނަމަ އަބަދުވެސް އެންމެ ފުރިހަމަ ބާރުގައި މަސައްކަތްކުރަން ފަށާނީ ސިކުނޑީގެ މި ލިމްބިކް ސިސްޓަމެވެ.
ޖަޒުބާތުތައް ކެކިގަންނަން ފެށޭ ހިސާބަކީ މިއީ އެވެ. އެއަށް ފަހު މި ޖަޒުބާތުތަކުގެ ލީޑަރަކަށް ވެގެން ދަނީ އަމީގްޑާލާއޭ ކިޔުނު ބައެކެވެ. ތަންކޮޅެއް ދިވެހިންނާ މި ދުވަސްކޮޅު ރައްޓެހި ރާގަކުން ބުނަނީ ނަމަ ސިކުނޑީގެ ބަޑި ގުދަނަކީ މިއީ އެވެ. އަމީގްޑާލާ އަކީ ހުރިހާ ޖަޒުބާތުތަކެއް ރައްކާކުރެވިފައިވާ ގުދަނެވެ.
ރުޅިއަރައިގަތީމަ ނުވަތަ ބިރުން ފިތްކަނޑައިގެންދާ ވަގުތު ވެސް މި ގުދަން ހުޅުވި ޖަޒުބާތުތައް އުތުރިއަރައި ހަމަނުޖެހުން ހިނގައި ދަނީ އެވެ.
އެންމެން ވެސް ބުނެ އުޅެއެއް ނޫން ހެއްޔެވެ؟ އެންމެ ބުއްދިވެރި މީހާ އަކީ ރުޅި އަންނަ ވަގުތު އެ ރުޅީގެ މައްޗަށް ގަދަވެގަނެ އެ ރުޅި މައިތިރިކުރާ މީހާ އެވެ.
ސައިންސްގެ އަލީގައި މިކަމަށް އަލި އަޅުވާލާއިރު، ރުޅިއަރައިގެން އަންނަ ވަގުތު ނުވަތަ ރުޅިގަދަވާ ކަހަލަ ކަމެއް މެދުވެރިވާ ހިނދު އަމިއްލަ މީހާގެ އިހްސާސްތައް ނުވަތަ ޖަޒުބާތުތަކުގައި މަތި ޖަހައި ބަންދުކޮށްލުމަކީ ރުޅިއައިކަން ނުވަތަ ހިތްހަމަނުޖެހުނުކަން ނުދައްކައި ހުރެވިދާނެ ކަމެވެ. ނަމަވެސް އިލްމީ ނަޒަރަކުން ނުވަތަ ސައިންސްގެ އަލީގައި މިއަށް ބަލައިލާއިރު ރުޅި ކޮންޓްރޯލްކުރުމަށް ގެންގުޅޭ މި އުސޫލަކީ ނުވަތަ މި ފަރިތަކުރުމަކީ އެހައި ސިއްހަތަށް ރަނގަޅު ގޮތެއް ނޫނެވެ.
އަރައިގެން އަންނަ ރުޅީގައި މަތިޖަހައި ބަންދުކޮށްލުމަކީ ބޮމެއްގެ ބާރު މިނުގައި ސިކުނޑި ގޮވައިފާނެ ކަމެކެވެ. މި ދެންނެވީ އެތެރޭގެ ޖަޒުބާތުތަކުގެ ނުރައްކާ ބޮޑުވާ ވާހަަކަ އެވެ.
މިގޮތަށް ރުޅި ކޮންޓްރޯލްކުރަން މަސައްކަތްކުރުމަކީ ޖަޒުބާތުގައި ޖެހިގެން ސިކުނޑި ގެންނަ ޖަޒުބާތުތަކަށް ލިބޭ ހިތްވަރެކެވެ. ސަބަބަކީ އޭގެ ސަބަބުން މީހާގެ ސްޓްރެސް ލެވެލް އާދަޔާހިލާފަށް މަތިވެ ނެގެޓިވް ފީލިންސްތަކެއްގެ ތެރެއަށް އެ މީހާ ދަމައިގެން ގެންދާތީ އެވެ. އެއް ކަހަލަ ބަޣާވާތުގެ ވެރިޔާ އަމީގްޑާލާ ހަމައިން ނެއްޓިގެން ދަނީ އެވެ.
އެހެންވީމަ، ސިކުނޑީގެ ޖަޒުބާތުތައް ރައްކާކޮށްފައިވާ ގުދަން ފަޅައިގެން ދިޔައީމަ ދެން ކަންތައް ވާނެ ގޮތް ވިސްނާލައްވާށެވެ.
ރުޅީގައި މަތި ޖަހައި ބަންދުކުރުމަތީ އޭގެ ނޭދެވޭ އަސަރު ދެން ހުންނަ މީހާ އަށް ކުރާ ކަމެކެވެ. އިހްސާސްތައް ހިފަހައްޓާލައިގެން އަނގައިން ނުބުނެ ހުރީމަ ދެން ހުންނަ މީހާގެ ލޭ ދާނީ ބޮކި ޖަހާފައި ކެކެމުންނެވެ. މިއީ ތިމާ އާއި ދެން ތިބި މީހުންނާ ދެމެދު އޮންނަ ގުޅުމަށް ވެސް ނޭދެވޭ އަސަރުކޮށް ބާކީކޮށްލަފާނެ ކަމެކެވެ.
ރުޅިއައިސްގެން އެހެން މީހަކު ތިމަންނައާ ދިމާލަށް އެއްޗެހި ގޮވައި ހަމަލާ ދޭން މަސައްކަތްކުރާ ހިނދު އޭނާއާ ކުރިމަތިލައި އަމިއްލަ މީހާ އަކީ ރުޅިގަދަ މީހެއްކަން ދައްކާލުމުގެ ބަދަލުގައި އެމީހެއްގެ ހާލަތާ މެދު ފުރަތަމަ ވިސްނާލާށެވެ.
ފަހަރެއްގައި ރުޅިގަދަވެގެން އެ އުޅޭ މީހާގެ މަންމަ ނިޔާވީ އިއްޔެ ކަމަށް ވެސް ވެދާނެ އެވެ. ނުވަތަ އޭނާގެ އަންހެނުން އޭނާ އަށް ބޭވަފާތެރިވަނީ ކަމަށް ވެސް ވެދާނެ އެވެ. ދެ މީހުން ވަރި ފަށަށް އަރައިގެން އުޅެނީ ކަމަށް ވެސް ވެދާނެ އެވެ.
ޔަގީނަށް ވެސް މީހަކު ރުޅިގަދަވާނީ އެމީހެއްގެ ހަޔާތުގައި ކޮންމެވެސް ކަމެއް ގޯސްވެ އޭގެ ސްޓްރެސް ބޮޑުވެގެންނެވެ. އެހެންވީމަ ރުޅިއައިސްފައި ހުންނަ މީހާއާ ކުރިމަތިލުމުގެ ބަދަލުގައި އޭނާގެ ހާލަތަށް ވިސްނައިލާށެވެ. އޭރުން ވާ ގޮތް އެނގޭ ހެއްޔެވެ؟
އޭރުން ރުޅިއެއް ނާދެވޭނެ އެވެ. ރުޅި އޭގެ ސައިޒަށް ކުޑަވާނީ އެވެ.
ހަގީގަތުގައި މީހެއްގެ ގާތަށް ރުޅި އަންނަނީ ދެން ހުންނަ މީހަކު ކަމެއް ކުރާ ގޮތަކުންނެއް ނޫނެވެ. މީހެއްގެ ގާތަށް ރުޅި އަންނަނީ އެ މީހަކު އެކަމަކާ މެދު ވިސްނާ ގޮތަކުންނެވެ.
އެހެންވީމަ ރުޅިގަދަވެފައި ހުންނަ މީހަކު ޖައްސާ ވައްތަރަކުން އަމިއްލަ މީހާ ރުޅިގަދަ ނުވާށެވެ. އޭގެ ބަދަލުގައި މިހެން ވިސްނާލާށެވެ.
"އޭނާ ރުޅިގަދަވެގެން އެ އުޅެނީ އަހަންނާ ހެދިއެއް ނޫނެވެ. ކޮންމެވެސް އެހެން ހިތްހަމަ ނުޖެހޭ ބޮޑު ކަމެއް އޭނާގެ ހަޔާތުގައި ގޯސްކޮށް ދިމާވެގެންނެއެވެ."
ކުރިމަތިވާ ހާލަތަށް މިފަދަ ގޮތަކަށް ތިމާގެ ގަބޫލުކުރުން ބަދަލުކޮށްލީމަ އެ ހާލަތަށް ބަންޑުންކުރުވާ ޖަޒުބާތުތައް ސިކުނޑީގެ ބާރުން ބަދަލުވެގެން ދެ އެވެ. އެހިސާބުން ތިމާގެ ރުޅި ކޮންޓްރޯލްވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް