މިއަހަރު ރިލީޒް ކުރާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރާ ބޮލީވުޑްގެ ފިލްމު "ޝޭރްޝާހް" ޖުލައި ދެ ވަނަ ދުވަހު ރިލީޒް ކުރާނީ ސިނަމާތަކުގައި ކަމަށް ބުނެފި އެވެ.
އެ ފިލްމުގައި ލީޑްރޯލުން ފެނިގެން ދަނީ ސިދާތް މަލްހޯތްރާ އާއި ކިއަރާ އަދްވާނީ އެވެ. އެ ފިލްމަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދަނީ ސިދާތް ކުޅެފައިވާ ވަރުގަދަ ޑަބަލް ރޯލުންނެވެ.
ފިލްމު "ޝޭރްޝާހް" އަކީ އިންޑިއާގެ އަސްކަރީ އޮފިސަރެއް ކަމަށްވާ ވިކްރަމް ބަޓްރާގެ ހަޔާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ބައޮގްރަފީ އެކެވެ. މި ފިލްމުގައި ސިދާތް ކުޅެނީ ވިކްރަމް އާއި އޭނާ އާއި އެންމާބަނޑު ވިޝާލް ބަޓްރާގެ ރޯލެވެ.
އެ ފިލްމަށް އިންތިޒާރު ކުރާ ގިނަ ބަޔަކު ބޭނުންވީ ފިލްމު ރިލީޒް ކުރަނީ އޮންލައިންކޮށްތޯ ނުވަތަ ސިނަމާތަކުގައި ތޯ ބަލާށެވެ. މިދިޔަ އަހަރު ޖުލައި ގައި ރިލީޒް ކުރަން ހަމަޖެހިފައި އޮތް މި ފިލްމު ރިލީޒް ކުރުން ލަސްކުރީ ކޯވިޑް-19 އާއި ގުޅިގެން އިންޑިއާގެ ސިނަމާތައް ބަންދު ކުރުމުންނެވެ.
މި ފިލްމަކީ ސިދާތް އާއި އޭނާގެ ލޯބިވެެރިޔާ ކަމަށް އަޑުފެތުރިފައިވާ ކިއަރާ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. ކިއަރާ އާއި އެކު ކުޅޭ ފުރަތަމަ ފިލްމަށް ވާތީ މި ފިލްމު ރިލީޒް ކުރާނެ ދުވަހަކަށް ވަރަށް އިންތިޒާރު ކުރާ ކަމަށް މީގެ ކުރިން ސިދާތް ބުނެފައިވެ އެވެ. އެކަމަކު ދެމީހުންގެ ގުޅުމަށް މިހާތަނަށް އެއްބަސްވެފައެއް ނުވެ އެވެ.
ވިިޝްނޫ ވަރްދަން ޑައިރެކްޓު ކުރާ ފިލްމު "ޝޭރްޝާހް" އަކީ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސްކުރާ ފިލްމެކެވެ.
ސިދާތު ބޮލީވުޑަށް ތައާރަފްވީ 2012 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔާ" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް