ތޫނު އެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ، އިބްރާހިމީހިޔާ ނަދީމް އަބްދުލް ކަރީމް މަރާލި މައްސަލައިގެ ޝަރީއަތް އަނެއްކާވެސް ކެންސަލްކޮށްފި އެވެ.
ނަދީމް މަރާލާފައިވަނީ 2017 ވަނަ އަހަރު ޓާމިނަލް ކެފޭ ތެރޭގައި އިންދަ މޫނު ނިވާކޮށްގެން ތިބި ބަޔަކު ގޮސް ތޫނު އެއްޗަކުން ބޮލަށް ހަމަލާދީ އެވެ. ނަދީމްގެ މަރުގެ މައްސަލަައިގެ ޝަރިއަތް ތާވަލް ކޮށްފައި އޮތީ މިއަދު ހެނދުނު 10:00 އަށެވެ.
މި މައްސަލައިގަ ދައުލަތުން ތޫނު އެއްޗަކުން ހަމަލާދީ އޭނާ މަރާލި ކަމުގެ ދައުވާ އުފުލާފައިވަނީ މާލެ، ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށެވެ. ނަދީމް މަރާލުމުގެ ކުށުގައި ބައިވެރިވިކަމުގެ ދައުވާ އުފުލާފައިވަނީ ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިންއާއި، ގއ. ގެމަނަފުށި ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ އިތުރުން ލ. ގަން ވިދާތަރި އަލީ ނިފާޒުގެ މައްޗަށެވެ.
މި މައްސަލައިގެ މިއަދު ޝަރީއަތް ކެންސަލް ކުރަން ޖެހުނީ ދައުލަތުން ހުށަހަޅާ ސިއްރު ހެކިން ހާޒިރު ނުކުރެވިގެންނެވެ. ނަދީމްގެ މަރުގެ މައްސަލައިގަ މިދިޔަ ހަފްތާގައި ބާއްވަން އޮތް ޝަރީއަތްވެސް ކެންސަލް ކުރީ ސިއްރު ހެކިން ހާޒިރު ނުކުރެވިގެން ދައުލަތުން އެދިގެން ނެވެ.
ދައުލަތުން ހުށަހެޅި ސިއްރު ހެކިން ހާޒިރު ކުރެވިފައި ނުވާއިރު މިދިޔަ މަހު މާލޭގައި އެ ރެއެއްގައި ހިންގި މާރާމާރީތަކާއި ނަދީމްގެ މަރާ ގުޅިގެން ކޯޓުގައި ހެކި ބަސް ދިނުމާއި ގުޅުން ހުރި ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
އެ މަރާމާރީތަކާއި ގުޅިގެން ފުލުހުން ހައްޔަރު ކުރި މީހަކު މާލޭގައި އިތުރަށް މާރާމާރީ ހިންގާފާނެ ކަމަށް ބަލައި ތަހުގީގު ނިމެންދެން ހުރީ ބަންދުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް