އުތުރުތިލަފަޅުގައި އިންޑިއާއިން ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރަނީ

އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި އިންޑިއާ އާއި ރާއްޖެއިން ސޮއިކޮށްފި އެވެ. ބަންޑާރަކޮށީގައި މިއަދު އޮތް ރަސްމިއްޔާތުގައި، އުތުރުތިލަފަޅު ބަނދަރާއި ގުޅޭ އެއް...

21 Feb 2021 | 09:09

އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި އިންޑިއާ އާއި ރާއްޖެއިން ސޮއިކޮށްފި އެވެ.

ބަންޑާރަކޮށީގައި މިއަދު އޮތް ރަސްމިއްޔާތުގައި، އުތުރުތިލަފަޅު ބަނދަރާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ، ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ޑިފެންސް މިނިސްޓަރު މާރިއާ އަޙްމަދު ދީދީ އެވެ. އިންޑިއާގެ ފަރާތުން ސޮއި ކުރެއްވީ މިވަގުތު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން ހުންނެވި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެމްއެންޑީއެފް ކޯސްޓްގާޑު ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމް ވިދާޅުވީ މި ބަނދަރާއި ޑޮކްޔާޑު އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުން ކޯސްޓްގާޑުގެ ސިފައިން، އެތައް އަހަރެއް ވަންދެން، ކުރަމުން އައި އުންމީދެއް ހަގީގަތަކަށް ވެގެން ގޮސްފައިވާ ކަމަށެވެ.

ބަނދަރާއި ޑޮކްޔާޑުގެ ސަބަބުން ލިބޭނެ މައިގަނޑު ފައިދާތަކުގެ ތެރޭގައި، ރާއްޖެއިން ބޭރަށް ނުގެންގޮސް، ރާއްޖޭގައި ބާއްވައިގެން ކޯސްޓްގާޑުގެ އުޅަނދުތަކަށް ބޭނުންވާ މަރާމާތުގެ ކަންކަން ކުރެވުމުގެ ސަބަބުން ހަރަދާއި ވަގުތު ސަލާމަތްވާނެ އެވެ. ބަނދަރުގެ ސަބަބުން ބޮޑެތި އުޅަނދުތަކަށް އެއްވަގުތެއްގައި ބަނދަރުކުރެވުމުގެ ސަބަބުން ލިބޭ ފަސޭހަތަކާއި، އިންސާނީ އެހީއާއި ކާރިސާގެ ވަގުތުތަކުގައި ހިންގާ އޮޕަރޭޝަންތައް ފަސޭހަކަމާއެކީ ކުރިއަށް ގެންދިޔުމަށް މަގުފަހިވާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އުތުރުތިލަފަޅުގެ "ސިފަވަރު"ގައި ތަރައްގީކުރާ ބަނދަރާއި ޑޮކްޔާޑަކީ، 2016 ވަނަ އަހަރު، އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރި ޑިފެންސް އެކްޝަން ޕްލޭންގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއު އެކެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އުތުރުތިލަފަޅުގައި ތަރައްގީކުރާނީ ޒަމާނީ، ނޭވަލް ބަދަރެކެވެ.

އަދި ބަނދަރަށް ބޭނުންވާ އެހެނިހެން އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރާނެ އެވެ. މީގެ އިތުރުން މުވާސަލާތީ ވަސީލަތްތަކާއި ރާޑަރުގެ ހިދުމަތްތައް ތަރައްގީ ކުރުމަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އިންޑިއާގެ ފަންނީ މާހިރުން ދިވެހިން ތަމްރީނުކޮށްދޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ތިން އަހަރުގެ ތެރޭގައި ތަން ތަރައްގީކޮށް، ނިންމައި ބަނދަރާއި ޑޮކްޔާޑު ހުޅުވަން އެއްބަސްވެފައިވާއިރު ޓެކްނިކަލް ސަޕޯޓު ބޭނުންވެއްޖެ ނަމަ، ބޭނުންވާ މިންވަރަކަށް ބޭނުންވާ ވަގުތެއްގައި ލިބޭނެ ކަމަށް އެއްބަސްވުމުގައިވެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ތަނުގައި އިންޑިއާގެ އަސްކަރީ އެއްވެސް ބަޔަކު ނުތިބޭނެ ކަމަށެވެ. އެކަމަކު ތަން ތަރައްގީ ކުރުމުގެ މަސައްކަތް ކުރާނީ އިންޑިއާ އިން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް