ހުޅުމާލެ ފޭސް 1 ސެންޓްރަލް ޕާކުގައި އަލަށް ތަރައްޤީ ކުރެވުނު ރެކްރިއޭޝަނަލް ޒޯނާއި އިންޓެރެކްޓިވް ޒޯން އިއްޔެ ވަނީ ރަސްމީކޮށް ހުޅުވާފައެވެ. މިކަމަށް އިއްޔެ ހަވީރު ބޭއްވުނު ރަސްމިއްޔާތުގައި މި ސަރަހައްދުތައް ހުޅުވާދެއްވާފައިވަނީ މިނިސްޓަރ އޮފް ފޮރިންގ އެފައާޒް އަބްދުالله ޝާހިދު އާއި އިންޑިއާގެ އެކްސްޓޭނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރްއެވެ.
އަދި މީގެއިތުރުންވެސް ހުޅުމާލެ ޖެޓީ ސަރަހައްދުގައި މަރާމާތުކޮށްފައިވާ ޖެޓީވެސް ވަނީ އިފުތިތާޙްކޮށްދެއްވާފައެވެ. ސެންޓްރަލް ޕާކްގައި އިއްްޔެ ހުޅުވާލެވުނު ދެ ސަރަޙައްދުގެ މަސައްކަތަކީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދެވުނު މަޝްރޫޢުއެކެވެ.
މިގޮތުން މި ދެ ޒޯންގެ ތެރޭގައި އިއްޔެ ހުޅުވާލެވުނު ރެކްރިއޭޝަނަލް ޒޯން އަދި އިންޓެރެކްޓިވް ޒޯންގައި ހިމެނެނީ ސްކޭޓިންގ އޭރިއާ، އައުޓްޑޯ ޖިމް، ވިއުއިންގ ޕްލެޓްފޯމް، ކުޑަކުދިން ކުޅޭ ސަރަހައްދެއް އަދި ޕާކިންގ ޒޯން އާއި ބައިސިކަލް ދުއްވުމަށް ޙާއްޞަ ރޫޓެކެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޗް.ޑީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އާތިފް ވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކް ސަރަހައްދަކީ ހުޅުމާލެ ތަރައްޤީ ކުރުމުގެ ވަރަށް މުހިއްމު އެއް ޕްރޮޖެކްޓް ކަމުގައި ފާހަގަކުރައްވާ އިންޑިއާ ސަރުކާރަށާއި އެމްބަސީއިން ވެދެއްވާ އެހީ ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި މީގެއިތުރުންވެސް މިގޮތަށް އާއްމުނަށް ހުޅުވާލެވޭ ސަރަޙައްދުތައް ހެޔޮގޮތުގައި ބޭނުންކުރެއްވުމަށް ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ފޮރިންގް މިނިސްޓަރުގެ އިތުރުން އިންޑިއަން އެމްބަސީގެ އިސް ބޭފުޅުންނާއި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިއާޒް ވަނީ ބައިވެރިވަޑައިގަންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް