އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެއެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗު ފެށިގެން ތިން ވަނަ މިނިޓްގައި ޗެލްސީގެ ކައި ހަވާޓްޒް ވަނީ ލަނޑެއް ޖަހައިފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖަހަން މާ ހުސް ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.
ފުރަތަމަ ހާފާއި ޚިލާފަށް ލިވަޕޫލުން ދެ ވަނަ ހާފު ފެށީ ވަރުގަދަކޮށެވެ. އެ ގޮތުން ދެ ވަނަ ހާފުގެ ވަރަށް ކުރީކޮޅު ލިވަޕޫލުން ޗެލްސީގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއެވެ. ނަމަވެސް ޗެލްސީގެ އޭރިއާތެރެއިން ލިވަޕޫލްގެ ނަބީ ކެއިޓާ ފޮނުވާލި ބޯޅައަށް ޗެލްސީގެ ތިއާގޯ ސިލްވާ ވަނީ ހުރަސް އަޅާފައެވެ.
މެޗުގެ ދެ ވަނަ ހާފުގައި ޗެލްސީއަށް ވެސް ލަނޑު ޖަހަން ރަނގަޅު ދެ ފުރުސަތެއް ލިބުނުއިރު، މި ދެ ފުރުސަތުވެސް ލިބުނީ ދެވަނަ ހާފުގައި ކުޅެން އެރި އެޓީމާއި އަލަށް ގުޅުނު ޔޫކްރެއިން މިޑްފީލްޑަރ މުޑްރިކަށެވެ. ނަމަވެސް އޭނާއަށް ލިބުނު މި ދެ ފުރުސަތުވެސް ބޭނުން ކުރެވޭ ގޮތެއް ނުވިއެވެ.
މި މެޗު އެއްވަރުވެގެން ނިންމާލަން ޖެހުނުއިރު، މި ނަތީޖާއާއި އެކު ލިވަޕޫލް ލީގުގެ އަށް ވަނައިގައި އޮތީ ކުޅުނު 19 މެޗުން ލިބުނު 29 ޕޮއިންޓާ އެކު އެވެ. އަދި ޗެލްސީ 10 ވަނައިގައި އޮތީ ކުޅުނު 20 މެޗުން ލިބުނު 29 ޕޮއިންޓާއި އެކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް