ޕީޕީއެެމްއާ ކޯލިޝަން ހަދާފާނެތީ "އުޑު ބޮލަށް ވެއްޓިދާނެތީ" އުޅޭހެން ބަޔަކު ބިރުން އުޅޭ: ނަޝީދު

އިދިކޮޅު ޕާޓީ ކަމަށްވާ ޕީޕީއެމްއާއެކު އެ މަނިކުފާނު ކޯލިޝަން ހަދާފާނެތީ "އުޑު ބޮލަށް ވެއްޓިދާނެތީ" އުޅޭހެން  ބަޔަކު ބިރުން އުޅޭކަމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖި...

21 Jan 2023 | 12:41

އިދިކޮޅު ޕާޓީ ކަމަށްވާ ޕީޕީއެމްއާއެކު އެ މަނިކުފާނު ކޯލިޝަން ހަދާފާނެތީ "އުޑު ބޮލަށް ވެއްޓިދާނެތީ" އުޅޭހެން  ބަޔަކު ބިރުން އުޅޭކަމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑިޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ކުރައްވަން ގއ. މާމެންދޫއަށް ވަޑައިގެން މިއަދު އެ ރަށުގައި ބޭއްވެވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބެލެވޭގޮތުގައި ނަޝީދު މިހެން ވިދާޅުވެފައި ވަނީ ޔާމީނާ އެކު ނަޝީދު ކޯލިޝަން ހައްދަވައިފާނެ ކަމުގެ ބިރު ހީވާ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ކެމްޕޭންކުރަން މާލޭގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ވިދާޅުވެފައި ވާތީއެވެ.

އެގޮތުން ގއ. މާމެންދޫއަށް ވަޑައިގެން ރައީސް ނަޝީދު ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި ވިދާޅުވީ އެމަނިކުފާނު ޕީޕީއެމްއާ  ވާހަކަފުޅު ދައްކަވާތީ "އުޑު ބޮލަށް ވެއްޓިދާނެތީ" އުޅޭހެން އެއް ބަޔަކު ބިރުން އުޅޭ ކަމަށާއި އެއީ ވަރަށް ގޯސް ކަމެކޭ ވެސް އެމީހުން ބުނާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

އަދި އެމްޑީޕީ މިހާރު ވެސް އޮތީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ޤައްޔޫމާ އެކު ކޯލިޝަން ހަދައިގެން ކަމަށާއި އެހެންވީމާ ދެން ޕީޕީއެމްއާ ވާހަކަ ދެއްކުމަކީ ބިރުވެރި ކަމަކަށް ވެގެން އުޅެން ނުޖެހޭ ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ.

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީނަށް ވުރެ ބިރުވެރީ ކުރީގެ ރައީސް މައުމޫނާއި އަދާލަތުޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަމަށް ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެމަނިކުފާނު ނިލަންދުއަށް ދިޔައިރު ކުއްޖަކު ޓިނުގޮޅީގެ ފޮޓޯޖަހާފައިވާ ޓީޝާޓެއް ލައިގެން ހުރިކަމަށެވެ.

މީގެ އިތުރުން އެ ޓީޝާޓަކީ ރައީސް މައުމޫން ވެރިކަމުގައި އަށާރަ މަސްދުވަހު ނަޝީދު ބާއްވާފައި އޮތް ޓިނުގޮޅީގެ ފޮޓޯއެއް ޖަހާފައި އޮތް ޓީޝާޓެއް ކަމަށާއި ރައީސް ޔާމީނަށް ވުރެ ބިރުވެރީ ރައީސް މައުމޫނުކަން ނަޝީދު ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް