އެމަނިކުފާނަށް ދެއްވާ ވޯޓެއް ބާކީ ނުވާނެ ކަމަށާއި ހަރާބުވެސް ނުކުރާނެ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕޭންގައި ގއ. ދާންދޫއަށް ވަޑައިގެން މިއަދު ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ދާންދޫގައި ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެމަނިކުފާނު ފަށައިގަތް ދަތުރަކީ ރާއްޖެ ބަދަލުކުރުމުގެ ދަތުރު ކަމަށާއި ރާއްޖެއަށް ހެޔޮ ގޮތް ގޮތް ހޯދައި ދިނުމަށް މަސައްކަތްކުރުމުގެ ދަތުރު ކަމަށެވެ.
އަދި އެމްޑީޕީގެ ސިޔާސަތުތައް ސަރުކާރުން ތަންފީޒު ނުކުރާ ކަމަށާއި ރާއްޖެއިން އަނެއްކާވެސް ހުދުމުހުތާރު ސިފަތައް ފެންނަން ފަށާފައިވާ ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ.
މިގޮތުން ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ދެއްވާ ވޯޓެއް ބާކީ ނުވާނެ ކަމަށާއި ހަރާބުވެސް ނުކުރާނެ ކަމަށެވެ. ރައްޔިތުންގެ އާމްދަނީ އިތުރުކޮށް އެމްޑީޕީގެ ސިޔާސަތު ތަންފީޒުކުރާނެ ކަމަށްވެސް ނަޝީދު ވިދާޅުވެފައި ވެއެވެ.
ޑިމަކްރޮސީ އަކީ ދެފުށް ފެންނަ ސާދާ ވެރިކަން ކަމަށާއި ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި ކުރެވޭ ރައްޔިތުންގެ ވެރިކަން ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ގެންގުޅުއްވާ ފޯމިއުލާއަކީ ވައްކަންކުރުމާއި އޮޅުވާލުން ފަދަ ފޯމިއުލާއެއް ކަން ޔަޤީންނުވާތީ ކަންބޮޑުވާ ކަމަށާއި އެފޯމިއުލާއަކީ ރައްޔިތުންނަށް މަޢުލޫމާތު ދީގެން ރައްޔިތުން ބަލައިގަންނަ ސިޔާސަތަކީ ކޮބައިތޯ ދެނެގަނެގެން ހުރިހާ ރައްޔިތުންނަށް އަމިއްލަ ޒަމީރުގެ މިނިވަންކަން ލިބިގެން ބޭނުން ގޮތަކަށް އޭނާ ވޯޓު ދޭން ދާދިޔުމަށް ދޫކޮށްލުން ކަމުގަ ވާންޖެހޭ ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް