އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ކަރްނާޓަކާގެ ވެރިރަށް ބެންގަލޫރޫގެ ތާރުއެޅި ބޮޑެތި މަގުތަކުގައި ފުން ވަޅުގަނޑުތަކެއް ހެދޭ މައްސަލަ ބޮޑުވެއްޖެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި ވަޅުގަނޑުތައް ހެދެމުން ދަނީ ބެންގަލޯ ވޯޓާ ސަޕްލައި ސުވަރޭޖް ބޯޑުގެ އިމާރާތަކާއި ދުރުނޫން ހިސާބުތަކެއްގައި އެވެ. އެހެންވެ މި ވަޅުގަނޑުތައް އުފެދުމާއި އެ ބޯޑުން ކުރާ މަސައްކަތަކާއި ގުޅުން އޮތް ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް ރިޕޯޓުތައް ބުނެ އެވެ
އެ ބޯޑުން ދަނީ އެ ސަރަހައްދުގައި ހޮޅިއެއް ވަޅުލުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ.
މިއީ ތާރު އެޅި މަގުތަކުގައި ބޮޑެތި ވަޅުގަނޑުތައް ހެދުމުގެ މައްސަލަ މި މަހު ބެންގަލޫރޫގައި ދިމާވި ތިން ވަނަ ފަހަރެވެ. އަދި ވަޅުގަނޑު ހެދުނު އެއް ސަރަހައްދު މަރާމާތުކުރިތާ ދެ ދުވަސް ތެރޭގައި އަނެއްކާވެސް ވަނީ ފަޅައިގެން ގޮސް، ވަޅުގަނޑު ހެދިފައި އެވެ.
މި މައްސަލަ ދިމާވާން ޖެހޭ ސަބަބު ބެންގަލޯ ވޯޓާ ސަޕްލައި ސުވަރޭޖް ބޯޑުން ދަނީ ތަހުގީގު ކުރަމުންނެވެ. އެކަމަކު މިހާތަނަށް ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
މި ހާދިސާތަކުގައި މީހަކަށް އަނިޔާވިކަމެއް ނޭނގެ އެވެ.
މަގުތައް ހަލާކުވުމުގެ ހާދިސާތައް ހިނގަން ފަށާފައި މިވަނީ އެ ސިޓީގައި މަގެއްގައި ހަދަމުންދިޔަ ބިޔަ ތަނބެއް ވެއްޓި ދެމައިން މަރުވެފައިވަނިކޮށެވެ. މިހާދިސާގައި މަރުވެފައިވަނީ އަންހެނަކާއި އޭނާގެ އަށް އަހަރުގެ ފިރިހެން ދަރިފުޅެވެ.
ތަނބު ވެއްޓުނީ އަންހެން މީހާ އާއި އޭނާގެ ފިރިމީހާ އަދި އެ ކުއްޖާ ސައިކަލުގައި ދަނިކޮށެވެ. މި ހާދިސާގައި ފިރިހެން މީހާ ވަނީ ސަލާމަތްވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް