ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ދުވަހަކުވެސް ޤައުމުގައި ތިބި ޣައްދާރުންނާއެކު މަސައްކަތް ނުކުރަށްވާނެކަމަށް އިދިކޮޅު ޕީއެންސީގެ ލީޑަރ އަބްދުއް ރަޙީމް ޢަބްދުالله ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ކެމްޕޭނު ބޮޑު ޖަލްސާގައި ކުރީގެ ރައީސް ޔާމީން އޯކޭ ނޫން ކަމަށާއި ޔާމީނާއެކުގައި ކުރާނެ މަސައްކަތެއް ނޯންނާނެ ކަމަށް ވިދާޅުވެފައި ވާތީ ރައްދު ދެއްވަމުންނެވެ.
އަދި ރައީސް ޞާލިހް ކުރީގެ ރައީސް ޔާމީން އޯކޭ ނޫން ކަމަށް ވިދާޅުވެފައި މިވަނީ އެމްޑީޕީ ޕްރައިމަރީގެ އެމަނިކުފާނާ ވާދަކުރައްވާ ކެންޑިޑޭޓު އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު، ރައީސް ޔާމީނަށް ތާއީދު ކުރައްވާ، ރައީސް ޔާމީނަކީ ވިޝަނަރީ، ނޮލެޖު ހުރި ބޭފުޅެއް ކަމަށާއި އޮތް ހަމައެކަނި ހިޔާލު ތަފާތުވުމަކީ އިންޑިއާ އައުޓު ކެމްޕޭން ކަމަށް ވިދާޅުވެފައި ވާތީއެވެ.
އެގޮތުން ރައީސް ޞާލިހް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ކެމްޕޭނު ބޮޑު ޖަލްސާގައި ރައީސް ޔާމީނާއެކު ސިޔާސީގޮތުން ކުރިއަށް ދިޔުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫންކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވާ އަދުރޭ ވިދާޅުވީ ޤައުމުގައި ތިބި ޣައްދާރުންނާއެކު މަސައްކަތް ކުރެއްވުމަށް ރައީސް ޔާމީން ނޫޅުއްވާ ކަމަށެވެ.
އަދި އެއީ ދުވަހަކުވެސް ރައީސް ޔާމީން ކުރަށްވާނެ ކަމެއް ނޫން ކަމަށް އަދުރޭ ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން ރައީސް ޔާމީނަކަށް ޤައުމުގެ ޣައްދާރުން އޯކޭއެއްނޫން ކަމަށް އަދުރޭ ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް