އަންހެނުންނާއި ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އދ. އާއި ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރުމަށް އެއްބަސްވެއްޖެ އެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި އދ ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ރެސިޑެންޓް ކޯޑިނޭޓަރު ކެތްރީން ހޭޒްވެލްއެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެެރިކަން ހުންނަ މީހުންގެ އިތުރުން ނަފްސާނީ އެކި ބަލިތައް ތަހަންމަލްކުރަމުންދާ މީހުންނާއި ފަޤީރު ހާލުގައި ދިރިއުޅެމުންދާ މީހުންނަށް އެހީވުމަށް ފަންޑު ލިބެ އެވެ. އދ. ގެ ކޯވިޑް-19 ރެސްޕޮންސް އެންޑް ރިކަވަރީ މަލްޓި ޕާޓްނާ ޓްރަސްޓް ފަންޑުން ދޭ މި އެހީގެ ގޮތުގައި ޖުމްލަ 452،500.00 އެމެރިކާ ޑޮލަރު ދިނުމަށް ހަމަޖެހިފައިވެ އެވެ.
މި ޕްރޮޖެކްޓުން މައިގަނޑު ތިން ދާއިރާއަކަށް އެހީ ލިބޭނެ އެވެ. އޭގެ ތެރޭގައި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާތައް ހުއްޓުވުމާއި އަންހެނުން ބާރުވެރި ކުރުވުމާއި ދަރިމައިވުމުގެ ސިއްޙަތާއި ގުޅުންހުރި ކަންކަމަށް ބޭނުންވާ އެހީތެރިކަން ފަސޭހައިން ލިބޭނެ ގޮތްތައް ފަހިކުރުމާއި އިޤްތިޞާދީ ދާއިރާއިން އަންހެނުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުން ހިމެނެއެވެ
އަދި ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެެރިކަން ހުންނަ މީހުންގެ އިތުރުން ނަފްސާނީ އެކި ބަލިތައް ތަހަންމަލްކުރަމުންދާ މީހުންނާއި ފަޤީރު ހާލުގައި ދިރިއުޅެމުންދާ މީހުން ހިމެނޭހެން މުޖުތަމަޢުގައި ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތައް ދެނެގަނެ އެފަރާތްތަކަށް އެހީތެރިވުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމާއި ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ސަރުކާރުން ފަށާފައިވާ ރިކަވަރީ ޕްލޭންގައި ހިމެނޭ ކަންކަން ފަހި ކުރުމާއި އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެކަށީގެންވާ ނިޒާމެއް ޤާއިމްކުރުންވެސް މި ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ.
މި އެއްބަސްވުމުގެ ސަބަބުން ކޯވިޑް-19 އިން އަރައިގަތުމަށް ރާއްޖެއަށް އެހީތެރިކަން ލިބިގެންދާއިރު ދެމެހެއްޓެނިވި ތަރައްގީއަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަށް އެއްބާރުލުން ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް