ސިލްސިލާ ވާހަކަ: ޒާރާ - ފަސްދޮޅަސް ހަތްވަނަބައި

'' ދެން މިހާރު އެނގިއްޖެ.............. ކޮންމެހެން އަޑު ބަދަލުކުރަން އުޅޭނެ ކަމެއްނެތް.......މަށަކަށް ނޯޅޭނެ އިނގޭ ތިއަޑެއް.............. އާނ......... ހަދިޔާ ވަރަށް ކަމުދޭ............ އެނގޭ އަވަރަށް ލޯ...

21 Jan 2021 | 18:21

'' ދެން މިހާރު އެނގިއްޖެ.............. ކޮންމެހެން އަޑު ބަދަލުކުރަން އުޅޭނެ ކަމެއްނެތް.......މަށަކަށް ނޯޅޭނެ އިނގޭ ތިއަޑެއް.............. އާނ......... ހަދިޔާ ވަރަށް ކަމުދޭ............ އެނގޭ އަވަރަށް ލޯބިން ފޮނުވި އެއްޗެއްކަން ........... ވަރަށް ލޯބިވާކަން ގަބޫލުކުރަން................. އެނގޭ ލޯބިވާތީކަން ތިގޮތަށް ސަޕްރައިޒް ދޭނީ............. އަހަރެންވެސް ވަރަށް މިސްވޭ......................... ހަމަ އެހާ ލޯބިވެސް ވޭ................. އެހާ މޮޅުކޮށް އިބާރާތް ކުރަން ނޭނގުނަސް ................... ހަމަ ވަރަށް ލޯބިވޭ އިނގޭ.......... ގަބޫލުކުރަންތަ އަހަރެން ލޯބިވާކަން...............'' ޒާރާ ހިނިތުންވެލިއެވެ. އިމްރާން އެވާހަކަތައް އަޑު އަހާފައި އުފާވާނެ ވަރު ޒާރާއަށް އަންދާޒާ ކުރެވޭތީއެވެ.

''ހުސް ދޮގު.............. އަހަރެން ދެކެ ލޯބިވާނަމަ އިމްރާނާ ކައިވެންޏެއް ނުކުރީސް.........'' އާދައިގެ ވަރަށްވުރެ ބާރަށް އާދިލް ބުންޏެވެ.

ވާހަކަ ދައްކަނީ އާދިލްކަން އެނގުނުވަގުތު ޒާރާގެ ފައިދަށުން ބިންގަނޑު ދެމިގަތްހެން އޭނާއަށް ހީވިއެވެ. ބުނާނެ އެއްޗެއް ޒާރާއަކަށް ނޭނގުނެވެ. ފޯނު ބާއްވަން ނޭނގިފައި ހުރެވުނީ ކިހާއިރަކުކަމެއް ނޭނގުނެވެ.

ހަމަހިމޭން ވަގުތު ކޮޅަކަށްފަހު ފޯނު ކެނޑުނެވެ. ޒާރާ ހީކުރީ ނެޓްވޯކް މައްސަލައަކުން ކެނޑުނީކަމަށެވެ. އެވަގުތު ބެލް ޖަހާލި އަޑު އިވިއްޖެއެވެ. އެއްވެސް ހަރަކާތެއްނެތް ބުދެއް ފަދައިން ޒާރާ އަށް ހިނގައިގަނެވުނީ ދޮރާ ދިމާއަށެވެ.

ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރި އާދިލް ފެނުމުން ޒާރާއަށް ފަހަތަށް ޖެހިލެވުނެވެ. އެވަގުތު ޒާރާގެ މޫނުމަތީގައިވާ ހިނިތުންވުން ފޮހެވިގެން ދިޔައެވެ.

ޒާރާގެ މޫނަށްވެސް ބަލާލުމެއްނެތި އާދިލް އެތެރެއަށްވަނެވެ. އަދި ދޮރު ލެއްޕިއެވެ. އެހެންނަމަވެސް ޒާރާ ހަމަ ހުރިގޮތަށް ހުރީއެވެ. އެނބުރި އާދިލް އާ ދިމާލަށް ބަލާވެސް ނުލައެވެ. ހީވަނީ އެހުރިތަނަށް ގަނޑުވެފައި ހުރިހެނެވެ. އަތެއް ފައެއް ހަރަކާތެއް ނުކުރެއެވެ.

އެގޮތައްހުއްޓާ ޒާރާގެ ކަންފަތުގައި ޖެހުނީ ދެންމެ އޭނާ ފޯނުން ދެއްކި ވާހަކަ ތަކެވެ. ޒާރާގެ މެޔަށް ހޫނު ފެން އެއްޗެއް އޮއްސާލި ކަހަލައެވެ. މުޅިގައިން ހޫނު އަރައިގަތެވެ. ހިތް ތެޅިގަތްލެއް ބާރުކަމުން ހީވީ މޭ ފަޅާފައި ބޭރަށް ފުންމާލަން އުޅުނުހެނެވެ. އަތްފައި ފިނިވެ ދާހިއްލަން ފެށިއެވެ.

''މީ ހަމަ ހުސް ދޮގު ދޯ.............'' ޕްލޭވަމުންދިޔަ ކޯލް ރެކޯޑިން ނިމުމުން އާދިލް ޒާރާގެ ގާތަށް ޖެހިލަމުން ސުވާލުކުރިއެވެ. އާދިލްގެ މޫނަށް ބަލާނެ ހިތްވަރެއް ޒާރާއަކަށް ނުލިބުނެވެ.

ފޯނުން ވާހަކަދެއްކީ އާދިލްކަން އެނގުނުނަމަ ޒާރާ އެގޮތަކަށް ވާހަކައެއް ނުދެއްކީހެވެ. އަދި އެ މާބޮނޑިއަކީ އާދިލް ފޮނުވި އެއްޗެއްކަން އެނގުނުނަމަ އޭގައި ޒާރާއެއް ނުވެސް ހިފީހެވެ.

''ބުނެބަލަ............. ކީއްވެ މަށަށް މިހެން ތިހެދީ.............. ޒާރާ މަށާ މެރީ ކުރާނަމެކޭ ނުބުނަންތަ............. މަށަށް އެތައް ވަޢުދެއްވެފަ .......... އަހަރެން އެކްސިޑެންޓްގަ ކޯމާއަކަށް ދިޔައިމަ އަހަރެންމަތިން ހަނދާން ނައްތާލީ............ އެއީތަ ޒާރާ އަހަރެން ދެކެ ވީ ލޯބި................. އެއީތަ އަހަރެން ޒާރާދެކެ ހިތާ ފުރާނައިން ވީ ލޯބީގެ އަގު ދޭން ޒާރާ ބޭނުންވި ގޮތަކީ................. އަހަރެން ނިކަމެތި ފަގީރަކަށް ވީމަދޯ............. މުންސަންޖަކު ހޯދީ............. އިމްރާން އަކީ ޒާރާގެ ފިރިމީހާކަން އެނގުނުނަމަ އަހަރެން އޭނާގެ އެހީތެރިކަން ބޭނުމެއް ނުކުރާނަން............ ޒާރާ އަކީ ފައިސާއާ މުދަލަށް ހެއްލި، އަމިއްލަ ފުރާނައަށްވުރެ ބޮޑަށް ޒާރާ ދެކެ ލޯބިވާ މީހާ ދޫކޮއްލާނެ މީހެއްކަން އެނގުނުނަމަ މަގޭ ދިރިއުޅުން މިގޮތަށް ފަނާވެގެން ނުދިޔައީސް............... ތީ ދޮގުވެރިއެއް............. މަކަރުވެރިއެވެ........... ބޭވަފާ...............'' އާދިލް އަށް އޭނާގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.

''އާދިލް.................... '' ޒާރާ އަށް ހަޅޭލަވައިގަނެވުނެވެ. އޭނާ ބޭނުންވީ ވަރަށްވުރެވެސް ބާރަށެވެ. އާދިލްއާ ދިމާއަށް ބަލަން ހުރިއިރު ޒާރާގެ ލޮލުން ފާޅުވަމުންދަނީ ނަފުރަތުގެ އަސަރުތަކެވެ. އޭނާގެ ހަށިގަނޑު ތުރުތުރު އަޅަމުންދިޔައެވެ.

''ބޭނުންހާ އެއްޗެއް ކިޔުމުގެ ހައްޤެއް އާދިލަކަށް ނޯންނާނެ.......... އާދިލް ކޮންމެ ގޮތަކަށް ހީކުރިޔަސް މަށަށް އެއްވެސް ފަރުވާލެއް ނެތް............... އެކަމަކު ހަޤީގަތް އަޑުއިއްވާލަން ބޭނުން......... އަޑުއަހާ................'' ޒާރާ ދެލޮލުން ވެއްޓެން އައި ކަރުނަތިކި ފޮހެލަމުން ހަށިގަނޑު ހަމަޔަކަށް އަޅުވާލަން މަސައްކަތް ކުރިއެވެ.

''އަހަރެން އިމްރާނާ އިނީ އޭނާގެ މުއްސަނދިކަން ފެނިގެން އޭގެ ބޭނުމަކު ނޫން.............. އެއީ މަޖުބޫރުން އަހަރެންގެ މަންމަ އަހަރެންލައްވާ ކުރުވި ކައިވެންޏެއް............. އާދިލް އަށް އަހަރެން ބޭވަފާތެރިއެއްވެސް ނުވަން........... އާދިލް ހޯދަން އަހަރެން މަސައްކަތް ކުރިން................. އެތައްގޮތަކުން ހަބަރެއް ވޭތޯ ބެލިން............ އެންމެފަހުން އަހަންނަން ލިބުނު މައުލޫމާތަކީ އާދިލްގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ޑޮކްޓަރުން އުންމީދު ކަނޑާލި ހަބަރު........... އޭގެ ފަހުން އާދިލް އަށް ވީގޮތެއް އަހަންނަކަށް ނޭނގެ........... '' ޒާރާ އޭނާގެ ހިތަށް އުނދަގޫ ކުރަމުން ދިޔަ ވާހަކަތައް އާދިލްގެ ކަންފަތާހަމައަށް ފޯރުކޮއްދިނުމަށްފަހު ފުން ނެވާއެއް ބޭރުކޮއްލިއެވެ. ކަރުނައިން ފުރިފައިވާ ދެލޮލުން އާދިލްގެ މޫނަށް ބަލާލިއެވެ. ހިތްވަރުކޮއްފައި އާދިލްގެ ކުރިމައްޗަށް ގޮސް ހުއްޓުނެވެ.

''ޒާރާ................. އަހަންނަށް މާފުކުރޭ................ ޒާރާގެ ކައިވެންޏަކީ މަޖުބޫރުން ކުރެވުނު ކައިވެންޏެއްކަމެއް އަހަންނަކަށް ނޭނގެ............ ގަދަކަމުން މައިންބަފައިން ކުރުވާ ކައިވެންޏެއްގަ އެއްވެސް އުފަލެއް ނުލިބޭނެ........... ޒާރާ.............. އަރެންގެ ލޯބީގެ ދުނިޔެ ވަނީ ޒާރާއަށްޓަކައި ހުޅުވާލެވިފަ................ ތިޔަ ހިތްދަތި ހަޔާތުން އުފާވެރި ހަޔާތަކަށްމަރުޙަބާކިޔަން  އަހަރެންގެ އަތުގައި ހިފާ..........'' އާދިލް ޒާރާގެ އަތުގައި ހިފާލުމަށް އަތް ދިއްކޮއްލިއެވެ.

''ހަބަރުދާރު............. އަހަރެންގެ ގައިގައި އަތްނުލާތި................ މިއަދު އަހަރެން މީ މީހެއްގެ އަންބެއް........ މަންމަ އެއް............ އަހަރެން މަތިން ހަނދާން ނައްތާލާ..................'' ޒާރާ އަނެއް ފަރާތަށް އެނބުރުނެވެ. އާދިލްގެ މޫނަށް ބަލަން އޭނާގެ ހިތަކަށް ކެތެއް ނުވާނެކަން އެނގޭތީއެވެ. އޭނާގެ އަޒުމަށް ބުރޫއަރަން ބޭނުން ނުވާތީއެވެ. އާދިލްގެ މޫނުފެނި، އެ ޖަޒުބާތުގެ އޮއިވަރުގައި ބެހިގެން ދާން ފުރުސަތު ނުދިނުމުގެ ގޮތުންނެވެ.

''ކީކޭ.............. ހަނދާން ނައްތާލާށޭ................ ޒާރާ ............. ތީ އެހާ ފަސޭހަ ކަމެއް ނޫން.............. ހައެއްކަ އަހަރު އަހަރެން މި އިންތިޒާރު ކުރީ ޒާރާ އަށް............ އެވެސް ޒާރާ ފެންނާނެ ކަމުގެ އެއްވެސް އުންމީދެއް ނެތި............. އެތަން މިތަނުގައި ބިކަ ތެޅެމުން، ބަލި އެނދުގައި ވަގުތު ގުނަމުންވެސް އަހަރެން ޒާރާއަށް އިންތިޒާރު ކުރީން.............. ޒާރާގެ ލޯބި އަހަރެން ބޭނުންވާތީ.............. އަހަރެން ޒާރާ ދެކެ ހަގީގީ ލޯބިވާތީ.............'' އާދިލްގެ އަޑު ބެދިއްޖެއެވެ. އޭނާ ހަމަ ރަނގަޅަށްވެސް ރޯން ފަށައިފިއެވެ. ގިސްލަމުންނެވެ. އެއީ ޒާރާއަށް އަހަން ފަސޭހަ އަޑެއް ނޫނެވެ. އާދިލް އެގޮތަށް ރޯތަން މީގެ ކުރިން ޒާރާއަށް ފެނިފައެވެ ނުވެއެވެ.

''އާދިލް.............'' ޒާރާ ކަންބޮޑުވީ އާދިލްގެ ނޭވާ ކުރުވާން ފެށުމުންނެވެ. ނޭވާ ނުލެވިގެން އާދިލް ތެޅިފޮޅެންފަށައިފިއެވެ. ބޮލުގައި ދެއަތުން ބާރަށް ހިފަހައްޓައިގެން ހުރެ ގިސްލަމުން ދިޔައިރު އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދެއެވެ.

ނުނިމޭ..... ވާހަކައިގެ އާ ބައެއް، އިންޝާﷲ 26 ޖަނަވަރީ ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ، އިންތިޒާރުކޮށްލައްވާ.....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް