ޔޫއެންޑަބުލިއުޓީއޯގެ އޭޝިއާ ޕެސިފިކްގެ ރީޖަނަލް ޑިރެކްޓަރާއި ޓޫރިޒަމް މިނިސްޓަރު ބައްދަލުކުރައްވައިފި

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގައި ޔޫ.އެން.ޑަބުލިއު.ޓީ.އޯ އާއި ގުޅިގެން ކުރެވިދާނެ ކަންތަކާއި ބެހޭގޮތުން ދިވެހިރާއްޖެއިން މަޝްވަރާކޮށްފި. މިމަޝްވަރާތައް ކުރިއަށް ގެންދެވުނީ ޑރ...

21 Jan 2021 | 11:23

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގައި ޔޫ.އެން.ޑަބުލިއު.ޓީ.އޯ އާއި ގުޅިގެން ކުރެވިދާނެ ކަންތަކާއި ބެހޭގޮތުން ދިވެހިރާއްޖެއިން މަޝްވަރާކޮށްފި.

މިމަޝްވަރާތައް ކުރިއަށް ގެންދެވުނީ ޑރ. ޢަބުދުﷲ މައުޞޫމްއާއި ޔޫ.އެން.ޑަބުލިއު.ޓީ.އޯ ގެ އޭޝިއާ އެންޑް ޕެސިފިކްގެ ރީޖަނަލް ޑިރެކްޓަރ މިސްޓަރ ހެރީ ހޮންގް އާއި ދެމެދު ބޭއްވުނު ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި މިއަހަރު ޝްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ،ދިވެހިރާއްޖެއިން ޗެއަރކުރާ ޔޫ.އެން.ޑަބުލިއު.ޓީ.އޯގެ ރީޖަނަލް ކޮމިޝަން ފޯރ ސައުތު އޭޝިއާގެ ބައްދަލުވުމާއި ގުޅުވައިގެން ދިވެހިރާއްޖޭގައި އިވެންޓެއް ބޭއްވުމާއި، ފަތުރުވެރިކަމުގެ ތެރެއިން އަންހެނުން ބާރުވެރިކުރުވުމާއި، ފަތުރުވެރިކަމުގެ ލާބައާއި މަންފާ ސީދާ ރައްޔިތުންނަށް އިތުރަށް ލިބޭނެގޮތްތައް ދެނެގަނެ ޙައްލު ހޯދުމުގައި އެޖަމްޢިއްޔާއިން ވެވިދާނެ އެހީ ހިމެނެއެވެ.

މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަ ކުރުމުގެ ގޮތުން 2022 ވަނަ އަހަރު ހިންގުމަށް ރާވަމުންގެންދާ ޙަރަކާތްތަކުގައި ޔޫ.އެން.ޑަބުލިއު.ޓީ.އޯގެ ބައިވެރިވުމާއި އެއްބާރުލުން ހޯދުމުގެ މަޝްވަރާތައްވެސް ކުރެވުނެވެ.

ޔޫ.އެން.ޑަބުލިއު.ޓީ.އޯގެ އެގްޒެކަޓިވް ކައުންސިލްގެ 113 ވަނަ ބައްދަލުވުމުގައި ބައިވެރިވުމަށް މިނިސްޓަރ ޑރ.މަޢުޞޫމް ސްޕެއިންގެ މެޑްރިޑަށް ކުރައްވާ ދަތުރާއި ގުޅުވައިގެން ބޭއްވި މިބައްދަލުވުމުގައި ޔޫ.އެން.ޑަބުލިއު.ޓީ.އޯގެ ރީޖަނަލް ޑިޕާރޓްމަންޓް ފޯރ އޭޝިއާ އެންޑް ޕެސިފިކްގެ އެސިސްޓެންޓް ޑިރެކްޓަރ ލީ ޔަންގް އާއި ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކަޓިވް ޑިރެކްޓަރ ފަޟީލާ ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް