ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ.
އެ އިސްލާހު ގެނެސްފައިވަނީ ލޯކަލް ކައުންސިލް އިންތިހާބާއި ބެހޭ ހާއްސަ ގާނޫނު2020 އަށެވެ. މަޖިލީހުން މި އިސްލާހު ފާސްކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.
ބިލު މަޖިލީހުން ފާސްކުރީ 38 މެމްބަރުންގެ ވޯޓުންނެވެ. ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.
މިހާރު ބިލު އޮތް ގޮތުން، އަދިވެސް މެއި 10 ގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ. އެ މުއްދަތުގައި އިންތިހާބު ނުބޭއްވޭނަމަ، 30 ދުވަހުގެ ތެރޭގައި އެކަން މަޖިލީހަށް އެންގުމަށް ބިލުގައި އޮތީ ހިމަނާފައެވެ.
މި ގާނޫނަށް ގެނައި އިސްލާހާއި އެކު މިއަދުން ފެށިގެން ހަތް ދުވަސް ތެރޭގައި ކައުންސިލް އިންތިހާބު ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އިރުޝާދާއި އެކު އިލެކްޝަންސް ކޮމިޝަނުން ފަށަން ޖެހެ އެވެ. އަދި އެ މުއްދަތުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅަންޖެހޭ އުސޫލުތަކާ ގަވައިދުތައް އެކުކަވާލައި އާންމު ކުރަންޖެހެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އަންނަ އޭޕްރިލް މަހުގެ ތިން ވަނަ ދުވަހު ކައުންސިލް އިންތިހާބު ބޭއްވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް