ކ. މާފުށީގައި ކުނި މެނޭޖްކުރެވޭނެ ގޮތެއް ނެތް ކަމަށްބުނެ އެ ރަށުގެ ވަކި ސަރަހައްދެއްގެ މޫދާއި ފަޅަށް ކުނި އަޅާ މައްސަލައިގަ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ ރަށު ކައުންސިލަށް އިންޒާރު ދީފި އެވެ.
މާފުށީ ވަކި ސަރަހައްދެއްގެ ފަޅަށް ކުނި އަޅަމުން ދަނީ އެ ސަރަހައްދުން ކުނި ބޭރު ނުވާނެހެން މޫދުގައި ދަލެއް ޖަހައި އެ ސަރަހައްދު ބައްދައިގެންނެވެ. އެކަމަކު އެ ދަލުގެ އެކި ތަންތަން ކަނޑައިގެން ގޮސް ކުނިތައް ދަނީ ސަރަހައްދުން ބޭރުވަމުންނެވެ.
މިފަހަކަށް އައިސް މިކަން އާންމުންގެ ސަމާލުކަމަށް އައީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އާންމުންގެ ފާޑުކިޔުން މިކަމަށް އަމާޒު ވުމާއި ގުޅިގެންނެވެ.
މި މައްސަލައިގަ މިއަދު އީޕީއޭއިން ވަނީ މާފުށީ ކައުންސިލަށް ސިޓީއެއް ފޮނުވާފައި އެވެ. އެ ސިޓީއާއި ގުޅޭގޮތުން އީޕީއޭއިން ބުނީ މާފުށީ ބައެއް ފަރާތްތަކުން ކުނި މެނޭޖުކުރުމުގެ ގަވާއިދާ ޚިލާފަށް ތަކުރާރުކޮށް އަމަލުކުރަމުންދާ މައްސަލަ ބަލާ އެކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެ ރަށު ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ.
ފަޅުތެރެއަށާއި މޫދުގައި ފެންސް ޖަހައިގެން ކުނި އެޅުން ވަގުތުން ހުއްޓާލުމަށާއި، އެ ސަރަޙައްދަށް އަޅާފައިވާ ކުނިތައް ނަގާ ސާފުކުރުމަށް އަންގާފައިވެ އެވެ.
އީޕީއޭއިން ބުނީ އެ ކައުންސިލަށް ފޮނުވި ސިޓީގައި ކުނި މެނޭޖުކުރުމުގެ ގަވާއިދާ އެއްގޮތަށް ރަށުގެ ވޭސްޓް މެނޭޖްމަންޓް ޕްލޭން ތައްޔާރުކޮށް އެ އެޖެންސީން ހުއްދަ ހޯދުމަށް ހުށަހެޅުމަށް އަންގާފައިިވާނެ ކަމަށެވެ. އަދި މާފުށީގައި އުފެދޭ ކުންޏާމެދެ މިހާރު އަމަލުކުރަމުންދާ ގޮތުގެ ތަފްސީލު މިއަދުން ފެށިގެން ތިން ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް އެންގުމަށް އަންގާފައިވެ އެވެ.
މީގެ އިތުރުން ކުނި މެނޭޖްކުރާނެ ސެންޓަރެއް ރަށުގައި ގާއިމުކުރެވެންދެން މާފުށީގައި އުފައްދާ ކުނި އަޅާނެ ވަކި ސަރަޙައްދެއް ކައުންސިލުން ކަނޑައަޅައި އެ އެޖެންސީން ހުއްދަ ހޯދުމަށް ކައުންސިލަށް ފޮނުވި ސިޓީގައި އަންގާފައިވެ އެވެ. އީޕީއޭއިން ބުނީ ރަށުގައި ބަހައްޓާފައިވާ އިންސަނެރޭޓަރުގެ ބޭނުން ހިފުމަށާއި، ރަށުގެ ފަޅުތެރެއަށާއި އަތިރިމަތި ސަރަޙައްދަށް ކުނި އަޅަމުންދާ ފަރާތްތައް ހޯދައި އެކަން ހުއްޓުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅައި އެޅި ފިޔަވަޅެއް އެ އެޖެންސީއަށް އެންގުމަށްވެސް އަންގާފައިވާނެ ކަމަށެވެ.
އީޕީއޭއިން ބުނީ މާފުށީ ފަޅުތެރެއަށް ކުނި އަޅާ މައްސަލައިގަ އެލްޖީއޭއަށްވެސް ސިޓި ފޮނުވައިވާނެ ކަމަށެވެ. އަދި އީޕީއޭގެ ޓީމެއް މާފުއްޓަށް ދިޔުމަށް ހަމަޖެހިފައިވާ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް