އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ދިން ކޯވިޑް-19 ގެ ވެކްސިން ކަމަށްވާ "ކޯވިޝީލްޑް" އާއި މެދު އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ހިތްހަމަ ނުޖެހިއްޖެ އެވެ.
އެ ވެކްސިން އަކީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އިން އުފައްދާ، އޮކްސްފޯޑް އެސްޓްރަޒެނެކާގެ ވެކްސިނެކެވެ. އިންޑިއާއިން ވަނީ "ކީވިޝީލްޑް" ގެ100،000 ޑޯޒު ރާއްޖެއަށް ހަދިޔާ ކޮށްފައި އެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ރައްޔިތުންގެ އާންމު ސިއްހަތާއި ދުޅަހެޔޮ ކަމަކީ އެންމެ އިސްކަން ދޭން ޖެހޭ ކަންކަމަށެވެ. އެގޮތުން ކިތަންމެ ބޮޑު ހަރަދެއް ކޮންގެން ނަމަވެސް ކޯވިޑުން ރައްކާތެރި ވުމަށް ރާއްޖެ ގެންނަން ވާނީ ޑަބްލިއުއެޗްއޯއިން އެޕްރޫވް ކޮށްފައި ވާ ވެކްސިންގެ ރައްކާތެރިކަން އެ ޖަމުއިއްޔާއިން ކަށަވަރު ކޮށްދީފައިވާ ވެކްސިނެއް ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.
ބަޔާނުގައި ބުނީ ސަރުކާރުން މިހާރު ރާއްޖެ ގެނެސްފައިވާ ވެކްސިން އަކީ ޑަބްލިއުއެޗްއޯ އިން އަދި ގަބޫލުކުރާ ވެކްސިނެއް ނޫންކަމަށް ކޯލިޝަނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ވެކްސިން އަކީ ތަހުލީލު ކުރުމުގެ މަރުހަލާގައި މިވަގުތު ހުރި ވެކްސިނެއް ކަމަށެވެ.
މީގެ އިތުރުން ބުނީ އެ ވެކްސިނަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ވެކްސިން އެޕްރޫވްކުރާ ކޮމިޓީ އިން ހުއްދަ ދީފައިވާ އެއްޗެއް ނޫން ކަމަށް ވެސް މައުލޫމާތު ލިބިފައިވާ ކަމަށް އިދިކޮޅުން ބުނެއެވެ.
އިންޑިއާއިން ދިން ވެކްސިނާއި މެދު ހުރި ކަންބޮޑުވުންތައް އިތުރަށް ހާމަ ކުރަމުން ބުނެފައިވަނީ ޑަބްލިއުއެޗްއޯއިން ގަބޫލުކުރާ ވެކްސިނަކަށް ދިވެހިން އިންތިޒާރު ކުރަމުން ދަނިކޮށް އެހެން ވެކްސިނެއް ރާއްޖޭގައި ޖަހަން ފެށުމަކީ އެ ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ އަދި ހިތާމަކުރާ ކަމެއް ކަމަށެވެ. އެގޮތުން ޑަބްލިއުއެޗްއޯއިން އެޕްރޫވް ނުކުރާ ވެކްސިންއެއް ބޭނުން ކުރުމަށް އެއްވެސް ދިވެހި ރައްޔިތަކަށް މަޖުބޫރު ނުކުރުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.
ވެކްސިނެއް ތަހުލީލު ކުރުމުގެ މަރުހަލާއެއްގައި ދިވެހިން ބޭނުން ނުކުރުމަށް ވެސް އިދިކޮޅުން ގޮވާލާފައިވެ އެވެ.
އިދިކޮޅުން ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރައްކާތެރިކަން ކަށަވަރު ކޮށްފައިވާ ވެކްސިން ތަކެއް އެބަހުރި ކަމަށެވެ. ބަލިތަކުން ދިފާއުވުމަށް ޖަހާ ވެކްސިން އަކީ އެ ވެކްސިންއަކާ ގުޅޭގޮތުން ގިނަ ތަހުލީލުތަކެއް ކުރުމަށް ފަހު، ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ސިއްހަތާ ބެހޭ މާހިރުންގެ ރައުޔާއި އެއްގޮތަށް އުފައްދާ އެއްޗެއް ކަމަށް ވެސް އިދިކޮޅުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް