ރާއްޖެ ގެނައި ވެކްސިންގެ ރައްކާތެރިކަން ޔަގީންކުރެވިފައި ވޭތަ؟

އިއްޔެ ރާއްޖެ ގެނައި ވެކްސިން ރައްޔިތުންނަށް ދެވޭނީ ރާއްޖޭގައި ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބަލާ ހުރިހާ މިންގަޑުތަކަކަށް ބެލުމަށްފަހުގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިތީގެ ހުއްދަ ...

21 Jan 2021 | 05:30

އިއްޔެ ރާއްޖެ ގެނައި ވެކްސިން ރައްޔިތުންނަށް ދެވޭނީ ރާއްޖޭގައި ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބަލާ ހުރިހާ މިންގަޑުތަކަކަށް ބެލުމަށްފަހުގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިތީގެ ހުއްދަ ލިބުމުން ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.

ރާއްޖެ ގެނެސްފައި ވަނީ އޮކްސްފޯރޑް އަދި އެސްޓްރަޒެނެކާއިން ލައިސެންސްދީގެން، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ހަދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ.

މި ވެކްސިންގެ ސައިޑް އެފެކްޓްގެ ތަރޭގައި ހުން އައުމާއި ވެކްސިން ޖެހި ތަނަށް ތަދުވުމުގެ އިތުރުން އެލާރޖީ ވުން އެކަށީގެންވެއެވެ.  ވެކްސިން ޖަހާ ކޮންމެ ތަނެއްގައިވެސް ބޮޑެތި ސައިޑް އިފެކްޓްތަކަށް ތިބޭނީ ތައްޔާރު ވެގެން ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

50،000 މީހުންނަށް މި ވެކްސިން ޖެހޭނެ ކަމަށް ބެލެވޭއިރު، މިހާރު ގެނެވިފައިވަނީ އެއް ލައްކަ ޑޯޒްއެވެ. މިއީ ހިލޭ ލިބިފައިވާ ވެކްސިން އެކެވެ.

މި ޝިޕްމަންޓްގެ އިތުރުން މިހާތަނަށް ވަނީ ކޮވިޑް ވެކްސިން ހޯދުމަށްޓަކައި އެސްޓްރަޒެނެކާ ސިންގަޕޫރު ކުންފުންޏާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. ދި ކޯވެކްސް ފެސިލިޓީގެދަށުން އާބާދީގެ 20 އިންސައްތައަށް ލިބޭ ވެކްސިން ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރިއަށް އެބަ ދެއެވެ. ކުރިޔަށް އޮތް ތިން މަސް ތެރޭ މި ވެކްސިން ލިބޭނެކަމަށް ލަފާކުރެވެއެވެ.

އާ ވެކްސިން އެއް ޖެހުމަކީ ބޮޑު ތައްޔާރީތަކެއް ވާންޖެހޭ ކަމެއް ކަމަށާއި މި ވެކްސިން ޖަހަން ފެށުމުގެ ކުރިން، ވާން ޖެހޭ ހުރިހާ ތައްޔާރީތައް ރަނގަޅަށް ވާނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި ވެކްސިން އެންމެ ފުރަތަމަ ޖަހާނީ ސިއްހީ ހިދުމަތްތެރިންނާއި ސޯޝަލް ވޯކަރުންނަށެވެ. އެއަށް ފަހު އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ. 18-50 އަހަރުގެ ތެރެއިން ހައި ރިސްކް މީހުންނަށް ވެކްސިން ޖެހުމަށްފަހު ޓީޗަރުން، ޕޮލިހުން، ޓޫރިޒަމް އިންޑަސްޓްރީގެ މީހުންނަށް ވެކްސިން ދެވޭނެއެވެ. މިވަގުތަށް މި ވެކްސިން ދޭ މީހުންގެ ތެރޭގައި ކުޑަ ކުދިންނާއި މާބަނޑު މީހުން ނުހިމެނެއެވެ. ސަބަބަކީ މި ދެންނެވިފައިވާ ފަރާތްތަކުގެ ޓްރައަލްސް އަދި ނިމިފައި ނުވާތީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް