ރޮނާލްޑޯގެ ކެރިއަރުގެ ކާމިޔާބު ކުރި 760 ވަނަ ގޯލާއެކު ޔުވެންޓަސް އިން އިޓާލިއަން ސުޕަރ ކަޕް ކާމިޔާބުކޮށްފި

ޕޯޗްގަލް އާއި ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރުގައި ޖެހި 760 ވަނަ ގޯލާއެކު ރޭ ޔުވެންޓަސް އިން އިޓާލިއަން ސުޕަރ ކަޕް ކާމިޔާބުކޮށްފި އެވެ. ރޭ ނަޕޮލީއާއި ދެކޮޅަށް ކުޅުނު ފައިނަލް މެޗު ...

21 Jan 2021 | 05:20

ޕޯޗްގަލް އާއި ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރުގައި ޖެހި 760 ވަނަ ގޯލާއެކު ރޭ ޔުވެންޓަސް އިން އިޓާލިއަން ސުޕަރ ކަޕް ކާމިޔާބުކޮށްފި އެވެ.

ރޭ ނަޕޮލީއާއި ދެކޮޅަށް ކުޅުނު ފައިނަލް މެޗު ޔުވެންޓަސް އިން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއިންނެވެ.

މެޗުގެ ފުރަަމަ ހާފު ފެށިގެން ދެޓީމުން ހަމަހަމަ ކުޅުމެއް ދެއްކިނަމަވެސް ވަކި ހިސާބަކުން މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފައިވަނީ ޔުވެންޓަސްއިންނެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިންމާލީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރެއްގައި އޮވެގެންނެވެ.

އެ ޓީމުގެ ފުރަތަމަ ގޯލް ރޮނާލްޑޯ ކާމިޔާބުކޮށްދިނީ މެޗު 64 ވަނަ މިނެޓްގަ އެވެ. މި ލަނޑާއެކު އޭނާ ބެލެވިފައިވަނީ ޕްރޮފެޝަނަލް ފުޓްބޯޅައިގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ގޮތުގަ އެވެ. ރޭގެ މެޗުގައި ޔުވެންޓަސް އިން ޖެހި ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާ އެވެ.

ރޭގެ މެޗުގައި ނަޕޯލީ އަށްވެސް ލަނޑު ޖަހާނެ ރަގަޅު ފުރުސަތު ތަކެއް ލިބުނެވެ. އެގޮތުން މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް ނަޕޯލީ އަށް ލިބުނު ޕެނަލްޓީ އެ ޓީމުގެ ލޮރެންޒޯ އިންސިނޭ އަތުން ވަނީ ނާކާމިޔާބުވެފަ އެވެ. މީގެ އިތުރުން މެޗުގައި ނަޕޯލީން ފޮނުވާލި ވަރަށް ނުރައްކާތެރި ދެ ހަމަލާ އެއް ޔުވެންޓަސްގެ ގޯލްކީޕަރު ހުށިޔާރު ކަމާއެކު ވަނީ ދިފާއު ކޮށްފަ އެވެ.

މިއީ އިޓާލިއަން ލީގުގެ ފަސް ވަނައިގައި މިވަގުތު އޮތް ޔުވެންޓަސްއިން އިޓާލިއަން ސުޕަރ ކަޕް ކާމިޔާބުކުރި ނުވަ ވަނަ ފަހަރެވެ. އަދި މިއީ އެ ޓީމުގެ ކޯޗް ކަމާ އެންޑްރޭ ޕިރްލޯ ހަވާލުވި ފަހުން ކާމިޔާބުކުރި ފުރަތަމަ ތަށްޓެވެ.

ރޭގެ މެޗުގައި ޖެހި ލަނޑާއި އެކު ޕްރޮފެޝަނަލް ފުޓްބޯޅައިގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ރޮނާލްޑޯ ވެގެން ދިޔައިރު، މިއީ އޭނާގެ ކެރިއަރުގައި ޖެހި 760 ވަނަ ގޯލެވެ. މި ރެކޯޑް ކުރިން އޮތީ އޮސްޓްރިއާގެ ޖޯސެފް ބިކޭން އަތުގައެވެ. އޭނާ ވަނީ ކެރިއަރުގައި 759 ލަނޑު ކާމިޔާބު ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް