ބައެއް މުސްލިމް ގައުމުތަކުން މީހުން އެތެރެވުުން މަނާ ކުރުމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރު އެގައުމުގެ އާ ރައީސް ޖޯ ބައިޑަން އުވާލައްވައިފި އެވެ.
ރައީސް ބައިޑަންގެ ވެރިކަމުގެ ފުރަތަމަ ދުވަހު އިސްކަމެއް ދީގެން ނިންމެވީ ތިން ނިންމެވުމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެއީ އެ އަމުރު އުވާލެއްވުމާއި ޕެރިސް ކްލައިމެޓް އެކޯޑް އާއި އަލުން ގުޅުމެވެ.
އަދި އެގައުމުގައި ކޯވިޑް-19 އާއި ގުޅިގެން އާންމު ތަންތަނުގައި މާސްކު އެޅުން ވަނީ މަޖޫބުރު ކޮށްފައި އެވެ. މީގެކުރިން ސިއްހީ އެތައް މާހިރުންނެއް މާސްކް އެޅުން މަޖުބޫރު ކުރުމަށް އެދެމުން ދިޔަ ނަމަވެސް ކުރީގެ ރައީސް ޓްރަމްޕް ވަނީ އެކަމާ ދެކޮޅު ހައްދަވާފައި އެވެ.
މުސްލިމުން އެތެރެވުން ކޮންޓްރޯލް ކޮށްފައި އޮތް އޮތުމަށް ނިމުން ގެނައުމާއި ޕެރިސް ކްލައިމެޓް އެކޯޑުގައި އަލުން ބައިވެރިވުމަކީ ރައީސް ބައިޑަންގެ ރިޔާސީ ކެމްޕެއިންގެ ވައުދުތަކެކެވެ. މީގެ އިތުރުން އެ ގައުމަށް މީހުން ހިޖުރަ ކުރުމާއި ދެކޮޅަށް ޓްރަމްޕް އަޅުއްވާފައިވާ ބައެއް ފިޔަވަޅުތައް އުވާލާނެ ކަމަށް ވައުވެވަޑައިގެންފައިވެ އެވެ.
ރައީސް ކަމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނިންމަނާނެ ކަންކަމުގެ ތެރޭގައި ކޯވިޑް-19 އާއި ގުޅިގެން ދަރިވަރުންނަށް ލޯނު ދޫކުރުން ހިމެނެ އެވެ. އަދި އެއްވެސް ލިޔެކިޔުމެއް ނެތި އެމެރިކާގެ ބޯޑަރު ހުރަސްކޮށްގެން ދިރިއުޅޭ މެކްސިކޯ ފަދަ ގައުމުތަކުގެ މީހުންނަށް އެމެރިކާގެ ރަށްވެހިކަން ހޯދައި ދެވޭނެ ގޮތްތަކެއް ހޯދާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
އެމެރިކާއަށް އެތެރެވުން މަނާ ކޮށްފައި އޮތް ގައުމުތަކުގެ މީހުންގެ ތެރޭގައި އީރާން، ލީބިއާ، ސޯމާލިއާ، ސީރިއާ އަދި ޔަމަން ފަދަ ގައުމުތަކުގެ މީހުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް