ސްޕެނިޝް ކަޕްގެ "ރައުންޑް އޮފް 32" ގައި ސްޕެއިންގެ 3 ވަނަ ޑިވިޝަންގެ ކްލަބެއް ކަމުގައިވާ އަލްކޮޔާނޯ އަތުން ބަލިވެ، ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑަށް މުބާރާތާ އަލްވަދާއު ކިޔަން ޖެހިއްޖެއެވެ. ރޭގެ މެޗުގެ އިތުރު ވަގުތުގެ 2 ހާފު ކުޅެގެން ނަތީޖާ ނެރެން ޖެހުނުއިރު، ރެއާލް ބަލިވީ 2-1 އިންނެވެ. ގިނަ ބަދަލުތަކަކާއެކު މެޗަށް ނުކުތް ރެއާލް މެޑްރިޑަށް މިއީ ފަހު ތާރީޚެއްގައި ކުރިމަތިވި އެންމެ ލަދުވެތި އެއް ނަތީޖާއެވެ.
ރޭގެ މެޗުގައި ރެއާލް މެޑްރިޑްގެ ފަރާތުން ދަށް، ރޫހެއް ނެތް ކުޅުމެއް ފެނިގެން ދިޔައިރު، ރޭގެ ބައްޔާއެކު މުބާރާތާ ވަކިވާން ޖެހުމުން، މީގެ ކުރިން ދަށް ޑިވިޝަންތަކުގެ ކްލަބްތައް ކަމަށްވާ އަލްކޯކޮން އަދި ރިއަލް ޔޫނިއަން އަތުން ބަލިވި މެޗުތަކުގެ ހިތްދަތި ހަނދާންތައް އާވާނެކަން ޔަގީނެވެ.
ތިން ވަނަ ޑިވިޝަންގެ ކްލަބެއް އަތުން ބަލިވެ ސްޕެނިޝް ކަޕުން ރެއާލް ރޭ ކެޓިއިރު، އޭގެ ކުރިން ރެއާލް ކުޅުނު މެޗުގައި އެތުލެޓިކް ކްލަބް އަތުން ބަލިވެ، ސްޕެނިޝް ސްޕަރކަޕްގެ ފައިނަލްގެ ޖާގަ ވެސް ވަނީ ގެއްލިގެން ގޮސްފައެވެ. އެހެންކަމުން، ރެއާލްގެ ކޯޗު ޒިދާންގެ މަގާމާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.
ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ރެއާލް މެޑްރިޑުންނެވެ. ގިނަ ވަގުތު ބޯޅަ ހިފައްޓައިގެން ކުޅުނު ނަމަވެސް، ވަރަށް އާދައިގެ ކުޅުމެއް ފެނުނު ރެއާލްއަށް ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ލަނޑު ޖަހައިދިނީ އެޑާ މިލިޓާއޯ އެވެ. އެހެނަސް މެޗުން މޮޅު ޔަގީން ކޮށްލާނެ އިތުރު ލަނޑެއް ޖެހޭފަދަ ކުޅުމެއް ނުކުޅެވިގެން އުޅެނިކޮށް އަލްކޮޔާނޯއިން ނަތީޖާ ހަމަހަމަކޮށްލީ މެޗުގެ ފަހު ވަގުތުކޮޅުގައެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ ސޮލްބެސް އެވެ. އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ބާކީ 10 މިނިޓް އޮއްވާ، އަލްކޮޔާނޯގެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުން ރެއާލްއަށް މެޗު އިތުރަށް ފަސޭހަވާނެކަމަށް ބެލެވުނެވެ. އެހެނަސް އެންމެން ހައިރާންކޮށްލުމަށްފަހު އަލްކޮޔާނޯގެ ޖުއަނާން ޖެހި ލަނޑާއެކު އެ ކްލަބުން ވަނީ ރެއާލް މުބާރާތުން ކަޓުވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް