ވެކްސިންގެ ބޫސްޓަރ ޑޯޒު ޖެހި މީހުންގެ އަދަދު 22،473 އަށް އަރައިފި

ކޮވިޑް-19 އިން ދިފާއު ވުމަށްޓަކައި ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒު (ބޫސްޓާ ޑޯޒު) ޖެހި މީހުންގެ އަދަދު ރާއްޖެއިން 22،473 އަށް އަރައިފި ކަމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްފީއޭ) އިން މިއަދު ވިދާޅ...

20 Dec 2021 | 18:53

ކޮވިޑް-19 އިން ދިފާއު ވުމަށްޓަކައި ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒު (ބޫސްޓާ ޑޯޒު) ޖެހި މީހުންގެ އަދަދު ރާއްޖެއިން 22،473 އަށް އަރައިފި ކަމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްފީއޭ) އިން މިއަދު ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން އެންމެ ފަހުން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ ނަވާރަ ވީ އާދީއްތަ ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދު ވަނީ 396،410 އަށް އަރާފައެވެ.

އާދީއްތަ ދުވަހު 41 މީހަކު ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައެވެ. މީގެ ތެރެއިން 32 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިންގް ފުރަތަމަ ޑޯޒު ފުރިހަމަ ކުރި މީހުންނެވެ. އަތޮޅު ތަކުން އެދުވަހު ވެކްސިންގް ފުރަތަމަ ޑޯޒު ޖެހީ 9 މީހުނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވެކްސިންގް ދެވަނަ ޑޯޒު އާދީއްތަ ދުވަހު 148 މީހަކު ޖަހާފައިވެއެވެ.

މީގެ ތެރެއިން 107 މީހަކު ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅުތަކުން އެ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒު ޖެހީ 41 މީހުނެވެ. މިއާއެކު ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ  366،358 އަށް އަރާފައެވެ.

މީގެ އިތުރުން، ވެކްސިންގެ ބޫސްޓަރ ޑޯޒު އާދީއްތަ ދުވަހު ފުރިހަމަ ކޮށްފައި ވަނީ  174 މީހުނެވެ. އޭގެ ތެރެއިން 107 މީހުން ވެކްސިންގެ ބޫސްޓަރ ޑޯޒު ފުރިހަމަ ކޮށްފައި ވަނީ މާލެ ސަރަހައްދުންނެވެ.

އަދި އަތޮޅުތަކުން އެ ދުވަހު ވެކްސިންގެ ބޫސްޓަރ ޑޯޒު ފުރިހަމަ ކޮށްފައި ވަނީ 67 މީހުނެވެ. މިއާއެކު ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ  22،473 އަށް އަރާފައެވެ.

ކޮވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒު އެޗްޕީއޭއިން 50 އަހަރުން މަތީގެ މީހުންނަށާއި، ދިފާޢީ ނިޒާމު ބަލިކަށި މީހުންނަށާއި ޕްރޮންޓް ލައިންގައި މަސައްކަތް ކުރައްވާ ސިއްޚީ ޚިދުމަތް ތެރިންނަށް އަމާޒު ކޮށްގެން ޖަހާފައި ވާއިރު ދެކުނު އެފްރިކާ އިން އަލަށް ފެނުނު ކޮވިޑްގެ ވޭރިއަންޓް އޮމިކްރޯން އާއި ދެކޮޅަށް ދިވެހި ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޫސްޓަރ ޑޯޒު ޖަހަން ފަށާފައި ވެއެވެ. ބޫސްޓަރ ޑޯޒުގެ ވެކްސިން ފުރިހަމަ ކުރާ ފަރާތްތަށް ވާން ވާނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒާއިި ދެވަނަ ޑޯޒުު ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދިނުމަށް ބޭނުންކުރަނީ ސިނޮފާމް، އެސްޓްރަޒެނިކާ އަދި ފައިޒާ ވެކްސިނެވެ. ކޮވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒުގެ ގޮތުގައި ޖަހަން ނިންމާފައިވަނީ ފައިޒާ ވެކްސިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް